ހައުސިން މިނިސްޓްރީގެ ކުރީގެ ޕްލޭނިން މިނިސްޓަރު އަކްރަމް ކަމާލުއްދީން: އޭނާއަށް ކުރާ ތުހުމަތަކީ "ގެދޮރުވެރިޔާ" ސްކީމުގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް -- ފޮޓޯ: ރައީސް އޮފީސް
"ގެދޮރުވެރިޔާ" ސްކީމުގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެންނެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އަންނަ މަހުގެ 18, އާ ހަމައަށެވެ.
މި މައްސަލަ އިސްތިއުނާފު ކުރަމުން އަކްރަމްގެ ފާހަަގަކުރައްވާފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެކެވެ. އަދި މީގެ ދަށުން ގިނަ ނުކުތާތަކެއް އޭނާގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަަމަށް ވިދާޅުވެފައިވެ އެވެ.
އަކްރަމްގެ އިސްތިއުނާފުގައި އިތުރަށް ފާހަގަކޮށްފައި ވަނީ, އޭނާއަކީ މިހާރު ވެސް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސިޔާސީ ގޮތުން ޖަވާބުދާރީ ވަމުންދާ މީހެއް ކަމާއި މީގެ ކުރިން ވެސް ފިލައިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެކަށީގެންވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އަކްރަމްގެ ފަރާތުން އެދިފައި ވަނީ އެ އަމުރަކީ ގައިރު ގާނޫނީ އަމުރެއް ކަމަށް ކަނޑައަޅައިދީ އެ އަމުރު ބާތިލުކޮށްދިނުމަށެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓިއިރު އިތުރު ބަޔެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވެ އެވެ. މި އެންމެންގެ ޕާސްޕޯޓުތައް ހިފެހެއްޓީ "ބިންވެރިޔާ" ސްކީމުން ގޯތި ނުލިބޭ ބަޔަކު ވަގު ލިޔުންތަކެއް ހުށަހަޅައިގެން ގޯތިތަކެއް ނެގި މައްސަލަ ފެންމަތިވީ ދަނޑިވަޅުގަ އެވެ.
އެ މައްސަލަ ވެސް އޭސީސީ އާއި ފުލުހުން ތަހުގީގުކުރަމުން އަންނައިރު, އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. ވަގު ލިޔުން ހުށަހަޅައިގެން ގޯތި ލިބުނު އެކަކަކީ އޭނާގެ އެއް ބަނޑު އެއް ބަފާ ބޭބެ ހުސެއިން ފަޒީލް ރަޝީދަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment