ޕެނަލްޓީ ޖަހައިގެން މުލަކު ބަލިކޮށް ދިއްގަރުން މ. އަތޮޅު ތަށި އުފުލާލައިފި

29 ޖަނަވަރީ 2025 - 19:56 0

ދިއްގަރު ކުޅުންތެރިން އަތޮޅު ތަށި ހޯދުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ


ޕެނަލްޓީ ޖަހައިގެން މުލަކު ބަލިކޮށް ދިއްގަރުން މ. އަތޮޅު ތަށި އުފުލާލައިފި

29 ޖަނަވަރީ 2025 - 19:56 0

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ މ. އަތޮޅުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން މުލަކު ބަލިކޮށް ދިއްގަރުން އަތޮޅު ތަށި އުފުލާލައިފި އެވެ.

މިއީ ދިއްގަރުން އަތޮޅު ތަށި ހޯދި ފަސް ވަނަ ފަހަރެވެ. އެ ޓީމުން މި ފަހަރު އަތޮޅު ތަށި އުފުލާލައިފައިވަނީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށްފަ އެވެ. މިދިޔަ އަހަރު މުލަކުން އަތޮޅު ތަށި ހޯދީ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ނާލާފުށި ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރު ޕެނަލްޓީގައި މުލަކަށް ވަނީ ނާކާމިޔާބުވެފަ އެވެ.

މި ފަހަރުގެ ފައިނަލުގައި މުލަކުން ލީޑުނެގީ އާދަމް ޝަހީމް (އާނާ) ޖެހި ގޯލުންނެވެ. މިއީ، އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި އާނާ މަތިމަތިން ފޮނުވާލި ބޯޅައެއް ދިއްގަރުގެ ކީޕަރު ރަހުމަތުﷲ ސަމީރު އަތުގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

ނަތީޖާ ހަމަހަމަކުރަން ދިއްގަރުންކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ގޮތުން، މުލަކުން ކުރި ހަ ވަނަ ފައުލާ އެކު ލިބުނު ދުރު ޕެނަލްޓީ ދިއްގަރު ޓީމުގެ މުހައްމަދު އަލީ ވަނީ ގޯލަށް ވައްދާލައިފަ އެވެ. އޭގެ ފަހުން، މުލަކުން އިތުރު ފައުލެއް ކުރި ނަމަވެސް ރެފްރީ ފައުލެއް ނުދެ އެވެ.

ޖެހިޖެހިގެން ދެ ވަނަ އަހަރަކު، މ. އަތޮޅުގެ ފައިނަލް ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނުއިރު، ދިއްގަރަށް މި މެޗުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، ހުސެއިން ފާރިޝް، އަލީ މާޖިދު، މުހައްމަދު ސާގިބު އަދި ނޫހު މައްސޫދު އެވެ. އެ ޓީމުގެ އެއް ޕެނަލްޓީ ވީ ނާކާމިޔާބެވެ.

މުލަކު ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އާނާ، އަހުމަދު ތޮލާލް އަދި އަހުމަދު އިބްރާހިމް އެވެ. ދިއްގަރު ކީޕަރު، ރަހުމަތުﷲ ވަނީ ދެ ޕެނަލްޓީއެއް ހުއްޓުވައިފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދިއްގަރުގެ އިބްރާހިމް ރިއްފަތު އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ މުލަކުގެ ސުޖުއާން ހުސެއިން އެވެ.