26 ޖަނަވަރީ 2025 - 10:38 2
މުހައްމަދު ޝަހްޒާން
26 ޖަނަވަރީ 2025 - 10:38 2
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 100،000 މެންބަރުން ހަމަ ކުރުމަށް ކަމަށް ބުނެ އެ ޕާޓީން ހިންގި މެންބަރުޝިޕް ޑްރައިވްގެ ތެރެއިން ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް މީހުން ވެއްދި މައްސަލައިގެ ތަހުގީގު ނިމުމުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ދީފި އެވެ.
ޕީޖީ އޮފީހުން އެމްޑީޕީއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ވަގު ފޯމު މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންގެ މުއައްސަސާއިންނާއި އިލެކްޝަންސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހޯދިއިރު، އެ އިދާރާތަކުން ވަގު ފޯމު މައްސަލަ ބަލަމުންދާކަން އެނގިފައިވާ ކަމަށެވެ.
އެހެންކަމުން އެ އިދާރާތަކުގެ ތަހުގީގު ނިމި ޕީޖީ އޮފީހަށް ހުށަހެޅުމުން އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުން އެމްޑީޕީއަށް ދީފައިވެ އެވެ.
"މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރައްވައި ތަހުގީގު އިދާރާތަކުން މި އޮފީހަށް މައްސަލަ ހުށަހެޅުއްވުމުން މައްސަލައިގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް މި އޮފީހުން އަޅާނެ ވާހަކަ ދަންނަވަމެވެ،" ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުންޏެވެ.
އެ އޮފީހުން ބުނެފައި ވަނީ ވަގު ފޯމު މައްސަލައިގައި ތަހުގީގު ކުރިއަށްދާ ގޮތް ޕީޖީ އޮފީހުން ގާތުން ބަލަމުންދާނެ ކަމަށް ބުންޏެވެ.
އެމްޑީޕީއަށް ޕީޖީން ސިޓީއެއް ފޮނުވީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން ޕީޖީއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގަ އެވެ.
އެމްޑީޕީން ވަނީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.
ވަހު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް އިން ވެސް ވަނީ ފުލުހަށް މިއަދު ހުށަހަޅައިފަ އެވެ. ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީގެ 700 އެއްހައި މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަސަންދީ(ލ)
about 2 months ago
ވަގުފޯމު މައްސަލައިގައި އަޅުއްވާނެ ފިޔަވަޅަކީ، އެބަސް ވިދާޅުވިހިނދު ކުރި ތަނުން ފަހަތައް ނުވަތަ ކުރިއަށް ފިޔަވަޅެއް އެޅުއްވުމެވެ. ހިތްނިޔަތްގަތީ އެެހެންކަމަށް ވަންޏާ އެއޮތީ ކަންކޮށް ނިމިފައެވެ. ފަނޑިޔާރުކަމުގަ ހުންނެވިއިރުވެސް ކަން ހިނގީ އެފަދައިންތޯ ބަލަން ޖެހެއެވެ.
ހަސަންބޭ!
about 2 months ago
ޕީޖީ ތިގޮތަށް ވިދާޅުވި ކަމުގައިވެސް މިހާރު ކަންތަށްތަށް،ގޮސްފައިވާ މިންގަޑަށް ބަލާއިރު،. ތީގެ އެއްވެސް މައްސަލައެއްބަލާނޭކަމަށް. އުއްމީދުވެސް ނުކުރަމެވެ، ތިކަން ތަށް ދަނީ ކޯނީގެ ރިޕޯޓަށް ވީގޮތައް ކަން ޔަގީން!
Comment