Advertisement

މީޑިއާ ހައުސްއާއެކު ވީ އެއްބަސްވުން އުވައިލިތާ ދެ މަސްފަހުން އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާ އިއުލާނުކޮށްފި

4 ފެބުރުވަރީ 2025 - 17:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް


މީޑިއާ ހައުސްއާއެކު ވީ އެއްބަސްވުން އުވައިލިތާ ދެ މަސްފަހުން އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާ އިއުލާނުކޮށްފި

4 ފެބުރުވަރީ 2025 - 17:07 0

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދުމަށް އެ ކުންފުނިން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްލަހަތު އޮންނަ މޯލްޑިވްސް މީޑިއާ ހައުސްގެ ނަމުގައި ހިންގާ ކުންފުންޏެއް މެދުވެރިކޮށް އޮފީސް އިމާރާތެއް ހޯދަން ހެދި އެއްބަސްވުން ބާތިލުކުރަން ނިންމިތާ ދެ މަސް ފަހުންނެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނީ، އޮފީސް އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. މި ކަމަށް ޝަރުތުހަމަވާ ބަޔަކު ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ހިމެނެނީ ބީލަން ފޮތުގަ އެވެ. ބީލަމުގައި ބައިވެރިވުމަށް 500ރ. ދައްކަން ޖެހެ އެވެ. މިކަމާ ގުޅޭ ތަފުސީލީ ލިޔުންތައް މާދަމާއިން ފެށިގެން ފިނޭންސްގެ ވެބްސައިޓުގައި ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެންސްޕާއަށް އޮފީސް އިމާރާތް ކުއްޔަށް ދޭން ބިޑުކުރާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި 252،000ރ. ބަހައްޓަން ޖެހޭނެ ކަމަށާއި ބިޑު ކުރުމުގެ ސުންގަޑިއަކީ ފެބްރުއަރީ 16، ގެ މެންދުރު 1:00 ގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެންސްޕާ ހިޔާނާތުގެ ފަސްފަހަތް

މީޑިއާ ހައުސް އާއެކު ވި އެއްބަސްވުން ބާތިލުކުރީ "އެމްއެމް ޓީވީ" ޗެނަލް ހިންގުމަށް، އެންސްޕާ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން މަހަކު ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން އެއްބަސްވެފައިވާ ކަމަށް ތުހުމަތު ކުރެވިފައި އޮއްވަ އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރަން، 12،000 އަކަފޫޓުގެ ތަނެއް، ހޯދަން ކުރި އިއުލާނުކުރީ ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެ އިއުލާނާ ގުޅިގެން އިމާރާތް ކުއްޔަށް ދޭން ހުށަހެޅީ ވެސް ހަމައެކަނި މޯލްޑިވްސް މީޑިއާ ހައުސިންނެވެ.

ފަނަރަ ބުރިއަށް ހަދާފައިވާ މއ. ސީރާޒީގެއިން ހަތަރު ފަންގިފިލާއެއް އެމްއެމްޓީވީ އަށް ކުއްޔަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރެއިން އެންސްޕާއަށް ކުއްޔަށް ދިނީ ދެ ފަންގިފިލާ ކަމަށް އިތުބާރުކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވެ އެވެ. ސީރާޒީގޭގެ ޖުމުލަ ބޮޑުމިނަކީ 4365 އަކަފޫޓެވެ.

އެންސްޕާއިން ބޭނުންވާ 12،000 އަކަފޫޓުގެ ޖާގަ ލިބޭނީ ސީރާޒީގޭގެ ތިން ފަންގިފިލާއިންނެވެ. ދެ ފަންގިފިލާ ކުއްޔަށް ނަގާފައި ވާނަމަ އެއީ 8730 އަކަފޫޓެވެ.

އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.

މި މައްސަލަ އޭސީސީންވެސް ދަނީ ބަލަމުންނެވެ. ނަމަވެސް، މިކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް މުއިއްޒު ޑިސެމްބަރު 22، 2024 ގައި ވިދާޅުވީ މައްސަލަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށެވެ.

"އަޅުގަނޑާ ހަމައަށް އެކަމުގެ [އެންސްޕާގެ] އެއްވެސް މައުލޫމާތެއް އަދި ނާދޭ އެނގޭތޯ. އަޅުގަނޑާ ހަމައަށް ލިބިއްޖެއްޔާ އަޅުގަނޑު ހަމަ ކަމާބެހޭ ފަރާތްތަކަށް ދެންމެގަ ވެސް މިދެންނެވި ފަދައިން ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.