Advertisement

ފައިސަލް ވަކިކުރި ސަބަބާމެދު ސަރުކާރާއި ރައީސްގެ ބަހެއް ނެތް

29 ޖަނަވަރީ 2025 - 11:37 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ފައިސަލް ވަކިކުރި ސަބަބާމެދު ސަރުކާރާއި ރައީސްގެ ބަހެއް ނެތް

29 ޖަނަވަރީ 2025 - 11:37 1

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ކުއްލި ގޮތަކަށް އިބްރާހިމް ފައިސަލް ވަކިކުރި ސަބަބު ހާމަނުކޮށް ސަރުކާރުގެ ތަރުޖަމާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނު ހުރެއްޖެ އެވެ.

ފައިސަލް ވަކިކުރިކަން ސަރުކާރުން އިއުލާނުކުރީ އިއްޔެ ހެދުނެވެ. އެ ހަބަރާއެކު ރައީސް މުއިއްޒު ވަނީ ރަސްމީ ދަތުރެއްގައި ހއ. ގެ 10 ރަށަކަށް ފުރާވަޑައިގެންފަ އެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އެ އަތޮޅުގަ އެވެ.

މި ސަރުކާރުގައި ފުރަތަމަ ފަހަރަށް ވަޒީރަކު ވަކިކޮށް ރައީސް އޮފީހުން ނެރުނު ހަބަރުގައި ވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ފައިސަލް ވަކިކުރި ސަބަބު ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް މި ނޫހުން ވާނީ ތަކުރާރުކޮށް ގުޅާ، މެސެޖު މެދުވެރިކޮށް ސުވާލު ވެސް ކޮށްފަ އެވެ. އިއްޔެ ކުރި ސުވާލަށް ހީނާ ޖަވާބެއް ދެއްވީ މިއަދު އެވެ.

ވިދާޅުވީ ވަޒީރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރެއް ކަމަށެވެ. ނަމަވެސް އެ ބާރުގެ ބޭނުން ހިއްޕެވި ސަބަބެއް ހީނާ ސާފުކޮށެއް ނުދެއްވަ އެވެ. އެކަމުގެ ތަފުސީލަށް އެދުމުން ޖަވާބެއް ނުދެއްވަ އެވެ.

ރައީސް މުއިއްޒުގެ ދަތުރުގައި އެމަނިކުފާނު އިއްޔެ ހަތަރު ރަށަކަށް ވަޑައިގެންނެވި އެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހަށް ގެނައި ބޮޑު ބަދަލާމެދު އެއްވެސް ބަހެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. އެފަދަ ބޮޑު ކަމެއް ހިނގައިގެން އުޅޭކަމަށް އިޝާރާތެއް ނުކުރައްވަ އެވެ.

ފައިސަލް ވަކިކުރުމާ ގުޅިގެން އޭނާގެ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒު އާ ދެމެދު އޮތް ގުޅުން ވެސް ވަނީ ގޯސްވެފަ އެވެ. ރައީސްގެ ނިންމުމަށް ފަހު ރާއްޖޭގެ ނޫހަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ދެ ރައީސުންގެ ގުޅުން ރަނގަޅު ނަމަ މިހެން މިކަން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު މަޖިލީހުންގެ ރައީސްކަމުން ވަކިކުރުމުގެ މަޝްވަރާތަކެއް ވެސް ވަނީ ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ފަށާފަ އެވެ. މި އަޑުތަކާއެކު އަބްދުއްރަހީމް މެލޭޝިއާއަށް ކުރެއްވި ދަތުރު ކުރުކޮށްލެއްވުމަށް ފަހު ރޭ ވަނީ ރާއްޖެ ވެސް ވަޑައިގެންފަ އެވެ.

އެނބުރި ގައުމަށް ވަޑައިގެން، އެއާޕޯޓަށް އެއްވި ނޫސްވެރިންނާ ބައްދަލުނުކުރައްވާ އަބްދުއްރަހީމް "ވަލު ދޮރުއަށިން" ވަޑައިގެންނެވީ ސީދާ އެމަނިކުފާނުގެ ރަސްމީ ގެ މުރައިދޫ އަށެވެ.