އާސާރީ ތަންތަނުގެ ތެރެއިން ވާދޫ ދަންނަ ކަލޭގެފާނު ޒިޔާރަތް

26 ޖަނަވަރީ 2025 - 02:18 2

އަހުމަދު އަލާ ދީދީ

އ

ގދ. ވާދޫގައި ހުންނަ ޖަލާލުއްދީން ނުވަތަ ވާދޫ ދަންނަ ކަލޭގެފާނު ޒިޔާރަތް -- ފޮޓޯ: ނަޖް/ ޓޫތައުސަންއައިލްސް


އާސާރީ ތަންތަނުގެ ތެރެއިން ވާދޫ ދަންނަ ކަލޭގެފާނު ޒިޔާރަތް

26 ޖަނަވަރީ 2025 - 02:18 2

މިއީ ހުވަދު އަތޮޅު ވާދޫ ހުކުރު މިސްކިތްދޮށުގައިވާ ޒިޔާރަތެކެވެ. މި ޒިޔާރަތް އެރުވިފައިވާ ފަރާތަކީ އައްޝައިޚު މުހައްމަދު ޖަމާލުއްދީނު އިބްނު އަހުމަދުލް މަޙްލީއެވެ. ނުވަތަ އާއްމުންގެ މެދުގައި މަޝްހޫރު ނަމުންނަމަ ވާދޫ ދަންނަ ކަލޭގެފާނެވެ. މި ކަލޭގެފާނުގެ ހަޔާތް އެކީއެކަށްހެން ހާއްސަ ކުރެއްވީ އިލްމަށެވެ. އިލްމު ހޯއްދެވުމަށްޓަކައި ދަތިކަން ބޮޑު އުނދަގޫ ދަތުރުތައް ކުރެއްވި އެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި މާކަނޑުގައި ދުއްވިއެވެ. ހަނަފަސް ސަހަރާތަކުގެ ތެރޭގައި ދަތުރު ކުރެއްވި އެވެ. ހަމަ އިލްމު ހޯއްދެވުމުގެ އެދުންވެރިކަމުގެ ބޮޑުކަމުންނެވެ. ހަޔާތުގެ ފަހުކޮޅު އެއްކޮށްހެން ހޭދަކުރެއްވީ އަޅުކަން ކުރެއްވުމާއި ހޯއްދެވި އިލްމު އަނެކުންނަށް ފޯރުކޮށްދެއްވުމަށެވެ.

ދަންނަ ކަލޭގެފާނު ނިޔާވީ ވާދޫ ހުކުރު މިސްކިތު ދާލައިގައި އަޅުކަން ކުރައްވަން އިންނަވަނިކޮށް ކަމުގައި ބުނެވެ އެވެ. އަދި ފަސްދާނުލެވުނީ އަޅުކަން ކުރައްވަން އިންނެވި ދާލަ އާއި ފަނަރަ ވަރަކަށް ފޫޓު އިރު އުތުރުގަ އެވެ. ޒިޔާރަތް އެރުވިފައި އެވަނީ އެތަނުގަ އެވެ. އެންމެ އިހުގައި މި ޒިޔާރަތް ހުރީ މިހާރު މި ހުރި ގޮތަށް ދާލަލެވި ދޮރޯށި އެރުވިފައެއް ނޫނެވެ. މިހާރު އެހުރި ގޮތަށް ޒިޔާރަތް ރޭނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީނު 3 ވަނައިގެ ރަސްކަމުގައި، އަލްހާއްޖު މުޙައްމަދު ކަލޭގެފާނު ހުވަދޫ އަތޮޅު އަތޮޅުވެރިޔަކަށް ހުންނެވި ދުވަސްވަރުގައިކަމަށް ބުނެ އެވެ. އެހެންނަމަވެސް ދަންނަ ކަލޭފާނުގެ މަހާނަ ވަށައިގެންވާ ބިސްތާނައަކީ އެކަލޭގެފާނު އަވަހާރަވި ދުވަސްވަރުގެ ބިސްތާނައެއްކަމުގައި ވެސް ބުނެވެ އެވެ.

އައްސުލްޠާން މުހައްމަދު ޝަމްސުއްދީނު 3 ވަނައިގެ ރަސްކަމުގެ ދުވަސްވަރު ރާއްޖޭގެ ވަރަށް ގިނަ މިސްކިތްތަކާއި ޒިޔާރަތްތަކުގެ އާބާތުރަ ފިލުވާ ހެއްދެވި އެވެ. އެއްކޮށް ބާވެފައި ހުރި ތަންތަން އަލުން އިމާރާތް ކުރައްވާ ހެއްދެވި އެވެ. ދަންނަ ކަލޭގެފާނުގެ ޒިޔާރަތަކީ "ރާދަ ބަންޑާރަ (ޝާހީ ސަރުކާރުގެ)" ފުށުން އަބަދުވެސް ބަލަހައްޓަވަމުން ގެންދަވާފައިވާ ތަނެކެވެ. އެއީ ސަރުކާރުގެ ކުރިމަތީގައި ގަދަރު އުފުލިގެންވާ ތަނެކެވެ.

އައްޝައިޚު މުހައްމަދު ޖަމާލުއްދީނަކީ ރާއްޖެ ދުށް ބޮޑު އިލްމުވެރިއެކެވެ.‬ މަޝްހޫރު ފަޤީހެކެވެ. ދިވެހިރާއްޖެ ޝާފިޢީ މަޛުހަބަށް އެނބުރުނީ މި ދަންނަކަލޭގެފާނުން ވާދޫގައި ހުންނަވާ ފެތުރުއްވި ތައުލީމުގެ ސަބަބުންނެވެ. ދިވެހިރާއްޖެ އިސްލާމުދީނަށް އެނބުރުމަށްފަހު، މީލާދުން 1500 ގެ އަހަރުތަކާއި ހަމަޔަށް ރާއްޖޭގައި އޮތީ މާލިކީ މަޒުހަބެވެ. ފަޟީލަތުއްޝައިޚު ހަސައިން ޞަލާޙުއްދީނު ލިޔުއްވާފައިވާ ކުރު ލިޔުންކޮޅަކުންވެސް މިކަން އެނގިގެންދެ އެވެ. ޞަލާޙުއްދީނު ލިޔުއްވަނީ

"....އައްޝައިޚުލް އައްލާމާ މުހައްމަދު ޖަމާލުއްދީނު މިއީ މާލޭގެ ބެއިކަލެކެވެ. މީނާ ޔަމަނުކަރަ އާއި ހިޖާޒު ކަރައިގައި 30 އަހަރު އުޅުއްވައި އިލްމު ހޯއްދަވައިގެން ރާއްޖެ ދުރުވުމަށްފަހުގައި، އަދި މި ހިނގަނީ އަލުން ބޭރުން ފަހަރުންފަހަރަށް އައު ކުރެވުނަކަސް އޭނާގެ އިިލްމެވެ. ރާއްޖޭގެ މީހުން ޝާފިޢީ މަޒުހަބު އިހުތިޔާރު ކުޅައީ އޭނާގެ އަތްޕުޅު މައްޗަށެވެ. އެއިގެ ކުރީގައި ތިބީ މާލިކީ މަޒުހަބުގަ އެވެ. މީނާ ފަސްދާނުލެވުނީ ހުވަދޫ ވާދޫގަ އެވެ."

މީގެ އިތުރަށް ޞަލާހައްދީނުގެ ބަސްކޮޅުން އެނގޭ ގޮތުގައި ދަންނަ ކަލޭގެފާނަކީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ތައުލީމު ހޯއްދެވުމަށްޓަކައި ރާއްޖެއިން ބޭރުގައި އުޅުއްވި ބެއިކަލެކެވެ. މީނާ ރާއްޖެ ދުރުވީ ޕޯޒުގީޒުންގެ އަތްދަށުން ބޮޑު ތަކުރުފާނުން ރާއްޖެ ސަލާމަތް ކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ކިޔައި އުޅޭ ވާހަކައިގައި ބުނާ ގޮތުން ނަމަ ބޮޑު ތަކުރުފާނުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ފަހު، ރަސްކަމަށް އިސްވެވަޑައިނުގެން ހުންނެވީ ރާއްޖޭގައި ފަނޑިޔާރު ބޭކަލަކު ނެތިގެންނެވެ. ތަކުރުފާނުން ރަސްކަމަށް އިސްވެވަޑައިގެންނެވީ މި ދަންނަ ކަލޭގެފާނު ރާއްޖެ ދުރުވުމުންކަމުގައި ބުނެ އެވެ.

އުތީމު ބަންޑާރައިން ވާދޫ ދަންނަ ކަލޭގެފާނާއި ފަނޑިޔާރު ކަމާއި މަތި ކުރެއްވި އެވެ. އެހެނަސް އެކަލޭގެފާނު ބަންޑާރައިން އަރިހު ދެންނެވިކަމަށް ވަނީ "ތިމަންނާ އެކަހެށީން އޮތް ފުށިގަނޑެއްގައި ހުރުމަށް އެދޭކަމަށެވެ". މިހެން ވިދާޅުވެ އެކަމުން ދުރުވެލެއްވީ އެވެ. ދެން ކޮރިލި ތަކުރުގެ އަބޫބަކުރޭ ކިޔުނު ބެއިކަލަކަށް ފަނޑިޔާރުކަން ކުރެއްވޭނެ މިންވަރަށް ކިޔަވައިދެއްވުމަށްފަހުގައި، މާލެ ދޫކުރައްވާ ހުވަދު އަތޮޅު ވާދޫއަށް ދުރުވީ އެވެ. ނޫނީ އެހެން އިބާރާތަކުން ދަންނަވަނީނަމަ އެރަށަށް ދުރުވެ ވަޒަންވެރިވެ ލެއްވީއެވެ. ދަންނަ ކަލޭގެފާނު އުތީމު ބަންޑާރައިން އަރިހު އެދެންނެވި އެކަހެށިން އޮތް ފުށިގަނޑެއް ކަމުގައި މިވީ ހުވަދު އަތޮޅު ވާދޫ އެވެ.

ތާރީޚުދީބާ މަހަލްގައި އަލްޤާޟީ ހާސަން ތާޖުއްދީނު މި ކަލޭގެފާނާއި ބެހޭ ގޮތުން ލިޔުއްވަނީ ".....މި ނާޒުކު ދަނޑިވަޅުގައި ޙަޟަރަމައުތުން އިލްމުވެރިޔަކު ދުރުވެއްޖެ އެވެ. އިލްމުވެރިޔެއް ކިބައިގައި ހުރުން އެދެވޭ އެންމެހައި ސިފަތައް ލިބިހުންނެވި ބޭކަލެކެވެ. އިލްމާއި ވަރައަވެރިކަމާއި ޒާހިދުކަމެވެ. މާތްކަމާއި ފުރިހަމަކަމުގެ ރިވެތި ނަމޫނާއެއްވެސްމެ އެވެ. އެއީ އަހަރުމެންގެ އެދުރުންގެ އެދުރު އައްޝައިޚު މުޙައްމަދު ޖަމާލުއްދީނުލް މަހްލީއެވެ. ބުނެވޭ ގޮތުގައި ޝަރުއީ އިލްމު އުނގެނިލައްވަން ދިވެހިރާއްޖެއިން ނިކުންނެވީ އައްސުލްޠާނު މުހައްމަދު ޝީރާޒީގެ ދަރިކަލުން އައްސުލްޠާން ހަސަންގެ ދުވަސްވަރުގަ އެވެ. މި ކަލޭގެފާނު ތަޢުލީމު ހާސިލުކުރެއްވީ ޙަޟަރަމައުތުންނެވެ.

މި ނަންގަނެވުނު ޝައިޚު މާލެ ދުރުވުމުން އައްސުލްޠާން މުހައްމަދު ތަކުރުފާނު އެކަމާ އުފާފާޅު ކުރެއްވި އެވެ. އަދި އިއްޒަތާއި ގަދަރުގައި ބޭލުއްވި އެވެ. އަދި ހާދިމުންގެ އިސްވެރިޔާގެ ކޮނޑުމަތީގައި އެކަލޭގެފާނު ރަދުންގެ އަރިހަށް ގެންދެވުނެވެ. އެހިނދު ރަދުން އެކަލޭގެފާނު އުސްތަނެއްގައި ބައިންދަވައި ވަރަށް ބޮޑަށް މާތްކޮށް ހިއްތެވިއެވެ. އަދި އެކަށީގެންވާ ތަޝްރީފާއި ހަރަދުބަރަދު ދެއްވައި މީގެ ކުރިންވެސް އަދި ފަހުންވެސް ދަންނަބޭކަލަކަށް ނުދެއްވާ ފަދަ އިޖިތިރާމަކާއި ގަދަރެއް ދެއްވި އެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް ޝައިޚު މާލޭގައި ހުންނަވާކަށް އެއްބަސްވެނުލެއްވި އެވެ. އެއީ އޭނާގެ ޒާހިދުކަމާއި ވަރައުވެރިކަމުގެ ބޮޑުކަމާހުރެ އެކަހެރިކޮށް އުޅުއްވަން ބޭނުންވެލައްވާތީ އެވެ. އެހެންކަމުން ރަސްގެފާނުގެ އަމުރުފުޅު ހޯއްދަވައިގެން މިކަލޭގެފާނުން ދުރުވީ ހުވަދު އަތޮޅު ވާދޫއަށެވެ." (ތާރީހުދީބާ މަހަލްގެ ތަރުޖަމާ.ޞ47)

އައްޝައިޚުލް ފަގީހު މުހައްމަދު ޖަމާލުއްދީން ވާދޫއަށް ވަޑައިގެންނެވި އިރު އެރަށުގެ ވެރިޔަކަށް ހުންނެވީ މުހައްމަދު ފަޑިއަތް ތަކުރުފާނޭ ކިޔުނު ބެއިކަލެކެވެ. މި ތަކުރުފާނުން އެކަލޭގެފާނު ހުންނެވުމަށްޓަކައި ވާދޫ ހުކުރު މިސްކިތާ މާދުރު ނޫން ހިސާބެއްގައި ރީތި ގެއެއް އަޅުއްވާދެއްވި އެވެ. ދެން އެރަށުގައި ހުންނަވާ ކިޔަވާ ދެއްވަން ފެއްޓެވީ އެވެ. އެންމެ ފުރަތަމަ ކިޔަވައިދެއްވާ އިލްމު އުނގަންނައިދެއްވީ މި ދެންނެވި ފަޑިއަތްތަކުރުފާނުގެ ދަރިކަލުން އައްނާއިބު އަލީއަށެވެ. ދަންނަ ކަލޭގެފާނުގެ އަރިހުން ކިޔަވާ އިލްމު ހާސިލްކުރެއްވި ދަރިވަރުންގެ ތެރެއިން އިލްމަށް އަރާ ހުންނެވި އެއް ފަރާތަކީ އަލްފަޤީހުލް މުއައްލިމު އަބޫބަކުރެވެ. މިއީ ފަހުން ކަލާފާނުގެ ރަސްކަމުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަންވެސް ކުރެއްވި ބެއިކަލެކެވެ.

އަލްޤާޟީ ހަސަން ތާޖުއްދީނު މި ވާހަކަ ލިޔުއްވަނީ އަންނަނިވި ފަދައިންނެވެ.

"..ވާދޫގެ ވެރިޔަކަށް ހުންނެވި މުހައްމަދު ފަޑިއަތް، އެކަލޭގެފާނަށް މާތްކޮށް ހިއްތަވާ އެކަލޭގެފާނު ހުންނެވުމަށް ތަނަވަސް ބިމެއްގައި ގެއެއް އަޅުއްވައި ދެއްވިއެވެ. ދެން ޝައިޚު އެގޭގައި ހުންނަވައިގެން ފަޑިއަތް ތަކުރުފާނުގެ ދަރިކަލުން އައްނައިބު އަލީއަށް ކިޔަވާ ދެއްވި އެވެ. ދުވަސްކޮޅަކަށްފަހު އެތަންމިތަނުން ކިޔަވާ ކުދިން ޝައިޚުގެ އަރިހަށް ކިޔަވާން އަންނަން ފަށައިފި އެވެ. މި ކަލޭގެފާނުގެ ދަރިވަރުންގެ ތެރެއިން އިލްމަށް އަރާހުރި ދަރިވަރަކީ އަލްޤާޟީ އަބޫބަކުރެވެ. މި ވާދޫ ދަންނަ ކަލޭގެފާނުގެ ޢިލްމު ފެތުރިގެންދިޔައީ މީނާގެ ފަރާތުންނެވެ. ވާދޫ ދަންނަ ކަލޭގެފާނު ނިޔާވީ ވާދޫގަ އެވެ. ފަސްދާނުލެވުނީ ވާދޫ ހުކުރު މިސްކިތްދޮށުގަ އެވެ." (ތާރީޚުދީބާ މަހަލްގެ ތަރުޖަމާ.ޞ48)

