30 ޖަނަވަރީ 2025 - 11:55 0
ލީވާން އަލީ ނާސިރު
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން މީގެ ކުރިން ވައްކަން ކުރުން: މާފަންނުގައި ހުރި ޓްރާންސްފޯމަރަކަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ސްޓެލްކޯ
30 ޖަނަވަރީ 2025 - 11:55 0
މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ ވައްކަން ކުރަން އުޅުނު މީހާ ޓްރާންސްފޯމަރަށް ވަދެ އުޅުނުކަން އެނގުނީ ސީސީޓީވީ ކެމެރާއިން ކަމަށައި އެކަން ފުލުހުންނަށް އެންމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯއިން މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން،" ސްޓެލްކޯއިން ބުންޏެވެ.
ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަންތަކުން ވައްކަން ކުރުން އިތުރުވަމުންދާއިރު، ޓްރާންސްފޯމަރަކުން ވައްކަން ކުރަން ވަދެ އުޅެނިކޮށް މިދިޔަ އަހަރު ކަރަންޓުގައި ޖެހި މީހަކު ވަނީ މަރުވެސް ވެފަ އެވެ.
Comment