ސިނގިރޭޓު މައްސަލައިގައި ހޯކްސްއަށް ސިއްރުން މުދާ އެތެރެ ކުރުމާއި މަނީ ލޯންޑަރިންގެ ތުހުމަތު

29 ޖަނަވަރީ 2025 - 06:21 0

މުހައްމަދު ޝަހްޒާން

މ

މިދިޔަ އަހަރު ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް: މިހާރު ކަޅު ބާޒާރުގައި އެންމެ ގިނައިން ދައުރު ވަމުން ދަނީ މި ބްރޭންޑުގެ ސިނގިރޭޓު -- ފޮޓޯ: ކަސްޓަމްސް


ސިނގިރޭޓު މައްސަލައިގައި ހޯކްސްއަށް ސިއްރުން މުދާ އެތެރެ ކުރުމާއި މަނީ ލޯންޑަރިންގެ ތުހުމަތު

29 ޖަނަވަރީ 2025 - 06:21 0

މިދިޔަ އަހަރު 200 މާސްޓާ ކާޓަން ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް މިހައިތަނަށް ލިބުނު މައުލޫމާތުގެ އަލީގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ކުރެވެނީ މަނީ ލޯންޑަރިންގެ ކުށާއި ސިއްރުން ދިވެހިރާއްޖެއަށް މުދާ އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގައި ބުނި ގޮތުގައި މިހައިތަނަށް ބެލި ބެލުމުން އެ ސިނގިރޭޓުތައް ރާއްޖެއަށް އެތެރެކުރި ކަމަށް ތުހުމަތު ކުރެވެނީ ހޯކްސް ކުންފުނީގެ ބޭރުދަތުރު ކުރާ ބޯޓު، ދަ ހޯކްސް ޖަވާހިރުގަ އެވެ.

"މިހައިތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އޮކްޓޫބަރު 24، 2024 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓުތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވޭ. އަދި އޮކްޓޫބަރު 25، 2024 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓުތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް ވަނީ އެތެރެ ކޮށްފަ," ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު ހިންގަމުން ދަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކަމަށާއި ތަހުގީގު ބިނާވެފައި ވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ތަހުގީގު ކުރަނީ ސިއްރުން ރާއްޖެއަށް މުދާ އެތެެރެކުރަން އުޅުމުގެ ކުށުގެ އިތުރުން މަނީ ލޯންޑަރިންގެ ކުށް ކަމަށް ފުލުހުން ބުންޏެވެ.

ވަގަށް ރާއްޖެއަށް އެތެރެކުރީ މެންޗެސްޓާ ބްރޭންޑުގެ 200 މާސްޓާ ކާޓަން ކަމަށް ފުލުހުން ބުނިއިރު، މާސްޓާ ކާޓަން އަކީ 10،000 ކާޓަން ނުވަތަ ދެ މިލިއަން ސިނގިރޭޓެވެ. މިއީ މީގެ ކުރިން ކަސްޓަމުން ހިފެހެއްޓި ކަމަށް ބުނި އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ.

އެ ސިނގިރޭޓުތައް އެތެރެކުރިކަމުގެ ތުހުމަތު ހޯކްސް ކުންފުންޏަށް އޮތް ނަމަވެސް އެ ކުންފުނިން މީގެ ކުރިން ބުނެފައި ވަނީ ހޯކްސްއިން ކުރަނީ ތެލުގެ ވިޔަފާރި ކަމަށާއި ސިނގިރޭޓު އެތެރެ ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ވަގު ސިނގިރޭޓު މައްސަލައާ ގުޅިގެން ހޯކްސްގެ 14 މުވައްޒަފަކު ސަސްޕެންޑު ވެސް ކުރި އެވެ.