26 ޖަނަވަރީ 2025 - 06:29 0
އަހުމަދު އާއިދު
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު : އޭސީސީގެ ޖިނާއީ ތަހުގީގުތައް އަވަސްކުރަން އޭނާ ވަނީ އަމުކުރައްވާފަ -- ފޮޓޯ: އަދަދު
26 ޖަނަވަރީ 2025 - 06:29 0
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގަމުންދާ ޖިނާއީ ތަހުގީގުތައް އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އެ ކޮމިޝަނުގެ މައްޗަށް އަމުރު ކުރައްވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭސީސީގެ މައްޗަށް އަމުރެއް ނެރެން ނިންމެވީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އަދި މި ނިންމުމުގެ ދަށުން އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މިގޮތަށް ނިންމީ ކޮރަޕްޝަނުގެ ތަހުގީގުތައް ލަސްވާ ކަމަށްބުނެ އާންމުން ޕީޖީ އަށް ފޮނުވަމުންދާ ޝަކުވާތަކާ ގުޅިގެން ކަމަށް ވެސް އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގަ އާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތަށް އުނިކަން އަންނަމުންދާކަން ސަމާލުކަމަށް އައިސްފައިވޭ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ލަސްވެފައިވާ ބައެއް މައްސަލަތައް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްޕީއާރުސީ ހިޔާނާތާއި، ކޮވިޑު-19 ދުވަސްވަރު ހިނގި ހިޔާނާތާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް އާ ގުޅޭ މައްސަލަތަކެވެ.
މި މައްސަލަަތަކުގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމާ ޕީޖީ އޮފީހުން އެކުލަވާލި އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް ވެސް އައްބާސް ވަނީ އޭސީސީގެ މައްޗަށް އަމުރު ކުރައްވައިފަ އެވެ.
ޕީޖީ އޮފީހުން ބުނާ ގޮތުގައި އަލަށް އެކުލަވާލި އިރުޝާދުގެ ބޭނުމަކީ ތަހުގީގުތައް އަވަސްކޮށް ތަހުގީގީ މަރުހަލާތައް ހަރުދަނާ ކުރުމާއި ތަހުގީގަށް ބޭނުންވާ ޕީޖީ ގެ ލަފާ ހޯދުމަށް މިހާރަށްވުރެ ފަސޭހަ ނިޒާމެއް އެކުލަވާލުން ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment