1 ފެބުރުވަރީ 2025 - 10:05 0
މުހައްމަދު ޝަހްޒާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
1 ފެބުރުވަރީ 2025 - 10:05 0
ކުރިއަށް އޮތް މާލީ އަހަރު ބޭރުގެ ގައުމުތަކަށް އިންޑިއާއިން ދެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 69 މިލިއަން ޑޮލަރު ދިނުމަށް އެ ގައުމުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އިންޑިއާއިން 2025-2026 އަށް އެކުލަވައިލާ ބަޖެޓުގެ ބަހުސް އެ ގައުމުގެ މަޖިލީހުގައި މިހާރު ކުރިއަށް ދާއިރު، ބަޖެޓުގައި ރާއްޖެއަށް ދޭން ކަނޑައަޅާފައި ވަނީ 600 ކްރޯޑު އިންޑިއާ ރުޕީސް އެވެ. ޑޮލަރުން ބަލާނަމަ، އެއީ 69.3 މިލިއަން އެމެރިކާ ޑޮލަރެވެ.
އިންޑިއާގެ ބަޖެޓުގައި އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމެއްގެ ގޮތުގައި މި ފަހަރު ވެސް އޮތީ ބޫޓާނެވެ. ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމެއްގެ ގޮތުގައި އޮތީ ނޭޕާލެވެ. ރާއްޖެއަކީ ތިންވަނައަށް އިންޑިއާއިން އެންމެ ގިނައިން ހިލޭ އެހީ ދޭ ގައުމެެވެ.
އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ. ނިމިގެން މިދާ މާލީ އަހަރު އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމީ .54.2 މިލިއަން އެމެރިކާ ޑޮލަރެވެ.
އިންޑިއާއިން ރާއްޖެއަށް ބޮޑު އަދަދެއްގެ ހިލޭ އެހީ ދޭން ނިންމާފައިވާއިރު، އެ ގައުމުން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ތިލަމާލެ ބްރިޖު މަޝްރޫއު އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ފާހަގަކޮށްލެވެ އެވެ.
މީގެ ތެރެއިން ތިލަމާލެ ބްރިޖަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭ ގޮތަށް ހިންގާ މަޝްރޫއެކެވެ. އަދި އެހެން މަޝްރޫއުތަކަކީ އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގާ ޕްރޮޖެކްޓުތަކެކެވެ.
ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވައި، ހާރިޖީ ސިޔާސަތުގެ ގޮތުގައި “އިންޑިއާ ފަސްޓް” ޕޮލިސީ ގެންގުޅުނު ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިންޑިއާ އާ އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރައިގެންދިޔަ އެވެ.
އެހެންނަމަވެސް ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމެންޓުތައް ސަރުކާރުން ލަފާ ކުރި ގޮތަށް ނުވަނުމުން އިންޑިއާއާއެކު އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ.
އިންޑިއާއިން މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވީ ބަދަލުގައި ބައެއް ކަންކަން ކޮށްދޭން ސަރުކާރުން އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރަށް އެއްބާރުލުން ދިނުން ހިމެނެ އެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ވަނީ އޮކްޓޯބަރު، 2024، ގައި ރޯލްއޯވާ ކޮށްދީފަ އެވެ. ރޯލްއޯވާ ކުރުމަކީ ލޯނު ދައްކަންޖެހޭ ތާރީހުތަކަށް ބަދަލު ގެނައުމެވެ. އޭގެ އިތުރުން، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސް (400 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment