އަލި ރަސްގެފާނުގެ ޒިޔާރަތް ކުރިން ހުރި ގޮތް
އިއްޔެއަކީ އަބުޠާލުންގެ ޒިކުރާ އައު ކުރެވޭ ދުވެހެވެ. ކެރިގެން ފިދާވީ ފިދާއީންގެ ހަނދާންތަކާއިވެސް އެކުގައެވެ. މިއީ ދިވެހި ޖީލުތަކުގެ ހައްގުގައި، ޝަހީދުވީ ޝުހަދާއުންނާއި ގުޅިފައިވާ ދުވަހެވެ. އިއްޔެއަކީތޯ އެވެ؟ ދިވެހިރާއްޖޭގެ ދިފާއަށްޓަކައި، ތެދުވެވަޑައިގެން ޝަހީދުވެ ދިޔަހައި ޝަހީދުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަމުން މި އަންނަނީ ދިވެހި ތާރީހުގެ ވަރަށް މުހިންމު ހާދިސާއަކާއި ގުޅުވައިގެންނެވެ. އެއީ ޝަހީދެއްގެ މަތިވެރި ދަރަޖަ ހޯއްދެވި އެންމެ ފުރަތަމަ ހޯއްދެވި ދިވެހި ރަސްކަލަކާއި ގުޅިފައިވާ ހާދިސާއެކެވެ. އާދޭހެވެ! އެ ރަސްކަލަކީ އެންމެހައި ދިވެހީންގެ މެދުގައި ޝަހީދުވި އަލި ރަސްގެފާނުގެ ނަންފުޅުން މަޝްހޫރުވެގެންވާ ރަސްގެފާނެވެ.
ޝަހީދުވި އަލި ރަސްގެފާނަކީ ޝަހީދުންގެ ވެރި ރަސްގެފާނެވެ. މި މަތިވެރި ލަގަބުފުޅު އެރަދުންނަށް އެރުވެނީ ވަރަށް ވެސް މަތިވެރި ސަބަބުތަކަކާއި ލައިގެންނެވެ. އެހެނީ އެއީ ފުށެތިކާލިންނާއި (ޕޯޗުގީޒުންނާއި) ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ނިކުންނެވި ހިތްވަރުފުޅު ގާއިދަކަށް ވީތީ އެވެ. ހަނގުރާމަ ކުރައްވަން މައިދާނަށް ނިކުންނެވީ ކިހިނެތްކަން ދެނެވަޑައިގަންނަވަމުތޯ އެވެ؟ ފަހަތްޕުޅުގައި ބައިވެރިވާނެ ބޮޑު ލަޝްކަރެއް ނެތިއެވެ. އެހީތެރިވެދޭނެ ގިނަ ބަޔަކު ނެތި އެވެ. އެއީ އެހިނދަށް ރާއްޖޭގެ ވަލީ އާއި މަތިވެ ހުންނެވި ފަރާތްޕުޅަށްވީތީ، އެ ރަދުންގެ އިސްތަށިފުޅުގައި އެޅިފައި އެ އޮތް ބޮޑު ޒިންމާއަށް ކުޑަ ނަމަވެސް ޚިޔާނާތެއް ވެވަޑައިގެންނެވުމެއް ނެތި އެވެ.
ޢަލި ރަސްގެފާނަކީ ތިން ފަހަރެއްގެ މަތީން ޕޯޗުގީޒުންނާއި ކުރިމަތި ލެއްވި ރަސްކަލެކެވެ. އެކަމަކު ރަސްކަލެއްގެ ގޮތުގައި ހުންނަވައިގެން ޕޯޗުގީޒުންނާއި ކުރިމަތިލެއްވީ އެންމެ ފަހު ފަހަރުގަ އެވެ. އެއީ އެ މަތިވެރި ދަރަޖަ ހޯއްދެވި ފަހަރުވެސްމެ އެވެ. އޭގެ ކުރިޔަށް އިސްވެ ދިޔަ ދެ ފަހަރު ޢަލި ރަސްގެފާނު ވަނީ ޕޯޗުގީޒުންނާ ކުރިމަތިލައްވާ ނަސްރު ހޯއްދަވާފަ އެވެ. އެހެނަސް ދެންނެވުނު ފަދައިން އެއިރުގައި އެއީ އަދި ރަސްކަލެއް ނޫނެވެ. އެއީ ކިލެގެ ބޭކަލެކެވެ. އެއިރުގައި އެއީ ޢަސްކަރިއްޔާގެ ވެރިޔާ ޢަލީ ދޮށިމޭނާ އެވެ.
ޢަލީ ދޮށިމޭނާ، ހަނގުރާމައަށް ނިކުންނެވީ އައްސުލްޠާން އަބޫބަކުރުގެ ފަހަތްޕުޅުގަ އެވެ. މި އަބޫބަކުރު ރަސްގެފާނަކީ ސްރީ އަސައިސަ ލޯކަ މަހާރަދުންގެ ނަންފުޅުގައި ދިވެހި ތަހުތުގައި ރެނދަލި ކުރެއްވި ރަސްކަލެކެވެ. ބުނެވެނީ މި އަބޫބަކުރު ރަސްގެފާނު އަވަހާރަކޮށްލެވުނީ ކަމުގަ އެވެ. އެހެންނަމަވެސް އަވަހާރަކޮށްލެވުނީ އަވަހާރަކޮށްލެވުނީ މުޅިން ސާފެއް ނޫނެވެ.
އަބޫބަކުރު ރަސްގެފާނު އަވަހާރަކޮށްލެވުމުން ދެން ރަސްކަމަށް އިސްވެވަޑައިގެންނެވީ ހިތްވަރުފުޅު ގަދަ ގާއިދު ޢަލީ ދޮށިމޭނާ އެވެ. މި ޢަލީ ދޮށިމޭނާއަކީ އަބްދުއްރަހުމާނު ދޮށިމޭނާ ކިލެގެއަށް ފެރިދޫ ސިއްތި ކަނބާދި ކިލެގެ ބަނޑުފުޅުން ރައްކައުވި ބޭފުޅެކެވެ. ތަހުތަށް އިސްވެވަޑައިގެންނެވީ އައްސުލްޠާން އަލީ ސިރީ އައުދަ ސިއާކަ ތަންތުރަ މަހާރަދުންގެ ނަންފުޅުގަ އެވެ. ތަހުތުގައި ރެދަލި ކުރައްވާތާ ދެމަހާއި ފޮއި ދުވަސްވީތަނުން، ކޮއްޗޭގައި ހުންނެވި ކާފަރުވި ނުވަވަނަ ހަސަން ރަސްގެފާނު ފޮނުއްވިޔަތީ، ހަނގުރާމައަށް އައި ޕޯޗުގީޒުންގެ ބަޔަކު މާލެއަ އެވެ.
މި ހަދިސާ އަލްޤާޟީ ހަސަން ތާޖުއްދީނު އޭނާގެ ތާރީޚުދީބާ މަޙަލްގައި ލިޔުއްވާފައި ވަނީ އަންނަނިވި ފަދައިންނެވެ.
