Advertisement

ސަރުކާރު ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު އެމްޑީއޭއިން ދީފި

1 ފެބުރުވަރީ 2025 - 18:24 4

އަހުމަދު އާއިދު

އަހުމަދު އާއިދު


ސަރުކާރު ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު އެމްޑީއޭއިން ދީފި

1 ފެބުރުވަރީ 2025 - 18:24 4

ރިޔާސީ އިންތިހާބުގައި ހެދި އެއްބަސްވުމާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަމަލުނުކުރައްވާނަމަ ސަރުކާރު ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ދީފި އެވެ.

މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ރައީސްކަން ކުރައްވާ އެމްޑީއޭ އިން 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރީ ޕީއެންސީ އަށެވެ. އެކަން ކުރީ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްޑީއޭގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ރައީސް އާއި ރައީސް މުއިއްޒު އެކި ފަހަރުމަތިން މަޝްވަރާކޮށް ރިޔާސީ އިންތިހާބުގެ ތެރެއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި، އެ އެއްބަސްވުމަށް އިހްތިރާމްކޮށް އަމަލުކުރުމަށް ރައީސް މުއިއްޒުއަށް ދަންނަވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

"މާތްﷲ ގަންދީ ހުވާކުރައްވާފައި އެދުވަހު ދެކެވުނު ވާހަކަތަކާއި، ކުރެއްވި އާދޭސްތަކާއި އެކު އެއްބަސްވެ ސޮއިކުރެވުނު އެއްބަސްވުމާއި އެއްގޮތަށް އެމްޑީއޭގެ ލޮބުވެތި ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާ، އެމްޑީއޭއިން ލިބުނު އެހީތެރިކަން މަތިން ހަދުމަ ނެތި އެއްބަސްވުމައް އަމަލު ނުކުރައްވާ ނަމަ ސަރުކާރު ކޯލިޝަން އިން އެމްޑީއޭ ވަކިވާން ޖެހިދާނެކަމުގައި ދަންނަވަން،" އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ވަނީ އެމްޑީއަށް ނިސްބަތްވާ ގިނަ ބަޔަކަށް ސިޔާސީ ވަޒީފާ ދީފަ އެވެ. އަދި، މަޖިލިސް އިންތިހާބުގައި މީދޫ ދާއިރާ އެމްޑީއޭއަށް ދޫކޮށްލަން ވެސް ޕީއެންސީން ނިންމި އެވެ.

ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓަކު ކުރިމަތިލި ނަމަވެސް ސަރުކާރާއި ރައީސް މުއިއްޒު ތާއީދުކުރެއްވީ އައްބާސް އަށެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ކެމްޕޭން ކުރެއްވުމަށް ރައީސް އެ ދާއިރާއަށް ނުވެސް ވަޑައިގަންނަވަ އެވެ.

ނަމަވެސް، ސިޔާމް އާއި ރައީސްގެ ގުޅުން ގޯސްވެ އައްބާސްގެ ދަރިފުޅު ހިމެނޭހެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީއޭގެ އިސް ބަޔަކު ސެޕްޓެމްބަރު 26، 2024 ގައި މަގާމުން ވަކިކުރި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ފަހުން ވަޒީފާ ދިން ނަމަވެސް ދެ ޕާޓީގެ ގުޅުން މުޅީން ރަނގަޅެއް ނުވެ އެވެ.

ސިޔާސީ މުވައްޒަފުންތަކެއް ވަކިކުރަން ސަރުކާރުން ނިންމީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސިޔާމް ނިންމަވާފައިވަނިކޮށެވެ. އެ ވާހަކަ މި ނޫހުން ރިޕޯޓު ކޮށްފައިވާނީ ސެޕްޓެމްބަރު 19، 2024 ގަ އެވެ.