Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގައި މަޖިލިސް ބައިވެރިކުރަން ޖެހޭ: ފައްޔާޒު

2 ފެބުރުވަރީ 2025 - 10:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އަދަދު


ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގައި މަޖިލިސް ބައިވެރިކުރަން ޖެހޭ: ފައްޔާޒު

2 ފެބުރުވަރީ 2025 - 10:20 0

އަލަށް އެކުލަވާލާ ސަރުކާރުތަކުން ވުޒާރާތައް އުފައްދާއިރު ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހަށް ބައިވެރިވުން އޮންނަ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހަށް ލިޔުއްވި ކޮލަމެއްގައި ފައްޔާޒު ވިދާޅުވީ ސަރުކާރުތަކުން ހިތުހުރި އަދަދަކަށް ސިޔާސީ މަގާމުތައް އުފެއްދޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން، ގާނޫނުއަސާސީން ރައީސުލްޖުމްހުރިއްޔާއަށް ބާރުލިބިދޭ 115 ވަނަ މާއްދާއަށް ތަފުސީލެއް އިތުރުކޮށް، މިނެއް ނެތި ސިޔާސީ މަގާމުތައް އުފައްދަން ރައީސްއަށް ލިބިދޭ ބާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ފައްޔާޒު ލިޔުއްވާފައިވެ އެވެ.

"ވުޒާރާތައް އުފައްދާއިރު، އެ ވުޒާރާއެއް ހިންގުމަށް ބޭނުންވާނޭ މުވައްޒަފުންގެ އަދަދާއި، އެ ވުޒާރާއަކަށް އައްޔަނުކުރާނޭ ސިޔާސީ މުވައްޒަފުންގެ އަދަދުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ލާޒިމުކުރެވިދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އެފަދަ ބަދަލެއްގެ ނަތީޖާއަކަށް ވެގެންދާނީ އަލަށް އެކުލަވާލާ ސަރުކާރެއްގެ ރައީސަކު ވުޒާރާއަކަށް ބޭނުންވާ ސިޔާސީންގެ އަދަދުގެ ގޮތުގައި ހުށަހަޅަނީ އެކަށީގެންނުވާ އަދަދެއްނަމަ އެޔަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ލިބުންކަން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދަކީ ބޮޑު ސިއްރަކަށްވެ، ސަރުކާރުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވާ މައިގަނޑު އެއް ސަބަބަކަށް ވަނީ ވެފަ އެވެ. މި ސަރުކާރަށް 15 މަސްދުވަސް ވެފައިވާއިރު ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ފައްޔާޒު ވިދާޅުވީ މިކަމުގެ ހައްލަކީ ސިޔާސީ މުވައްޒަފުންގެ އަދަދާމެދު މަޖިލީހުގައި، އާންމުންނަށް ފެންނާނެ ގޮތަށް ފުޅާކޮށް ބަހުސް ކުރުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިއުޅެނީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގިގެން. ލަފާކުރެވޭ ގޮތުގައި އެ އަދަދު މިހާރު ތިންހާހަށް އަރާނެ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފަހައްޓާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް، ވެރިކަމަށް އަހަރެއް ނުވަނީސް އެ ވައުދާ ހިލާފުވެފައިވާކަން މި ނޫހުގެ ހޯދުންތަކުން ކަށަވަރުވެ އެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރަކީ ފެހި ގާނޫނުއަސާސީގެ ދަށުން އެކުލަވާލި އެންމެ މަތިބަރު، ސިޔާސީ މުވައްޒަފުން އެންމެ ގިނަ ސަރުކާރެވެ. ނަމަވެސް އެއީ ސީދާ ކިތައް ސަތޭކަ ނުވަތަ ކިތައް ހާސް މުވައްޒަފުން ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ރައީސް އޮފީހުން މިކަމުގައި އެކި ފަހަރު ދައްކާފައިވަނީ އެކި އުޒުރެވެ.