"ރަސްގެފާނުގެ ވެރިކަމަށްވީ ދެމަހާއި ފޮއި ދުވަހެވެ. ދެން ފަހެ މި ފަރަންޖީންތައް ހަތިޔާރުތަކާއި ބަޑިތަކައިގެން މާލޭގެ ހުޅަނގުފަރާތު އަތިރިމައްޗަށް ފައިބައްޖައޫ އެވެ. އެހިނދު އަލި ރަސްގެފާނު ކަނޑިއާއި ދުނި ދަނޑި އާއި ތީރު އެޅި ބޮޑު ލަޝްކަރަކައިގެން ފަރަންޖީންތަކާއި ހަނގުރާމަ ކުރެއްވުމަށް ނިކުމެވަޑައިގެންފި އެވެ. އެއިރު އަލި ރަސްގެފާނު ހުންނެވި ތޫނު ކަނޑި އާއި އައްޑަނަ ހިއްޕަވައިގެން ލަޝްކަރުގެ ކުރިޔަށް ނިކުމެވަޑައިގެންނެވެ. ދެން ފަހެ ޢަލި ރަސްގެފާނު ޢީދު މިސްކިތާއި ކައިރިވެވަޑައިގެން ލަޝްކަރާ ދިމާއަށް ފަސް އެނބުރި ބައްލަވާ ލެއްވިއެވެ. އެއިރު އެބައިމީހުން ދުވެ ފިލަނީއެވެ. އެރަސްގެފާނުގެ އަރިހުގައި ހިތްވަރާއި އެކު ސާބިތުވެ ތިއްބެވީ ބޮޑު ވަޒީރާއި ޚާދިމުންކުރެ މީހެކެވެ. އެހިނދު ހިތްވަރުފުޅު ގަދަ މި ރަސްގެފާނުންގެ އަރިހުގައި ތިއްބެވި ދެ ފަހުލަވާނުންނައިގެން ޢަދާވާތްތެރިންގެ ބޮޑު ލަޝްކަރުގެ ކުރިމައްޗަށް ހަލުވިކަމާއިއެކު ނިކުމެވަޑައިގެންނެވިއެވެ. މީގެ ތިން ބަޠަލުން ސިންގާތަކެއް ފަދައިން ދުޟްމިނުންގެ ހަމަލާތަކާ ކުރިމަތިލެއްވީ ބިރުގެ ކަންފުޅެއްވެސް ނެތިއެވެ." (ތާރީޚުދީބާ މަޙަލްގެ ތަރުޖަމާ/ޞ39)
އާދޭހެވެ! ޝަހީދުންގެ ވެރި ރަސްގެފާނަކަށް ޢަލި ރަސްގެފާނު ވަނީ މިހެންވީމަ އެވެ. ހިތްވަރުފުޅު ގަދަ ގާއިދަކަށް ވަނީވެސް ހަމަ މިހެންވީމަ އެވެ.
ޢަލި ރަސްގެފާނު ކުރެއްވި ހަނގުރާމަ އާއި ބެހޭގޮތުން ކިޔައި އުޅޭ ފޯކުލޯރު ވާހަކައެއްގައި ވަނީ
"އޭދަފުށީ ހަސަން ވަތަބަނޑޭރި ތަކުރުފާނު ހަނގުރާމަޔަށް ދުރުވަމުން އަލި ރަސްގެފާނުގެ ފާތުރާ ދަށުގައި ދެންނެވި އެވެ. ހަތަރު މީހުން އައިސް އަޅުގަނޑު ޝަހީދުވެއްޖެކަމުގައި ބުނުމުގެ ކުރީން އަމާން ނުދެއްވައްޗެވެ. ދެން މި ވަތަބަނޑޭރި ހަނގުރާމައިގައި ހެދުން އަޅުއްވައިގެން ނިކުންނަވައިފި އެވެ.
