Advertisement

ޑީއެންއާރުގެ ޑޭޓާބޭހުން މައުލޫމާތު ލީކުވި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގެއް ނުކުރޭ

4 ފެބުރުވަރީ 2025 - 16:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޑީއެންއާރު އޮފީހުގައި ޕީއެންސީއަށް ފޯމު ފުރުން ކުރިއަށް ގެންދިޔަ ދުވަހެއްގެ ފޮޓޯއެއް -- ފޮޓޯ: ސޯޝަލްމީޑިއާ


ޑީއެންއާރުގެ ޑޭޓާބޭހުން މައުލޫމާތު ލީކުވި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގެއް ނުކުރޭ

4 ފެބުރުވަރީ 2025 - 16:45 0

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭހުން މައުލޫމާތު ވަގަށް ނަގައިގެން ފޯމުތަކެއް ފުރި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ނުކުރާކަން އެނގިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްއާ "އަދަދު" ނޫހުން ސުވާލު ކުރުމުން އެ އިދާރާއިން ބުނީ އެމްޑީޕީން ހުށަހަޅާފައިވާ ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ފޯޖަރީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އިތުރު މައްސަލައެއް ބަލަމުންދާ ވާހަކައެއް ފުލުހުން ނުބުނެ އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުންގެ އިސް އޮފިޝަލެއް، ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް ބުނީ ޑީއެންއާރުގެ ޑޭޓާބޭހުން މައުލޫމާތު ލީކުވި މައްސަލަ ފުލުހުން ތަހުގީގު ނުކުރާ ކަމަށެވެ.

"ފުލުހުން ތަހުގީގެއް ނުކުރޭ ޑީއެންއާރުގެ ޑޭޓާބޭސް ބްރީޗްވި މައްސަލައެއް،" ފުލުހުންގެ އޮފިޝަލް ބުންޏެވެ.

ޑީއެންއާރުގެ ޑޭޓާބޭހުން މައުލޫމާތެއް ވަގަށް ނަގާފައިވޭތޯ ބަލަން ފުލުހުން ތަހުގީގު ނުކުރި ނަމަވެސް، އެ އޮފީހުގައި ޕީޢެންސީގެ ފޯމުތަކެއް ފުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ. އަދި އެ އޮފީސް ތެރޭގައި ޕީއެންސީގެ ފޯމުތައް ފުރިކަމަށް ޑީއެންއާރުގެ ވެރިން އިއުތިރާފު ވެސް ވި އެވެ.

ޑީއެންއާރުގެ މައުލޫމާތުތައް ވަގަށް ނަގައިގެން ޕީއެންސީއަށް މެންބަރުން އިތުރު ކޮށްފައިވާކަމަށް ބުނެ ކުރާ ތުހުމަތުގެ އަޑު ގަދަވެފައިވާއިރު، ނުކުޅޭ މީހުންނާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ވެސް ޕީއެންސީއަށް ވައްދާފައިވާ މައްސަލަތައް މި ފަހުން ވަނީ ތިލަވެފަ އެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ޕީއެންސީން އަދި ސަރުކާރުން ވެސް ރަސްމީކޮށް އެއްވެސް ޖަވާބެއް އަދި ނުދެ އެވެ.