28 ޖަނަވަރީ 2025 - 09:39 1
ދިއްދޫގައި ރޭ ދެމި ބެނާއެއް: ބެނާތައް ކަނޑާލީ ޝުއޫރު ފާޅު ނުކުރަން ފުލުހުންނާއި ރަށު ކައުންސިލުން އިންޒާރު ދީފައި އޮއްވައި -- ފޮޓޯ: ކިޔުންތެރިއެއް
28 ޖަނަވަރީ 2025 - 09:39 1
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން އެ ރަށުގައި ރޭ ދެމި ބެނާތައް ބަޔަކު ދަންވަރު ކަނޑާލައިފި އެވެ.
ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިން އެމަނިކުފާނާ ދެކޮޅަށް ޝުއޫރު ފާޅު ކުރަން ރޭ ބެނާ ދެމީ އިދިކޮޅު އެމްޑީޕީން އާއި ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އެ ދެ ޕާޓީގެ މެންބަރުން ހިތްހަމަނުޖެހުން ފާޅު ކުރަން ބެނާ ދަމަން ނިންމީ ރަށަށް ރަށަށް ކޮށްދޭން ވައުދުވި ކަންކަމުގެ އެއްވެސް ވައުދެއް ނުފުއްދޭތީ އެވެ.
"ރޭ އަޅުގަނޑުމެން ބެނާތައް ދެމީ. ގާތްގަނޑަކަށް އަށް ބެނާ ދެމިން. އެކަމަކު ބަޔަކު ނުކުމެ ރޭ ދަންވަރު ބެނާތައް ކަނޑާލާފަ ހުރީ. ނޭނގެ ކޮން ބައެއް ކަމެއް އެކަން ކުރީ،" ދިއްދޫއިން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ދިއްދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އަޅައި، ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ހިންގައި އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެކަންކަން މިއަހަރު ކުރަން ސަރުކާރުން ޕްލޭން ކޮށްފައިނުވާކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.
އިދިކޮޅު މެންބަރުން ރޭ ބެނާތައް ތައްޔާރު ކުރަމުން ދަނިކޮށް ފުލުހުންގެ ޓީމެއް ވަނީ އެ މަސައްކަތް ކުރަމުންދިޔަ ގެޔަށް ވަދެ އިންޒާރެއް ދީފަ އެވެ. އޭގެ ކުރިން ދުވަހު އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އާއި ނައިބު ރައީސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ރައީސް އެ ރަށަށް ވަޑައިގަންނަވާއިރު "ދަތުރަށް ހުރަސް އެޅޭ ގޮތަށް" ޝުއޫރު ފާޅު ނުކުރަން އިންޒާރުދީ ދިއްދޫ ކައުންސިލުން ވަނީ އެމްޑީޕީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުގައި ދިއްދޫ ހިމެނޭ ގޮތަށް ޖުމުލަ 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ. ދިއްދޫގެ އިތުރުން ދެން ވަޑައިގަންނަވާނީ ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.
ހއ. އަތޮޅުގައި ރައީސް ތިން ދުވަސް ހޭދަ ކުރައްވާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment