Advertisement

ޓުއަރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

28 ޖަނަވަރީ 2025 - 09:47 6

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ޓުއަރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

28 ޖަނަވަރީ 2025 - 09:47 6

ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު މަގާމުން ވަކިކޮށްފި އެވެ.

"އަދަދު" އާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުން އޭނާ ވަކި ކުރިކަން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީ ލިބިވަޑައިގަތީ މިއަދު ހެނދުނު ކަމަށެވެ.

"މިއަދު ސިޓީ ލިބުނީ. އެކަން ނިމިއްޖެ. ދެން މިހާރު މި އައީ ގެއަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަކި ކުރުމަށްފަހު ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކޮށްފަ އެވެ. ފައިސަލް ވަކިކޮށްފައިވާކަން ރައީސް އޮފީހުން ވެސް ވަނީ ބުނެފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ޓުއަޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް، އެ މަގާމުން ވަކިކުރައްވައިފި،" ރައީސް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޓުއަރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކި ކުރިއިރު، އޭނާގެ ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އެނގިފައިވާ ގޮތުގައި އަބްދުއްރަހީމް މި ވަގުތު ހުންނެވީ މެލޭޝިޔާގަ އެވެ.

ފައިސަލް މަގާމުން ވަކިކޮށްފައި މި ވަނީ އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް އެހެން ވަޒީރުންނާއި ފައިސަލްއާ ވެސް އޮތީ މައްސަލަތަކެއް ޖެހިފަ އެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.

އެކަމަކު، މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުއްރަހީމްއަކީ އެމަނިކުފާނު އެންމެ ފަހުރުވެރިވާ ސިޔާސީ ޝަހުސިއްޔަތު ކަމަށެވެ.

"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަޅުގަނޑު އެންމެ ބޮޑަށް އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް،" އޭޕްރީލް 6، 2024، ގައި ރައީސް ވިދާޅުވި އެވެ.