ދަންނަ ކަލޭގެފާނު ކިޔަވާދެއްވަން އިންނެވީ އެރަށު ހުކުރު މިސްކިތު ދާލައިގަ އެވެ. ޒަމާނަކީ ހަލަޤާ ހަދައިގެން ކިޔަވައިދީ އުޅުނު ދުވަސްވަރެއްކަމުން އެކަލޭގެފާނުވެސް މިސްކިތު ދާލައިގައި ހަލަގައި ހަދައިގެން ކިޔަވާ ދެއްވީކަމުގައި ބެލެވެ އެވެ. ދުވަސްކޮޅަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދީނުގެ އިލްމު އުނގެނުމަށްޓަކައި ވާދޫއަށް ދިޔައީ މީހުން އަންނަމުންނެވެ. އިލްމު އުނގެނުމަށްޓަކައި ވާދޫއަށް މީހުން އަންނަމުން ދިޔައީ ހަމައެކަނި ރާއްޖޭގެ އެކި ރަށްރަށަކުން ނޫނެވެ. ކިއެއްތަ ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުންވެސް އެކަލޭގެފާނުގެ ގާތަށް މީހުން ދިޔައީ އަންނަމުންނެވެ.

އަލްއުސްތާޛު މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވަނީ "...ޖަމާލުއްދީނުގެ އަރިހަށް ރާއްޖެއިން ބޭރުން މީހުން ކިޔަވަން ދިޔަކަން އެނގެ އެވެ. މިކަން ސާބިތުވަނީ ވާދޫ މިސްކިތުން އެރަށު ތުނޑީ ޒިޔާރަތަށް ދާ މަގުގެ ދެފަރާތުގައިވާ ޙާފިޒުންނާއި ފަޤީހުންގެ ގަބުރުސްތާނުންނެވެ." (ފަތްތޫރަ 146 ޞ11)

ބުނެވޭ ބަހުގައި ވަނީ މި ދަންނަ ކަލޭގެފާނަކީ މީލާދުން 1528 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގެންނެވި ހަސަން ރަސްގެފާނުގެ ޒަމާނުގައި ދަންނަކަން ކިޔެވުމަށް ރާއްޖެއިން ބޭރަށް ދުރުވި ބެއިކަލެކެވެ. ޔަމަނުކަރަ އާއި ހިޖާޒުކަރައިގައި މީނާ ދަންނަކަން ކިޔެވުމަށް އުޅުއްވި އެވެ. މިކަން މި ލިޔުމުގައި އިސްވެ ބަޔާންކުރެވުނު ޞަލާޙުއްދީނުގެ ބަސްކޮޅުންވެސް ސާފުވެލައްވާނެ އެވެ. ދަންނަ ކަލޭގެފާނުގެ އިލްމު ރާއްޖޭގައި ފެތުރުމުގެ ކުރީން މި ރާއްޖޭގައި ހިނގަހިނގާ އޮތީ ފަޤީހު ސުލައިމާނުލް މަދަނީ ފެތުރުއްވި އިލްމުކަމުގައި ޙަސަން ތާޖުއްދީނު ލިޔުއްވަ އެވެ. އެހެންނަމަވެސް ޕޯޒުގީޒުންގެ 17 ވަރަކަށް އަހަރުގެ ވެރިކަމަށްފަހު، މި ސުލައިމާނުލް މަދަނީ ފެތުރުއްވި ޢިލްމު ވަނީ އެކީ އެކަށް ފިލައިގެން ގޮސްފައިކަމުގައިވެ އެވެ.

ދަންނަ ކަލޭގެފާނުން ވާދޫގައި ކިޔަވައިދެއްވަން ފެއްޓެވުމުން އެކަލޭގެފާނުގެ ގާތަށް އިލްމު އުނގެނޭން އަންނަމުން ދިޔަ ކުދީންގެ ތެރޭގައި ފުވައްމުލަކު އައްނާއިބު ހަސަނުގެ ދަރިކަލުން މުހައްމަދާއި ކުރަމަތީ އަބޫބަކުރު ހިމެނުނެވެ. މި ދެންނެވި އަބޫބަކުރަކީ އަބޫބަކުރު ފަނޑިޔާރެވެ. ދަންނަ ކަލޭގެފާނުގެ އިލްމު ފެތުރިގެން ދިޔައީ މީނާގެ ފުށުންކަމަށް އަލްޤާޟީ ހަސަން ތާޖުއްދީނު ލިޔުއްވަ އެވެ. ހަމައެހެންމެ މަތީގައި ދެންނެވުނު އައްނާއިބު ހަސަނުގެ ދަރިކަލުން މުޙައްމަދަކީ ވެސް ދިވެހި ތާރީހުގައި ފާހަގަ ކުރެވޭ ޝަހުސިއްޔަތެކެވެ. އެއީ ފަހުން އައްޑޫ ބޮޑު ފަނޑިޔާރުގެ ނަމުން މަޝްހޫރުވި އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނެވެ.

