ސިނގިރޭޓުގެ އަގު ބޮޑުވުމުން އިންފްލޭޝަން މަތިވެ ފަސް ޕަސެންޓާ ގާތްކޮށްފި

27 ޖަނަވަރީ 2025 - 16:32 0

މީހަކު ފިހާރައަކުން ވިޔަފާރި ކުރަނީ: ސިނގިރޭޓުގެ އަގު ބޮޑުވިއިރު މުއާސަލާތީ ހިދުމަތްތަކުގެ އަގު ވަނީ ތިރިވެފަ -- ފޮޓޯ: އަދަދު ފައިލް


ސިނގިރޭޓުގެ އަގު ބޮޑުވުމުން އިންފްލޭޝަން މަތިވެ ފަސް ޕަސެންޓާ ގާތްކޮށްފި

27 ޖަނަވަރީ 2025 - 16:32 0

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑު ކުރުމުން ސިނގިރޭޓާއި ދުންފަތުގެ އަގު އުފުލުމުން އިންފްލޭޝަން މަތިވެ، 4.80 ޕަސެންޓަށް ޖެހިލައިފި އެވެ.

މިއީ މިދިޔަ ހަތަރު އަހަރަށް ބަލާއިރު ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ. އެކަމަކު، އިންފްލޭޝަން މަތިވުމުގެ މައިގަނޑު ސަބަބަކީ ސިނގިރޭޓުގެ އަގު ބޮޑުވުން ކަމަށް އިފްލޭޝަން ހިސާބު ކުރާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެ އެވެ.

ނިމިދިޔަ 2024 ވަނަ އަހަރު މަޑުމަޑުން ތަކެތީގެ އަގު އައީ އުފުލެމުންނެވެ. އެކަމަކު، ބައެއް ތަކެތީގެ އަގު ވެއްޓުނު ވެސް މެ އެވެ. ޑިސެމްބަރުގެ ހިސާބުތަކަށް ބަލާއިރު އަގު އެންމެ ބޮޑަށް އުފުލުނީ ސިނގިރޭޓާއި ރެސްޓޯރަންޓުތަކުންނެވެ.

ނޮވެމްބަރު މަހާ އަޅާބަލާއިރު ސިނގިރޭޓުގެ އަގު 10 ޕަސެންޓު ބޮޑުވި އެވެ. ރެސްޓޯރަންޓުތަކުގެ އަގު 8.90 ޕަސެންޓު އުފުލުނެވެ. އޭގެ އިތުރުން ތަރުކާރީ، މޭވާ އަދި އިލެކްޓްރޯނިކް އެޕްލަޔަންސާސްގެ އަގު ވެސް އުފުލުނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ރެސްޓޯރަންޓުތަކުގެ އަގު އުފުލުނީ ވެސް ސިނގިރޭޓުގެ ސަބަބުން ކަމަށެވެ. އެކަމަކު ކޮފީގެ އަގު 1.90 ޕަސެންޓު އުފުލުމާއި ދުފާ އެއްޗެހީގެ އަގު 3.05 ޕަސެންޓު އުފުލުމަކީ ވެސް އޭގެ ސަބަބެކެވެ.

ހުރިހާ އެއްޗަކަށް ބަލާއިރު އަހަރެއްގެ ތެރޭގައި އިންފްލޭޝަން މަތިވީ 4.80 ޕަސެންޓެވެ. އެންމެ ބޮޑަށް އަގު އުފުލުނީ ސިނގިރޭޓުންނެވެ. އެކަމަކު އެއް އަހަރުގެ ހިސާބުތަކަށް ބަލާއިރު މަހުގެ އަގު ވެސް 7.6 ޕަސެންޓު އުފުލުނެވެ. ސިއްހީ ހިދުމަތްތަކުގެ އަގު ވެސް 4.2 ޕަސެންޓު އަގުބޮޑުވި އެވެ.

ހިސާބުތަކަށް ބަލާއިރު އަގު އެންމެ ބޮޑަށް ވެއްޓުނީ މުއާސަލާތީ ވަސީލަތްތަކުންނެވެ. މުއާސަލާތީ ވަސީލަތްތަކުގެ އަގު 3.73 ޕަސެންޓު ވެއްޓުނެވެ. އޭގެ އިތުރުން ކަރަންޓާއި ފެނާއި ކާބޯތަކެތި ތައްޔާރު ކުރަން ބޭނުން ކުރާ އެއްޗެހީގެ އަގު ވެސް ތިރި އެވެ. ކަރަންޓުގެ އަގު 2.28 ޕަސެންޓު ތިރިވިއިރު، ފެނުގެ އަގު ވެސް 0.69 ޕަސެންޓު ވެއްޓުނެވެ.