"ހަނގުރާމަ ދިގުލަމުންދެއެވެ. ދުވަހަކުމެ ނުނިމުނެވެ. މިކަމާއި ދޭތެރޭ އަސްކަރީންގެ ބަޔަކު ނުރުހިއްޖެ އެވެ. އަދި ދެދޮރާށި ދޭތެރޭގައި ހުރެގެން އެއްޗެތި ގޮވާންވެސް ފަށައިފޫ އެވެ. މިބައިމީހުން ބުނޫ އެވެ. އައިސްގެން މި އުޅެނީވެސް މަމެންގެ ރަސްކަލަކު ފޮނުއްވި ބަޔެކެވެ. ހަނގުރާމަ މި ވެވެނީ ދެ ރަސްކަލުންގެ މެދުގައެވެ. މާލެ ހިސޯރުގައި އޮންނަތާ މިހާރު މިހާ ދުވަސްވީއެވެ. ވީމާ މިކަން ކޮޅެއްގައި ޖައްސަން އެބަ ޖެހެއެވެ. މިބައިމީހުންގެ މި ގަދަރުވެރި ވާހަކަތައް އަޑުއަހާން ހުރި ދައިތައަކު މިބައިމީހުންގެ ގާތުގައި ބުނެފިއެވެ.
އޭ ކުދީންނޭވޭ މި ހަނގުރާމަ ކިތަންމެ ދިގުލާ ދިޔަސް އަލި ރަސްގެފާނު އަމާން ނުނަންގަވާނެތެވެ. އެހެނީ އޭދަފުށީ ވަތަބަނޑޭރި ވަނީ ހަތަރު މީހުން އައިސް އޭނާ ޝަހީދުވެއްޖެކަމަށް ރަސްގެފާނުގެ ފާތުރާ ދަށުގައި ނުދަންނަވަނީސް އަމާން ނުދެއްވުމަށް އެދިލައްވާފަ އެވެ. ވީމާ އަމާން ނަގަން އެދޭނަމަ ހަތަރު މީހަކު ހޯދައިގެން ގޮސް ރަސްގެފާނު އަރިހުގައި އޭދަފުށީ ވަތަބަނޑޭރި ޝަހީދުވެއްޖެއޭ ދަންނަވާށެވެ. އެހައިރުން އިސާހިތަކު އަމާން ދެއްވަފާނެ އެވެ.
މި ދައިތަގެ ބަސް އަހައިފައި އެއްކަލަ އަސްކަރުންގެ ދެމީހުންނާއި އިތުރު އަދި ދެމީހުނާއި އެކު ރަސްގެފާނުގެ އަރިހަށް ހިނގައްޖައޫ އެވެ. ގޮސް މިބައިމީހުން ދެންނެވި އެވެ. މަސާހިބާއެވެ. އޭދަފުށީ ވަތަބަނޑޭރި ދުޝްމިނުންގެ ހަމަލާއަކުން ޝަހީދުވެއްޖައޫ އެވެ. މި ހަބަރު އައްސަވާ ޢަލި ރަސްގެފާނު ނުހަނު ހިތާމަފުޅު ކުރެއްވިއެވެ. ދެން އިސާހިތަކު އަމާން ނަންގަވަންވެސް ވިދާޅު ބަސްފުޅު އިއްވަވައިފޫ އެވެ.
އެއިރުގައި ޕޯޗުގީޒުން ތިބީ އެބައިމީހުން ބަލިވެއްޖެކަމަށް ދެކި ފުރަން ތައްޔާރުވުމުގަ އެވެ. މިހެން ތިއްބާ އަމާންދިދަ ނެންގެވިތަން ފެނިފައި މިބައިމީހުންނަށް އިތުރު ހިތްވަރެއް ލިބިއްޖެ އެވެ. އަމާން ނެންގެވިތަނާ އެއްކަލަ ވަތަބަނޑޭރި ދުވަމުން އައިސް ރަސްގެފާނުގެ އަރިހުގައ ދެންނެވި އެވެ. ތިޔަ ހެއްދެވީ ކިހިނެތްތޯ އެވެ؟ ދެން އަލި ރަސްގެފާނަށްވެސް އެއައި ހަތަރު މީހުން އެހެދި ދޮގު ފަޅާ އަރައި އެކަމާ ހިތާމަފުޅު ކުރެއްވިއެވެ. އެއިރު ޕޯޗުގީޒުންގެ މީހުން މާލޭ ހުޅަނގުފަރާތާ ދިމާ ކުރަނީ އެވެ.
