28 ޖަނަވަރީ 2025 - 19:57 1
އަހުމަދު އާއިދު
މުޒާހަރާގެ ބައިވެރިން ކުރިއަށް ނުދެވޭނެހެން ފުލުހުން ހުރަސްއަޅަނީ --- ފޮޓޯ: އެކްސް
28 ޖަނަވަރީ 2025 - 19:57 1
ރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ އެ ރަށުގައި ކުރި މުޒާހަރާއަށް ފުލުހުން ހުރަސްއަޅައިފި އެވެ.
ރައީސް މުއިއްޒު ދިއްދޫއަށް ވަޑައިގަތީ މިރޭ އިރާކޮޅު އެވެ. ނަމަވެސް އެ ރަށުގައި ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރުމަށް ވަމުންދިޔަ ތައްޔާރީތަަކަށް ފުލުހުން ވަނީ މީގެ ދެތިން ދުވަސް ކުރިން ފެށިގެން ހުރަސް އަޅަން ފަށާފަ އެވެ.
އެގޮތުން އިދިކޮޅު އެމްޑީޕީގެ ދިއްދޫ ދާއިރާގެ ވެރިން ފުލުހަށް ހާޒިރުކޮށް އެ ރަށުގައި ދެމި ބެނާތަކެއްވެސް ފުލުހުން ވަނީ ނަގާފަ އެވެ.
ރައީސް ވަޑައިގަތުމުގެ ކުރިން ދިއްދޫގައި އިދިކޮޅުން ކުރަން ރޭވި މުޒާހަރާގައި ބޭނުންކުރަން ހަމަޖެއްސި ސައުންޑް ސިސްޓަމުވެސް ފުލުހުން ވަނީ އަތުލާފަ އެވެ. އަދި ބައެއް ބެނާތައް އަތުލުމަށްވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
ނަމަވެސް، އެމަނިކުފާނު އެ ރަށަށް ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަމުން ގެންދެވި ސަރަހައްދާ ދާތި ގާތަށް ގޮސް އިދިކޮޅު ސަޕޯޓަރުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި ރައީސްގެ އިސްތިއުފާއަށްވެސް އެ މީހުން ގޮވާލާފައިވެ އެވެ.
މި ނޫހަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔުމަށްވެސް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. ދިއްދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް މައުލޫމާތު ލިބިފައެއް ނުވެ އެވެ.
Comment