1 ފެބުރުވަރީ 2025 - 06:44 1
އަހުމަދު އާއިދު
މޯލްޑިވިއަންގެ އޭޓީއާރު ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި : މޯލްޑިވިއަންގެ ޓިކެޓު އަގުތައް ބޮޑުވިކަމަށް ވެބްސައިޓު އެބަދައްކާ --- ފޮޓޯ: އަދަދު
1 ފެބުރުވަރީ 2025 - 06:44 1
ގައުމީ އެއާލައިން، މޯލްޑިވިއަނުން އެތެރޭގެ މަންޒިލުތަކަށް ދަތުރުކުރާ ޓިކެޓުގެ އަގުތައް އަނެއްކާވެސް ބޮޑުކޮށް ވެބްސައިޓުގައި އާންމުވީ "ސިސްޓަމް އެރޯ" އަކުން ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މޯލްޑިވިއަން އަށާއި ސަރުކާރަށް ފާޑުކިޔަމުންދާއިރު ގިނަ މަންޒިލުތަކުގެ ޓިކެޓު އަގު 100ރ. އާއި 200ރ. ދެމެދުގެ ރޭންޖެއްގައި ވަނީ ބޮޑުވެފަ އެވެ. މޯލްޑިވިއަންގެ ވެބްސައިޓުން އަދިވެސް ފެންނަނީ އެ އަގުތަކެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ދަށް ކުރުމަކީ ވޭތުވެދިޔަ ސަރުކާރާ އެއްގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ވެފައިވާ ވައުދެކެވެ. އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވީ މިކަމާ ގުޅިގެންނެވެ.
ޓިކެޓު އަގުބޮޑުވުމާ ގުޅިގެން މޯލްޑިވިއަންގެ ރަސްމީ ބަހެއް ލިބިފައި ނުވި ނަމަވެސް މި ނޫހުގެ ނޫސްވެރިން ވަނީ އެ އެއާލައިނުގެ ޓިކެޓިން ކައުންޓަރަށް ގުޅާ މައުލޫމާތު އޮޅުން ފިލުވާފަ އެވެ.
މި ނޫހާ ވާހަކަދެއްކި މޯލްޑިވިއަންގެ މުވައްޒަފު ބުނީ ޓިކެޓު އަގުބޮޑުވި ކަމަށް ވެބްސައިޓު ދައްކަނީ 'ސިސްޓަމް އެރޯ' އެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ނަމަވެސް މައްސަލަ ހައްލުވާނެ ވަގުތެއް ނޭނގޭ ކަމަށް ބުނިއިރު، ބޮޑެތި އަގުތަކުގައި ޓިކެޓު ނަގާ މީހުންނާ އިތުރަށް ދެއްކި ފައިސާ ދިނުމާ ގުޅޭގޮތުން އެ މުވައްޒަފު ބަހެއް ނުބުނެ އެވެ.
މޯލްޑިވިއަންއިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް މޯލްޑިވިއަން އިން އަންނަނީ ދަތުރުކުރަމުންނެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment