27 ޖަނަވަރީ 2025 - 08:52 0
އަމަން ހަލީމް
ހއ. ދިއްދޫ: ދިއްދޫގައި ބިމުގެ ޖާގައިގެ ދަތިކަން ބޮޑު -- ފޮޓޯ: ގޫގުލް އާތު
27 ޖަނަވަރީ 2025 - 08:52 0
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ހއ. ދިއްދޫ އަށް ވައުދުވެވަޑައިގެންނެވި ހޮސްޕިޓަލާއި އެއާޕޯޓު މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތްކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.
މި އަހަރުގެ ބަޖެޓު ފޮތުގައި ރަށްރަށުގެ ވަކިވަކި މަޝްރޫއުތައް ހިމަނާފައެއް ނުވެ އެވެ. ބަޖެޓު ފޮތުގައި ޖަހާފައި ވަނީ ޕަބްލިކް ސެކްޓަ އިންވެސްޓުމެންޓު ޕްރޮގްރާމު (ޕީއެސްއައިޕީ)ގެ މައިގަނޑު ދާއިރާތަކަށް ކުރާ ހަރަދެ އެވެ. އެ ބަޖެޓަކީ 12.4 ބިލިއަން ރުފިޔާ އެވެ.
ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް ވަނީ ދިއްދޫގައި ހިންގާ މަޝްރޫއުތަކުގެ ލިސްޓެއް ލިބިފަ އެވެ. މި ލިސްޓުގައި ރައީސް ވައުދުވެވަޑައިގެންނެވީ ބޮޑެތި މަޝްރޫއުތައް މި އަހަރަށް ބަޖެޓުކޮށްފައި ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ދިއްދޫއަށް ވަޑައިގެން މި ވައުދުތައް އެ މަނިކުފާނު ތަކުރާރު ކުރެއްވި އެވެ.
"އަޅުގަނޑުވީ ހުރިހާ ވައުދެއް އިރާދަކުރެއްވިއްޔާ ފުއްދާނަން،" ފެބްރުއަރީ 25، 2024 ގައި ދިއްދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ ދިއްދޫ ހޮސްޕިޓަލްގެ ވާހަކަ އެވެ.
"އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގައި އަދި މުޅި އަތޮޅަށް ވެސް އެއިން ފައިދާވާ ފެންވަރުގެ ވަރަށް ރަނގަޅު، ގިނަ ހިދުމަތްތައް ލިބޭ، ފެންވަރު ރަނގަޅު، އާ ހޮސްޕިޓަލް އިމާރާތެއް އަޅައި، ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅުކޮށްދޭނެ ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، މި އަހަރުގެ ޕީއެސްއައިޕީގެ ބަޖެޓުގައި ދިއްދޫ ހޮސްޕިޓާ ތަރައްގީކުރުން ހިމަނާފައެއް ނުވެ އެވެ. ބިން ހިއްކުމާއި އެއާޕޯޓުގެ މަޝްރޫއެއް ވެސް ހިމަނާފައި ނެތްކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
ޕީއެސްއައިޕީ ބަޖެޓުގައި ބިން ހިއްކުމުގެ މަސައްކަތް ނެތް ނަމަވެސް މިއީ ކުރީ ސަރުކާރުގެ ފަހު އަހަރުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ފައްޓާފައިވާ މަޝްރޫއެކެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް ގޮސްފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދެމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވީ, ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނެތް ކަމަށެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތް ނިމުމުން އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެސްއައިޕީގެ ޖުމުލަ ބަޖެޓު ކަމުގައިވާ 12.4 ބިލިއަން ރުފިޔާގެ ތެރެއިން ސިއްހީ ދާއިރާއަށް ކަނޑައަޅާފައި އޮތީ 964 މިލިއަން ރުފިޔާ އެވެ. އަދި ވައިގެ ބަނދަރުތައް ހެދުމަށް 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އަތޮޅުތަކަށް ފަށްޓަވާފައިވާ ދަތުރުގެ ތެރެއިން މި ހަފުތާގައި ރައީސް މުއިއްޒު ހއ. އަތޮޅަށް ވަޑައިގަންނަވާއިރު، ދިއްދޫއަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment