ގޯލްޑަން ފުޓްސަލް ޗެލެންޖް: ޗެމްޕިއަން ތިމަރަފުއްޓާ ދެކޮޅަށް ފައިނަލުގައި ހިރިލަންދޫ

27 ޖަނަވަރީ 2025 - 05:08 0

އަތޫފް އާތިފް

އ

ލަނޑު ޖެހުމަށް ފަހު ހިރިލަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ޗެމްޕިއަން ތިމަރަފުއްޓާ ދެކޮޅަށް ފައިނަލުގައި ހިރިލަންދޫ

27 ޖަނަވަރީ 2025 - 05:08 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ތ. އަތޮޅު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި އާއި ދެކޮޅަށް ހިރިލަންދޫ ކުޅެން ޖެހިއްޖެ އެވެ.

މި މުބާރާތުގެ ތ. އަތޮޅު ސެމީ ފައިނަލް މެޗުތައް ރޭ ކުޅުނުއިރު, ޗެމްޕިއަން ތިމަރަފުށިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ 2-0 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ. އަދި ހިރިލަންދޫން ވަނީ ފޯރިގަދަ މެޗަކަށް ފަހު، 4-3 އިން އޮމަދޫ ބަލިކޮށްފަ އެވެ.

މި މެޗުގެ ނުވަ ވަނަ މިނިޓުގައި ތިމަރަފުށިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ، އާދަމް ނާސިހް (އާދަންނަ) އެވެ. ތިމަރަފުށީގެ ލީޑު ފުޅާކޮށްދިނީ ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި އަހުމަދު އަފްލާޒް ޖެހި ގޯލުންނެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އޮމަދޫ އިންނެވެ. މެޗުގެ 19 ވަނަ މިނިޓުގައި އޮމަދޫ އަށް ލީޑު ނަގައިދިނީ މުހައްމަދު އަލާއު ޖެހި ގޯލުންނެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ހިރިލަންދޫގެ މުހައްމަދު ނިޝާހު ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. އަދި އޭގެ މިނިޓެއް ފަހުން ނިޝާހު ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ހިރިލަންދޫގެ އަހުމަދު މުފީދު ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.

އެކަމަކު، ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި އޮމަދޫގެ ސުއާދު އަހުމަދު ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން މުހައްމަދު ނާބިތު ހުސެއިން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. ހިރިލަންދޫ މޮޅުކޮށްދިން ގޯލު އެ ޓީމަށް ޖަހާދިނީ މެޗުގެ ފަހު މިނިޓުގައި ނިޝާހު އެވެ.

މިއީ ހިިރިލަންދޫން އަތޮޅު ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން ފައިނަލާ ހަމައަށް އައީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ.

ތ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅޭ މެޗުތައް

20:00: އދ. ފައިނަލް: މަންދޫ - މަހިބަދޫ

20:00: ގއ. ފައިނަލް: ވިލިނގިލި - ދެއްވަދޫ

21:30: ހއ. ސެމީ ފައިނަލް: މާރަންދޫ - ދިއްދޫ

21:30: ހއ. ސެމީ ފައިނަލް: ވަށަފަރު - ކެލާ

22:30: ހދ. ސެމީ ފައިނަލް: ނޭކުރެންދޫ - ކުމުންދޫ

22:30: ހދ. ސެމީ ފައިނަލް: ނައިވާދޫ - މަކުނުދޫ