Advertisement

ދެން ދިއްދުއަށް ދާނީ އެއާޕޯޓު ހުޅުވަން, މަތިންދާބޯޓުގައި ކަަމަށް ރައީސް ވިދާޅުވެއްޖެ

29 ޖަނަވަރީ 2025 - 11:27 0

އަމަން ހަލީމް

އަމަން ހަލީމް

ހއ. ދިއްދޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ދިއްދޫ އެއާޕޯޓަކީ އުތުރުގެ ހަތޮޅު އަތޮޅުގެ ރަށްތަކަށް މުހިންމު މަޝްރޫއެއް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ދެން ދިއްދުއަށް ދާނީ އެއާޕޯޓު ހުޅުވަން, މަތިންދާބޯޓުގައި ކަަމަށް ރައީސް ވިދާޅުވެއްޖެ

29 ޖަނަވަރީ 2025 - 11:27 0

ދެން ހއ. ދިއްދުއަށް ދާނީ އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިމުމުން, އެ އެއާޕޯޓު ހުޅުވަން މަތިންދާބޯޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދިއްދޫ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގައި, އެ ރަށުގައި އެއާޕޯޓެއް އަޅަން ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިއްދޫ އެއާޕޯޓަކީ އެ ރަށުގެ ތަރައްގީ އާއި, އެ އަތޮޅުގެ މެދުރާސްތާ އާއި ދުރުރާސްތާގެ ތަރައްގީއަށާއި އުތުރުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓަޑް ތަރައްގީގެ ޒޯންގެ ޕްލޭންގައި ވެސް މުހިންމު މަޝްރޫއެކެވެ. އަދި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޓީސީސީއާ ބައެއް މަސައްކަތް. އަދި ބޭރުގެ ފަރާތަކާއެކީގައި ވެސް އަޅުގަނޑޫމެން ފްރޭމްވޯކް އެގްރީމެންޓެއް ސޮއި ކުރެވި ގިނަ މަސައްކަތްތަކެއް ފެށި އަމަލީ މަސައްކަތް ފެށުމާ ހަމައަށް މިދަނީ," ރައީސް ވިދާޅުވި އެވެ.

ރައީސް ދެއްވީ މި އަހަރުގެ ތެރޭގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަމެވެ. އަދި ބިން ހިއްކުން ނިމުމުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ރަންވޭ މަސައްކަތްތަކާއި އެއާޕޯޓުގެ އިމާރާތްތަކުގެ މަސައްކަތް ފެށި, ބާރު ދުވެލީގައި ގެންގޮސް ނިންމަ ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނިންމާ ދެން އިރާދަކުރެއްވިޔާ އަޅުގަނޑު މިރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި އެއާޕޯޓު ހުޅުވަން," ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކައިގައި އިދިކޮޅު ބޭފުޅުންނަށް ނުސީދާ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުން ވިދާޅުވީ އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ހިމެނޭނެ ކަމަށް ހީވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށް ފަހު ރައީސް ވަނީ ތަރައްގީ ގެންނާނީ, ހަމަހަމަކޮށް ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ކަމަށް ދައްކަވާ ވާހަކަތައް ތަކުރާރުކުރައްވާފަ އެވެ. އަދި ރަށްރަށާއި ގައުމަށް ގެނެވޭ ތަރައްގީއަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ދުރުރާސްތާއަށް ދަރީންގެ ދަރީންނަށް, ޕްލޭން ކުރެވިގެން ކުރެވޭ މަސައްކަތެއް ކަމަށެވެ.

"އެކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކޭ މީހުންގެ ވިސްނުން އެއީ އަޅުގަނޑު ހިތުން ދުރުގައި ތިބެގެން ވިސްނާލާ ކޮންމެ ބޭފުޅަކަށް ވެސް އެނގޭނެ ރަނގަޅު ވިސްނުމެއް ނޫން," އެމަނިކުފާނު ވިދާޅުވި އެވެ.

ދިއްދޫ އެއާޕޯޓުގެ އިތުރުން ވެސް ގިނަ ތަރައްގީގެ މަޝްރޫއުތަކެއް އެ ރަށުގައި ހިންގާނެ ކަމަަށާއި ބައެއް ހިދުމަތްތައް ވެސް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ:

  • ފަތާ ޓްރެކެއް ހެދުން
  • އޮޑިދޯނި ފަހަރަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުން
  • އިންޓަނޭޝަނަލް ފުޓްބޯޅަ ދަނޑެއް އެޅުން
  • 200 ހައުސިން ޔުނިޓު ގާއިމުކުރުން
  • ރޯދައިގެ ކުރިން ވެމްކޯގެ ހިދުމަތް ފެށުން
  • ކަރަންޓު ވިއުގަ ރަނގަޅު ކުރުން
  • ކުޅިވަރު ކުޅޭނެ ތަންތަން ތަރައްގީކުރުން
  • ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްގީކުރުން

އޭގެ އިތުރުން ރައީސް ވަނީ, އެ ރަށުގައި އަޅާނެ ކަމަށް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ހޮސްޕިޓަލާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުގެ ވާހަކަ ދެއްކީ ވިދާޅުވީ ދުރުރާސްތާއަށް ވިސްނައިގެން ކަމަށެވެ.

މިހެން ނަމަވެސް އާ އިމަރާތެއް އަޅައި އެކި ހިދުމަތްތައް ތަރައްގީކޮށް, މިހާރު ހުރި އިމާރާތުގައި ސީޓީ ސްކޭނައި ސްޕީޗު ތެރެޕީގެ ހިދުމަތް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިއްދޫގައި ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް, މި އަހަރަށް ބަޖެޓުކުރި މަޝްރޫއުތަކުގެ ތެރޭގައި އެއާޕޯޓާއި އެހެން ގިނަ މަޝްރޫއުތައް ނުހިމެނޭ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް ޕީއެސްއައިޕީ ބަޖެޓުގެ ތަފުސީލުތައް ފިނޭންސުން އާންމުނުކުރާތީ ހިންގާ މަޝްރޫއުތަކެއް ނުވެސް އެނގެ އެވެ.

މިކަމާ ގުޅޭ ހަބަރެއް "އަދަދު" އިން ޝާއިއުކުރުމުން ފިނޭންސުން ބުނީ ބަޖެޓުކޮށްފައި ނެތް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި ބުނީ މި އަހަރަށް ތައްޔާރުކުރި އެކި ދާއިރާތަަކަށް އެންވެލޮޕްކޮށް ވަކި އަދަދުތަކެއް ކަނޑައަޅާފައިވާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. އަދި ވައުދެއް ވެފައިވާނަމަ އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަަމަށް ވެސް ފިނޭންސުން ބުންޏެވެ.