އައިއޯސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ކޯ ގަބޫލުކުރައްވާ

31 ޖަނަވަރީ 2025 - 06:26 0


އައިއޯސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ކޯ ގަބޫލުކުރައްވާ

31 ޖަނަވަރީ 2025 - 06:26 0

ލަންޑަން (ޖެނުއަރީ 31) - މި އަހަރު މާޗް މަހު ބާއްވާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވޯލްޑް އެތުލެޓިކްސްގެ ރައީސް ސަބެސްޓިއަން ލޯޑް ކޯ ވިދާޅުވެއްޖެ އެވެ.

އައިއޯސީގެ ރައީސަކަށް މި ވަގުތު ހުންނެވި، ޖަރުމަނުގެ ވަކީލް، ތޯމަސް ބަކް، މި އަހަރު މަގާމުން ވަކިވާނެ ކަމަށް އިއުލާނުކުރެއްވީ މިދިޔަ އަހަރު އެވެ. ބަކް، އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އައިއޯސީގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ކޯ ވިދާޅުވީ، އައިއޯސީގެ ރައީސްގެ މަގާމަށް އޭނާ އަށް އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހާތަނަށް އޭނާ މި ކަމުގައި ސަޕޯޓް ހޯދަން ވާހަކަ ދެއްކި ހުރިހާ އޮފިޝަލުންނާ އެކު ވެސް ދިޔައީ އުންމީދީ މަޝްވަރާތަކެއް ކަމަށް ވެސް ކޯ ވަނީ ވިދާޅުވެފަ އެވެ.

"މިއީ ވަޒީފާއެއް ނޫން. މިއީ ޕެޝަން އެއް ހުރެގެން ކުރެވޭނެ ކަމެއް. މިއީ އޮލިމްޕިކް މޫވްމަންޓަށް އަހުލުވެރިވެ، ތަފާތު ތަރައްގީތައް ކުޅިވަރަށް ގެންނަން ވަގުތު ދެވޭނެ މީހަކަށް ކުރެވޭނެ ކަމެއް. އަހަރެން ދެކެނީ އެ މީހަކީ އަހަރެން ކަމަށް،" ތިން ވަނަ ދައުރަކަށް ވޯލްޑް އެތުލެޓިކްސްގެ ރައީސްކަން ކުރައްވަމުން އަންނަ ކޯ ވިދާޅުވި އެވެ.

އައިއޯސީގެ އިންތިހާބު އޮންނާނީ މި އަހަރުގެ މާޗް މަހުގަ އެވެ. އަދި އެ ލީޑަޝިޕް މަގާމުގެ ޒިންމާތަކާ ހަވާލުވާނީ ޖޫން އިން ފެށިގެންނެވެ.

ކޯގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ، ޖުއާން އެންޓޯނިއޯ ސަމަރާންޗް، ފްރާންސްގެ ޑޭވިޑް ލަޕޯޓިއެން، ޒިމްބާބްވޭގެ ކްރިސްޓީ ކަވެންޓްރީ، ޖަޕާންގެ މޮރިނާރީ ވަޓަނާބޭ، ސްވިޑެންގެ ޖޯހަން އެލިއަޝް އަދި ޖޯޑަންގެ ޕްރިންސް ފައިސަލް އަލް ހުސެއިން އެވެ.