އަލި ރަސްގެފާނު އިސާހިތަކު ހަނގުރާމައިގެ ބެރު ޖައްސަވާ، ލަޝްކަރު އެއްކުރެއްވި އެވެ. އަދި ރަދުންވެސް ހަނގުރާމައިގެ ދަހަނާ އަޅުއްވާ ލަޝްކަރައިގެން ނިކުންނެވި އެވެ. ދުޝްމިނުންނާ ބައްދަލުވެ ހަނގުރާމަ ކުޅައުމަށެވެ. އަލި ރަސްގެފާނު މިބައިމީހުންނާ ކުރިމަތިލައްވާ ޝަހީދުވީއެވެ.
މި ދެންނެވި ފޯކުލޯރުގެ މައިގަނޑު ބަދަލުނުވާނޭހެން އެކި ގޮތްގޮތަށް ކިޔައި އުޅެ އެވެ . ކޮންމެ އަކަސް މި ފޯކުލޯރުގައި ބުނެދޭ ވާހަކަ އާއި އިސްވެ ދެންނެވިފައިވާ ހަސަން ތާޖުއްދީނު ލިޔުއްވުންކޮޅާ ގުޅާލެވެ އެވެ. ހަސަން ތާޖުއްދީނުވެސް ލިޔުއްވާފައި ވަނީ ރަދުންގެ ލަޝްކަރު ދުވެ ފިލީކަމުގަ އެވެ. އަލި ރަސްގެފާނު ހަނގުރާމައަށް ނިކުންނެވީ އަރިހުގައި ތިބި ދެބޭކަލަކާއި އެކީގައެވެ. ވީމާ ހަނގުރާމަ ނުކުރުމުގެ ކޮންމެވެސް ކަހަލަ ރޫހެއް އެއިރު އުފެދިފައި އޮތްކަމަށް ތާޖުއްދީނުގެ ލިޔުމާ ފޯކުލޯރުން ފެނެ އެވެ."
އަދިވެސް އަލްޤާޟީ ހަސަން ތާޖުއްދީނު ތާރީޚު ދީބާ މަޖަލްގައި ލިޔުއްވަ އެވެ.
"ފަހެ ނުލަފާ ފަރަންޖީންނަށް މިތިން ފަހުލަވާނުންގެ ހިތްވަރުފުޅާއި ޢަޒުމުފުޅުގެ ވަރުގަދަކަން ފެނިގެން އެއުރެންގެ ހިތަށް ބިރުވެތިކަމާއި ސިހުންތެރިކަން ވަނެވެ. އަދި އެބޭފުޅުންނާ ކުޑަތަންވެލުމަކަށްވެސް އެބައިމީހުންނަކަށް ނުކެރުނެވެ. އެބައިމީހުން އެބައިމީހުންގެ އަތުގައި ހުރި ބަޑިތަކުން ވިއްސާރަ ވިލާގަނޑަކުން ވާރޭވެހޭ ފަދައިން އުންޑަތައް ވިއްސާން ފަށައިފޫ އެވެ. ދުޝްމިނުން ފޮނުވަމުން ދިޔަ އުންޑަތަކުން ކުރެ އުއްޑައެއް އަލި ރަސްގެފާނުގެ ހަށިކޮޅަށް އަރައިގެން މިރަސްގެފާނު ޝަހީދުވެއްޖައޫ އެވެ. ހަމައެއާއިއެކު ވަފާތެރި ބޮޑުވަޒީރާއި ހައްދާމުވެސް ދުޝްމިނުންގެ ޝިކާރައަކަށްވެ ޝަހީދުވެއްޖައޫއެވެ."(ތާރީޚުދީބާ މަހަލްގެ ތަރުޖަމާ)
ޢަލި ރަސްގެފާނު ޝަހީދުވީ 1558 ވަނަ އަހަރުގެ މެއި މަސް ތެރޭގަ އެވެ. މި ރަދުން ޝަހީދުވުމަށްފަހު، ކާފަރުވި ނުވަވަނަ ހަސަން ރަސްގެފާނުގެ ނަންފުޅު މައްޗަށް ވެރިކަން އެނބުރުނީ އެވެ. ދެން ރާއްޖޭގެ ވެރިކަން ހިންގަވަމުން ގެންދެވީ ކާފަރުވި ރަސްގެފާނުގެ ނަންފުޅު މަތީން އަނދިރިއަނދިރީންނެވެ. މިގޮތުގައި 16 އަހަރާއި 11 މަސް ވާންދެން ދިވެހީންނަށް ތިބެންޖެހުނެވެ. އުތީމު އަލްޣާޒީ މުހައްމަދު ތަކުރުފާނު ރާއްޖެ މިނިވަން ކުރައްވަން ދެނެވެ.
މިހާރުވެސް މާލޭގެ ހުޅަނގުކޮޅުގައި އަލި ރަސްގެފާނުގެ ޒިޔާރަތް ފެންނާން އެބަހުއްޓެވެ. އެ ޒިޔާރަތް އެރުވިފައި އެހުރީ އަލި ރަސްގެފާނު ޝަހީދުވެގެން ވެއްޓިވަޑައިގަތް ތަނުގަ އެވެ. ބުނެވޭ ގޮތުގައި ދުޝްމިނުން ޖެހި ބަޑީގެ އުންޑައަކުން އަލި ރަސްގެފާނު ޝަހީދުވެ ވެއްޓިވަޑައިގަތީ މޫދަށެވެ. ދެން އާއްމު ދިވެހީން ނިކުމެ އެތަނުގެ ވަށައިގެން ގައު ޖަހާ ފާރެއް ފަދައިން އުސްކޮށް ބިސްތާނަ ހަދާ ހެދި އެވެ. މާލެ އާއި އަލިރަސްގެފާނު ޒިޔާރަތާ ގުޅާލުމަށްޓަކައި އިހު ޒަމާނުގައި ޒިޔާރަތުން ފެށިގެން މާލޭގެ ގޮނޑުދޮށާއި ހަމަޔަށް ފާލަމެއް އަޅާފައި ވެސް އޮވެ އެވެ. އެ ސަރަހައްދު ހިއްކުމާ ހަމަޔަށް އޮތީ މިހެންނެވެ.
ސިރީ އައުދަ ސިއާކަ ތަންތުރަ މަހާރަދުން ނުވަތަ ޝަހީދުވި އަލި ރަސްގެފާނަކީ ދިވެހި އުޑުދަށުގައި ދުވަހަކުވެސް އަވަހާރަވާނޭ ބޭފުޅެއް ނޫނެވެ. ދިވެހި ދައުލަތް ދެމިއޮތްހާ ދުވަހަކު، ދިވެހި ގައުމުގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެރަދުންގެ ޒިކުރާ އައު ކުރެވޭނެތެވެ. އެރަދުންނަށް ދިވެހީންގެ ދޫތަކުން ހެޔޮ ބަސް ރައްދު ކުރާނެތެވެ. ދިވެހި ޖީލުތަކަށް އެ ނަންފުޅު ދެމިގެން ދާނެތެވެ.
އޭ ތަންތުރަ މަހާރަދުންނޭވެ! ތިޔައީ ދިވެހި ގައުމުގެ ޝަރަފެވެ. ތިޔައީ ދިވެހީންގެ ހިތްވަރެވެ. ތިޔައީ ދިވެހީންގެ އުއްމީދެވެ. ތިޔަ ދެއްކެވި ސާބިތުކަމަށް އައްސަރިބަހާ ސާބަހެވެ. ތިޔައީ ދިވެހި ޝަހީދުންގެ ވެރި ރަސްގެފާނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment