25 ޖަނަވަރީ 2025 - 17:03 2
މުހައްމަދު ޝަހްޒާން
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމު ކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން
25 ޖަނަވަރީ 2025 - 17:03 2
މިމަހު 15، ގެ ހެނދުނު 8:17 ހާއިރު ސެނެހިޔާ ބިތްދޮށް މަގުން ސައިކަލެއްގައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލި މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ސަފްވާން ޒުފްރަތު 29، ހ. ރޯޒްލޭންޑު، މާލެ އާއި އަލީ ނާޝިދު 34، އުދަރެސް، ށ. ފޭދޫ ކަމަށެވެ.
އެ ދެމީހުންގެ ތެރެއިން ސަފްވާން ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އަލީ ނާޝިދު ހައްޔަރު ކުރީ ޖެހިގެން އައި އަންގާރަ ދުވަހުގެ މެންދުރުފަހު ކަމަށް ފުލުހުން ބުންޏެވެ. އެ ދެމީހުންގެ ބަންދަށް ވެސް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސެނެހިޔާ ހޮސްޕިޓަލްގެ ބިތްދޮށް މަގުން ސައިކަލެއްގައި ދިޔަ މީހަކު ޒަހަމު ކޮށްލި މައްސަލައިގައި ދެމީހުން ހައްޔަރު ކުރި ކަމަށް ފުލުހުން މިއަދު ބުނިއިރު، އެ ދުވަހު ފުލުހުން ހާމަކުރީ އެ ސަރަހައްދުން ޒަހަމުތަކަކާއެކު މީހަކު ފެނުނު ވާހަކަ އެކަންޏެވެ. އެއީ މާރާމާރީއަކާ ގުޅުންހުރި ކަމެއްކަން އެ ދުވަހު ފުލުހުން ނުބުނެ އެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މާލޭގައި އަނެއްކާވެސް ގޭންގު މާރާމާރީތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ރޭ ވެސް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމު ކޮށްލާފައިވެ އެވެ.
Comment