މަގޫދޫ ބަލިކޮށް ދަރަނބޫދޫން ފ. އަތޮޅު ޗެމްޕިއަންކަން ހޯދައިފި

29 ޖަނަވަރީ 2025 - 19:58 0

ދަރަނބޫދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ


މަގޫދޫ ބަލިކޮށް ދަރަނބޫދޫން ފ. އަތޮޅު ޗެމްޕިއަންކަން ހޯދައިފި

29 ޖަނަވަރީ 2025 - 19:58 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފ. އަތޮޅު ފައިނަލުގައި މަގޫދޫގެ މައްޗަށް 2-1 އިން ކުރިހޯދައި ދަރަނބޫދޫން އަތޮޅު ތަށި އުފުލާލައިފި އެވެ.

މިިއީ، ދަރަނބޫދޫން އަތޮޅު ތަށި ހޯދި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، ފ. އަަތޮޅުން ފަސް ޓީމެއް ވާދަކުރިއިރު، ފަސް ޓީމުގެ މެދުގައި ކުޅެފައިވަނީ ލީގު ބުރެކެވެ. ލީގު ބުރުގައި މަގޫދޫ އާއި ދަރަނބޫދޫ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި އަތޮޅުގެ ޗެމްޕިއަން އަށް އެކަނި ޒޯނުން ޖާގަ ލިބޭތީ ފައިނަލުގެ ފޯރި އޮތީ ހުރިހާ ގޮތަކުން ގަދަވެފަ އެވެ.

ފައިނަލް މެޗުގައި ދަރަނބޫދޫގެ ގޯލުތައް ޖެހީ އެ ޓީމުގެ ކެޕްޓަން، މުޒްދާން ހަސަން އާއި ސާޖިދު އަހުމަދު އިބްރާހިމް އެވެ. މުޅި މެޗަށް ބަލާއިރު، ދަރަނބޫދޫ ޓީމަށް މުޒްދާން އާއި ސާޖިދުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

މި މެޗުގައި މަގޫދޫގެ ހަމައެކަނި ލަނޑު ޖެހީ، ޖަޒްލާން މާހިރު އެވެ.

ފ. އަތޮޅު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ މުޒްދާން އެވެ. ދެން، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ، ފ. ބިލެއްދޫގެ މުހައްމަދު ޒީދާން ޒުހުރީ އެވެ.