ޗެމްޕިއަން އޭދަފުށިން ހަ ވަނަ ފަހަރަށް ބ. އަތޮޅު ތަށި އުފުލާލައިިފި

30 ޖަނަވަރީ 2025 - 19:53 0

އޭދަފުށިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ޗެމްޕިއަން އޭދަފުށިން ހަ ވަނަ ފަހަރަށް ބ. އަތޮޅު ތަށި އުފުލާލައިިފި

30 ޖަނަވަރީ 2025 - 19:53 0

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން، ބ. އޭދަފުށިން މި ފަހަރު މުބާރާތުގެ އަތޮޅު ފައިނަލުގައި ތުޅާދޫ 3-1 އިން ބަލިކޮށް، ހަ ވަނަ ފަހަރަށް އަތޮޅުގެ ތަށި އުފުލާލައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ ތިން ޓީމެވެ. ފުރަތަަމަ މެޗުން އޭދަފުށިން ވަނީ 1-0 އިން ތުޅާދޫ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ތުޅާދޫން ވަނީ ފެހެންދޫ އަތުން 1-0 އިން މޮޅުވެފަ އެވެ. އޭދަފުށިން ލީގު ބުރުގެ ފަހު މެޗުގައި ފެހެންދޫ އަތުން މޮޅުވީ 2-0 އިންނެވެ.

ފައިނަލް މެޗަށް ނުކުތްއިރު، ތުޅާދޫ އަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ދިމާވި ކަމެއްގެ ސަބަބުން އެއް ވަނަ ކީޕަރު، ޒިމާމް އަބްދުލް ރަހީމް ނުލައި ކުޅެން ޖެހުމެވެ. ބަދަލުގައި ކުޅެން އެރީ ދެ ވަނަ ކީޕަރު، އަހުމަދު ޖައިލަމް އެވެ. އޭދަފުށިން ލީޑުނެގީ ކީޕަރު ޖައިލަމް އަށް ހެދުނު ގޯހަކުންނެވެ. އޭދަފުށީގެ އަހުމަދު އަޝްރަފު ޔޫސުފް (ސޮބީ) ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޖައިލަމް އަތްދަށުން ގޮހެވެ.

އޭގެ އިރުކޮޅެއް ފަހުން ތުޅާދޫން ވަނީ އެއްވަރުކޮށްފަ އެވެ. އެ ޓީމުން ކުރި ރަނގަޅު އެޓޭކެއްގައި މި ލަނޑު ޖެހީ، އަރުސަމް އިސްމާއިލް އެވެ.

ބަދަލުތަކެއް ގެނެސްގެން އޭދަފުށިން ކުޅުން ރަނގަޅުކުރިއިރު، މުހައްމަދު ފާސިރު (ފާއްޓެ) ދިން ބޯޅައަކުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ އޭދަފުށީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުން އޭދަފުށި މޮޅުވި ގޯލު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ މި އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ހުސެއިން ޝަރީފް (މުޑާ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް އޭދަފުށީގެ ނިސާމް ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކީ، އަބްދުﷲ ނާސިހު އެވެ.

އޭދަފުށިން މި ފަހަރުގެ ޒޯނުގައި ކުޅޭނީ، ޅ.ގެ ޗެމްޕިއަން، ކުރެންދޫ އާއި ކ. އަތޮޅުގެ ފައިނަލަށް ދިޔަ، މާފުށްޓާއި ކާށިދޫއާ ދެކޮޅަށެެވެ.