4 ފެބުރުވަރީ 2025 - 19:57 1
އަހުމަދު އާއިދު
ހިޔާ ފުލެޓުތައް ހުންނަ ޓަވަރެއްގެ ތިރީގައި ކުނިތަކެއް : ރޯދައަށް ގެ ސާފުކުރާއިރު މަގުމައްޗަށް ކުނި ނޭޅުމަށް އީޕީއޭ އިން ވަނީ އިލްތިމާސެކޮށްފި --- ފޮޓޯ: އަދަދު
4 ފެބުރުވަރީ 2025 - 19:57 1
ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކުރާއިރު މަގުމައްޗަށް ކުނި ނޭޅުމަށާއި ކުނި އެކަށޭނަ ގޮތަކަށް އުކާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދައަށް ގެތަކާއި އާންމުކޮށް ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ސަބަބުން ގިނަ އަދަދަކަށް ކުނި އުފެދި، އެ ތަކެތި ސިޓީތަކާއި ރަށްރަށުގެ މަގުމައްޗާއި ދުވާރު މަތީ ބަހައްޓާކަން ފާހަގަވެފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް، މި ފަހަކަށް އައިސް ފިހާރަތަކުންނާއި ގެތަކުން މަގުމައްޗަށް ކުނި ނެރޭކަން ފާހަގަވެފައިވާ ކަަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
"މި ކަމަކީ މަގުތައް ނުސާފުވެ. މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަން،" އީޕީއޭގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
މިފަދަ ކަންކަން ހައްލުކުރުމަށް ރަށްރަށާއި ސިޓީތަކުގައި ކުނި މެނޭޖްކުރާ ފަރާތްތަކާ ގުޅިގެން، ކުނި އުލާވޭނެ އިންތިޒާމެއް ހޯދުމަށްވެސް އީޕީއޭ އިން ބުނެފައިވެ އެވެ.
ތިމާވެށްޓަށް ގެއްލުން ލިބޭނެހެން ކުނި އެޅުމަކީ މަނާ ކަމެއްކަން ވެސް އީޕީއޭގެ އިލްތިމާސްގައި ހަނދާކޮށްދީފައިވެ އެވެ.
ރޯދައާ ގުޅިގެން ގެތައް ސާފުކުރުމަކީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމާ ގުޅިގެން އުފެދޭ ކުނި ރަނގަޅަށް މެނޭޖުނުކުރެވި، ކޮންމެ އަހަރަކުހެން ރޯދައިގެ ކުރިން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ކުނީގެ މައްސަލަ އިތުރުވާކަން ވެސް ވަނީ ފާހަގަވެފަ އެވެ.
Comment