15 ފެބުރުވަރީ 2025 - 16:20 0
15 ފެބުރުވަރީ 2025 - 16:20 0
ގޯލްޑަން ފުޓްސަލް ޗެެލެންޖުގައި މި ފަހަރު ކުރިއަށްދާނަމަ ކޮންމެ މެޗެއްގައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން މެޗުން މޮޅުވާން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ދ. ކުޑަހުވަދޫ ޓީމުގެ ކެޕްޓަން، ޖުމައިލް ޖަމީލް (ޖުމްބެ) ބުނެފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންްޖުގައި އަބަދުވެސް ވަރުގަދަ ބާރެއްގެ ގޮތުގައި ފެންނަ ކުޑަހުވަދޫ ޓީމުން ވަނީ، ދ އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯން ފަހެއްގެ ތަށި ހޯދައިފަ އެވެ.
"ފުރަތަމަ ވެސް އަލްހަމްދުލިއްލާހި މި ކާމިޔާބަށް. އަނެއްހެން އަސްލު ފުރަތަމަ ޒޯން ބުރު ފަށައިގެން ކުޑަކޮށް އުނދަގޫކޮށްދިއުމާ އެކު، އަހަރެމެން ވަރަށް ބޮޑަށް ޕްރެކްޓިސްތަކުގައި މި ކަމަށް ރެޑީ ވެގެން ވަރަށް ބޮޑަށް ޕްރެކްޓިސްކޮށްގެން އައިސް މި ތަށި (ޒޯން ތަށި) ލިބުނީ،" ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު، ޖުމްބެ ބުންޏެވެ.
ޒޯން ފަހެއްގެ ފައިނަލުގައި، އުނދަގޫ މެޗެއް ކުޅުމަށް ފަހު، ފ. އަތޮޅުގެ ޗެމްޕިއަން، ދަރަނބޫދޫ އަތުން 5-3 އިން މޮޅުވުމަށް ފަހު އެވެ. ޖުމްބެ ބުނީ، ނޮކައުޓް ބުރަށް ނުކުތުމުގެ ކުރިން ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު ޒޯން ފައިނަލް ދިޔަ ގޮތުން އިތުރަށް މަސައްކަތްކޮށް ތައްޔާރީތައް ވެސް ރަނގަޅުކުރާނެ ކަމަށެވެ.
"މިއަދު މެޗު (ޒޯން ފައިނަލް މެޗު) ވެސް ވަރަށް އުނދަގޫކޮށް މިދިޔައީ އެއްވަރު އެއްވަރުވަމުން ގޮސް، އެ މީހުން ލީޑުނަގައި، ފަހު ހަތަރު މިނިޓަށް ދިޔައިރު ވެސް އެ ޓީމު ލީޑުގައި އިނީ، އަނެއްހެން ޓީމު ޕްލޭޔަރުން ކުރި ބުރަ މަސައްކަތް މިއީ، ނަތީޖާ އަނބުރާލުން ވަރަށް ހިތްހަމަ ޖެހޭ އަސްލު މޮޅުވީމަ،" ޖުމްބެ ބުންޏެވެ.
ގިނަ ކުޅުންތެރިންނާއި ކޯޗުން ވަނީ މި ފަހަރުގެ ގޯލްޑަން ފުޓްސަލް މެޗުތަކުގެ އުނދަގޫ ވާހަކަ ހިއްސާކޮށްފަ އެވެ. ޖުމްބެ ބުނީ، ގަދަ 16 ބުރަށް ނުކުންނައިރު، އެއްވެސް މެޗެއް ފަސޭހަވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"އަސްލު ކުރިން ފަހަރުތަކަށް ވުރެ ވެސް އަސްލު މި ފަހަރު ނޮކައުޓް ރައުންޑް މި އޮތީ ވަރަށް އުނދަގޫކޮށް، ވަރަށް ރަނގަޅު ޓީމުތައް މި އޮތީ. ވަރަށް ބޮޑަށް ޕްރެކްޓިސްކޮށްގެން އިތުރަށް މި މުބާރާތުގައި ކުރިއަށްދެވޭނީ،" ޒޯން ފަހެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖުމްބެ ބުންޏެވެ.
ގަދަ 16 ބުރުގައި، ކުޑަހުވަދޫން ނުކުންނާނީ ޒޯން ހަތަރެއްގެ ރަނަރަޕް، އއ މަތިވެރިއާ ދެކޮޅަށެވެ. މިދިޔަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރި މަތިވެރި އަށް ޒޯން ތަށި ދިފާއުނުކުރެވުނެވެ. ކުޑަހުވަދޫން މިދިޔަ އަހަރުގެ މުބާރާތުން ކެޓީ ވެސް ކުއާޓާ ފައިނަލުގަ އެވެ. އެއީ، ކ. ގާފަރު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ.
Comment