15 ފެބުރުވަރީ 2025 - 13:14 0
ތިމަރަފުށީ ޓީމުގެ ކޯޗު މުހައްމަދު ޝާހީން (ޕޮޓޭ): ނޮކައުޓްގެ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އިމޭޖަސް،އެމްވީ
15 ފެބުރުވަރީ 2025 - 13:14 0
ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ނޮކައުޓް ބުރަށް ތ. ތިމަރަފުށިން ތައްޔާރުވާނީ އެ ޓީމަށް ވެވުނު އެންމެ ރަނގަޅަކަށް އެއްވެސް މެޗެއް ފަސޭހަނުވާނެކަން ދަނެގެން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާހީން (ޕޮޓޭ) ބުނެފި އެވެ.
ތިމަރަފުށިން ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި، ތ. އަތޮޅުގެ ޗެމްޕިއަންކަން، ހަތް ފަހަރު އަދި ޒޯން ޗެމްޕިއަންކަން ހަ ފަހަރު ހޯދި އެވެ. އެކަމަކު، މިއީ، 2022 ވަނަ އަހަރުގެ ފަހުން، ތިމަރަފުށްޓަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، އަތޮޅު ތަށްޓާއި ޒޯން ތަށި ލިބުނު ފުރަތަމަ ފަހަރެވެ.
"ހަމަ ޓީމުގެ ވަރަށް ބުރަ މަސައްކަތް މިއީ. ހަމަ ޓީމު މި އައީ ވަރަށް ކިިކުގައި، ފާއިތުވި އަހަރު އަހަރުމެންނަށް މި ތަށި (ޒޯން ތަށި) ނުލިބުނީމަ ވަރަށް ފެންބޮވައިގަނެފައި ހުރީ. ދެން، އެނގޭ މި ޒޯނަކީ ވަރަށް ޓަފް ޒޯނެއް. އުނދަގޫވެސް ވާނެ ތަށި ނަގަން، ލ. ގަމަކީ ހަމަ، ވަރަށް ވަރުގަދަ ޓީމެއް ވީމަ، އަހަރެމެން ވަރަށް ޕްރެޕެއާ ވެގެން އައީ، އަލްހަމްދުލިއްލާހި އިރާދަކުރައްވައިގެން މި އޮތީ މި ފަހަރު ރަނގަޅު ކާމިޔާބެއް ލިބިފައި،" ޒޯން ހައެއްގެ ފައިނަލުގައި، ގަން އަތުން 4-0 އިން މޮޅުވި މެޗަށް ފަހު ޕޮޓޭ ބުންޏެވެ.
މި މުބާރާތުގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު، ޝާހީން ބުނީ، ގަދަ 16 ބުރުގައި ވާދަކުރަން ތައްޔާރުވެފައިވާ ހުރިހާ ޓީމެއް ވެސް ފެންނަނީ ވަރުގަދަކޮށް ކަމަށެވެ. އަދި ވަކި ދަށް ޓީމެކޭ ކިޔާފައި ބުނެވޭނެ އެއްވެސް ޓީމެއް ނެތް ކަމަށް ޕޮޓޭ ވަނީ ފާހަގަކޮށްފަ އެވެ.
"އަނެއްހެން، މި އުޅެނީ، ޓޮޕް ކޮންޓެންޑާސް ޓީމުތަކެއް، ވަރަށް ވަރުގަދަ ޓީމުތަކެއް ކަޓައިގެން ވެސް ގޮސްފި. އެހެންވީމަ، އެންމެ މެޗެއް ވެސް އީޒީއެއް ނުވާނެ، އަހަރެމެން ކޮންމެ މެޗަކަށް ވެސް ވަރަށް ޕޮޒިޓިވްކޮށް ނުކުމެގެން ނޫނިއްޔާ ހަމަ ކާމިޔާބެއް ނުލިބޭނެ، ހުރިހާ މެޗަކަށް ވެސް ވަރަށް ތައްޔާރުވެގެން ނުކުންނާނީ،" ޕޮޓޭ ބުންޏެވެ.
"މިހާރު މި ގޯލްޑަންގައި ހަމަ އެއްވެސް ޓީމެއް އީޒީއެއް ނުކޮށްލެވޭނެ. އީޒީކޮށްލެވޭ ވަރުގެ ޓީމެއް ނާންނާނެ، އެ އަށް އަހަރެމެން ތައްޔާރުވާނަން ވަރަށް ރަނގަޅަށް،"
ފާއިތުވި ދެ އަހަރު ވެސް ތިމަރަފުށި ގޯލްޑަން ފުޓްސަލް ޗެލެންޖުން ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ. މި ފަހަރުގެ މުބާރާތުގެ ގަދަ 16 ބުރުގައި، ތިމަރަފުށިން މިރޭ ނުކުންނާނީ، ކ. އަތޮޅާއި ޒޯން ތިނެއްގެ ރަނަރަޕް، ކާށިދޫއާ ދެކޮޅަށެވެ. މެޗު ފަށާނީ 11 ޖަހާއިރު އެވެ.
Comment