ފެނަކައިގެ މައްޗަށް 28 މިލިއަން ރުފިޔާގެ ދައްކަން ހުކުމެއް

27 ޖަނަވަރީ 2025 - 16:42 0

ލީވާން އަލީ ނާސިރު

ލ

ފެނަކަ ކޯޕަރޭޝަން: އެ ކުންފުނީގެ މައްޗަށް 28 މިލިއަން ރުފިޔާގެ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމެއް ކޮށްފައި -- ފޮޓޯ: ގާފު


ފެނަކައިގެ މައްޗަށް 28 މިލިއަން ރުފިޔާގެ ދައްކަން ހުކުމެއް

27 ޖަނަވަރީ 2025 - 16:42 0

ފެނަކަ ކޯޕަރޭޝަނުން ދިމަހް ޕްރައިވެޓް ލިމިޓެޑާ އެކު އެކި ފަހަރު މަތިން ހެދި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދީފައިވާ ހިދުމަތަށް ދޭން ޖެހޭ 28.11 މިލިއަން ރުފިޔާ 11 މަސް ދުވަހަށް ބަހާލައިގެން ދައްކައި ހަލާސް ކުރަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ދިމަހްއާ އެކު ފެނަކައިން 2022 އަދި 2023 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ 28.11 މިލިއަން ރުފިޔާ އަދާކުރަން ޖެހޭނީ ކޮންމެ މަހަކު މަދުވެގެން 2.5 މިލިއަން ރުފިޔާ ދައްކައި ހަލާސް ކުރާ ގޮތަށް ކަމަށެވެ.

ދިހަމްއިން ފެނަކައިގެ މައްޗަށް ދައުވާ ކުރީ އެ ކުންފުނިން ހޯދި ހިދުމަތްތަކަށް ދައްކަން ޖެހޭ 31.11 މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް އޭގެ ތެރެއިން ތިން މިލިއަން ރުފިޔާ ފެނަކައިން ދީފައިވާތީ، ހުކުމްކުރީ އެ ފައިސާ އުނިކުރުމަށްފަހު ބާކީ ފައިސާ ދެއްކުމަަށެވެ.

މައްސަލަ ދިމަހްއިން ސިވިލް ކޯޓަށް ހުށަހެޅީ ނޮވެމްބަރު 26، 2023، ގަ އެވެ. މައްސަލައާ ގުޅިގެން މެއި 5، 2024، ގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ފެނަކައިން އެދުމުން 14 ދުވަހުގެ މުއްދަތެއް ސިވިލް ކޯޓުން ދިނެވެ.

ނަމަވެސް މައްސަލައާ ގުޅިގެން އެއްބަސްވި ގޮތް ކޯޓަށް ހުށަހަޅާފައިނުވާތީ، އިތުރު އަޑުއެހުމެއް އޮކްްޓޯބަރު 23، 2024, ގައި ބޭއްވި އެވެ. އަދި މައްސަލައާ ގުޅިގެން ޖެނުއަރީ 20، ގައި ދިމަހްއިން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއް ނެތި ހުކުމް ކޮށްދިނުމަށް އެދިފައިވެ އެވެ.

މިގޮތުން ދިމަހުއިން އެދުނީ ވެސް ސިވިލް ކޯޓުން ހުކުމްކުރި ގޮތަށް 28.11 މިލިއަން ރުފިޔާ 11 މަހަށް ބަހާލައިގެން، ކޮންމެ މަހަކު 2.5 މިލިއަން ރުފިޔާ އެ ކުންފުންޏަށް ފެނަކައިން އަދާ ކުރާ ގޮތަށެވެ.

މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ ފެނަކައިން އެންމެ ފަހުން އެދުނީ ދިމަހްއިން އެދުނު ގޮތަށް މައްސަލަ ނިންމައި، ހުކުމް ކޮށްދިނުމަށެވެ.

ފެނަކައިން އަމިއްލަ ކުންފުނިތަކުން ހިދުމަތް ހޯދައި ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިގޮތުން މިދިޔަ އަހަރު ވެސް އެކި ކުންފުނިތަކުން ވަކިވަކިން ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން، އެ ކުންފުނިން ދައްކަން ޖެހޭ ފައިސާތައް ދައްކައި ހަލާސް ކުރުމަށް ހުކުމްތަކެއް ކޮށްފައިވެ އެވެ.