ވާދޫ ދަންނަ ކަލޭގެފާނު އެ ރަށުގައި ބިނާކުރެއްވި އިލްމީ މެހެފިލަކީ ރާއްޖޭގައި ގާއިމު ކުރެވިގެން ދިޔަ އެންމެ ފުރަތަމަ އިސްލާމީ "ޔުނިވާސިޓީ" ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެ އެވެ. އެހެނީ އެތަނުގައި ކިޔަވައި ދެއްވަމުން ގެންދެވީ މި ޒަމާނުގެ ހަމައިން ދަންނަވާ ނަމަ "ޕްރައިމަރީ އާއި ސެކަންޑްރީ" ތައުލީމުގެ ފެންވަރަކަށް ނޫނެވެ. ކިއެއްތަ ކިޔަވައި ދެއްވީ "ޔުނިވާސިޓީ" ތައުލީމެއްގެ ފެންވަރަށެވެ. ދީނީ އިލްމު ފުންކޮށެވެ. ފިގުހާއި ހަދީސް އިލްމެވެ. އަގީދާ އާއި އުލޫމުލް ގުރުއާނުގެ ބައިތަކެވެ. ‬ހަމައެހެންމެ ވާދޫގައި ބިންގާ އެޅިގެން ގޮސްފައި އެވަނީ "އިންޓަނޭޝަނަލް ޔުނިވާރސިޓީ" އެއްގެ ބިންގާކަމުގައި ދެންނެވުމަކީ ޖޯކެއްވެސް ނޫނެވެ. އެހެނީ އެރަށަށް ޢިލްމު އުނގެނުމަށްޓަކައި ރާއްޖެއިން ބޭރުން ދަރިވަރުން އައިސްފައިވާކަން ތާރީހީ ހެކިތަކުން ސާބިތުވާތީ އެވެ.

އައްޝައިހު މުހައްމަދު ޖަމާލުއްދީނު ނުވަތަ ވާދޫ ދަންނަ ކަލޭގެފާނު ނިޔާވި ސީދާ ތާރީހެއް އެނގޭކަށް ނެތެވެ. އެހެނަސް ނިޔާވި ހާދިސާ އާއި ބެހޭ ގޮތުން އެކި ގޮތްގޮތަށް ކިޔައި އުޅޭ ވާހަކަތައްވެ އެވެ. މިފަދަ ވާހަކަތަކުގެ ތެރެއިން އެންމެ މަޝްހޫރުކަން ބޮޑު އެއް ވާހަކައަކީ

"ދަންނަ ކަލޭފާނުން ހުކުރު މިސްކިތު ދާލާގައި އަޅުކަން ކުރައްވަން އިންނަވަނިކޮށް އެ މިސްކިތު ވަޅުދޮށަށް ފެން ބަލާ އައި އަންހެނަކާ ހަތަރުކަޅި ހަމަކޮށްލެވުނީ އެވެ. ދެން އެކަމުގެ ބިރާއި ހިތާމައިން ނިޔާވީ އެވެ. ދެން ހަމަ އެ މިސްކިތު ހަރިންމަ ތެރޭގައި ވަޅުލައި އެތަނުގައި ބިސްތާނަ އެރުވީ އެވެ."

ދަންނަ ކަލޭގެފާނުގެ އަމިއްލަ ޒާތާއި ގުޅިފައިވާ މާގިނަ ހަބަރުތަކެއް ތާރީހުގެ ތެރެއިން ސާފުވާކަށް ނެތެވެ. މިހާތަނާއި ހަމަޔަށް ދަންނަ ކަލޭގެފާނުގެ ނަސަބާއި ވަންހައަކީ ކޮބައިކަން ވެސް އެނގޭކަށް ނެތެވެ. އެފަދަ ހަބަރެއް ސާފުވާނޭ އެއްވެސް މުސްކުޅި ލިޔުމެއް ފެނިފައެއް ވެސް ނުވެ އެވެ. ހަމައެކަނި އެނގޭހާވެސް މިންވަރަކީ އެއީ މާލޭގެ ބެއިކަލެއްކަމެވެ. އެއީ ތާޖުއްދީނުގެ ތާރީހުގައި އެކަލޭގެފާނުގެ ނަން ގެނެސްފައިވާ އިރު "އަލްމަޙްލީ" އޭ ލިޔެފައިވާތީ ބުނެވޭ ބުނެވުމެކެވެ.

ވާދޫ ދަންނަ ކަލޭގެފާނަކީ ދިވެހި ތާރީހުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވިފައިވާ ޝަހުސިއްޔަތެކެވެ. ހަމައެހެންމެ އާއްމު ދިވެހީންގެ ހިތްތަކުގައި މަތީ ދަރަޖައިގެ ގަދަރާއި އިހުތިރާމް ދެވިފައިވާ ފަރާތެކެވެ. މިކަމުގެ ސަބަބެއްކަމުގައި ވަނީ އެކަލޭގެފާނަށް ލިބިހުންނެވި އިލްމާ ދެއްކެވި ރީތި ނަމޫނާ އެވެ. އަށަގެންފައި ހުރި ރިވެތި އަހުލާގާއި މަތިވެރި ސުލޫކެވެ. އިލްމު ފެތުރުއްވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅެވެ. ދުނިޔޭގެ ޢިއްޒަތާއި ޝަރަފަށް އެދުންވެރި ނުވުމެވެ. ފައިސާވެރިކަމާއި މުދައުވެރިކަން ހޯއްދަވަން ނޫޅުއްވުމެވެ.

ސުލްހަވެރި ސާދާ ހަޔާތްޕުޅެއް ހޭދަކުރެއްވުމަށް ރާއްޖެއިން ދަންނަ ކަލޭގެފާނު ހުޔާރު ކުރެއްވި ރަށަކީ ހުވަދޫ ވާދޫ އެވެ. މިކަލޭގެފާނަށްފަހު ވާދޫގެ ނަން މުޅި ރާއްޖެއަށް ވިދާފައިވެ އެވެ. ރަށް މަޝްހޫރުވެ އެންމެންހެން ދަންނަ ރަށެއްކަމުގައިވި އެވެ. ހަމައެހެންމެ ހާއްސަ ގަދަރަކާއި އިއްޒަތެއް ދިވެހީން އެރަށަށް ދީފައިވެސް ވެ އެވެ. މިއަދުވެސް ވާދޫގެ ނަން މަޝްހޫރުވެ އާއްމުވެފައި ވަނީ ވާދޫ ދަންނަ ކަލޭގެފާނާއި ގުޅިގެންނެވެ. ވާދޫއަށް ލިބިފައިވާ އެންމެ ބޮޑު އެއް ފަހުރަކީ އެކަލޭގެފާނު ބިނާކުރެއްވި އިލްމުވެރި މާޒީގެ ޝަރަފާއި ފަހުރެވެ. މި ފަހުރުވެރި މާޒީގެ މައްޗަށް ހެކި ދައްކާ އާސާރަކީ އެރަށުގައިވާ ޒިޔާރަތެވެ. އަދި އެތަނުގެ ވަށައިގެންވާ މުސްކުޅި ގަބުރުސްތާނުތަކެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ހަސަން ފަރީދު

about 1 month ago

މަހުލީ، މާނައީ މަހުލޭ އެއީ މާލެއަށް އެވޭލާ ޒަމާނުގައި ބޭނުންކޮށް އުޅުނު ނަން. ވާދޫ ދަންނަކަލޭފާނޭ ބިނެވެނީ އެރްށުގައި އިލްމު އުނގަންނައި ދިނުމަށް އެތައްދުވަހަކު ހުންނެވުމާއި އަވަހާރަވީވެސް އެރަށުގައި ކަމަށްވެ ފަސްދާނުލެވިފަވަނީވެސް އެރަށުގައި..!

ާައާމިރު

about 1 month ago

މަހްލީ އެއީި ރާއްޖެ އަށް ނިސްބަތް ކޮށް ބޭނުން ކުރާ ބަހެއް އެއީ ވަަލާދޫ އަށް ނިސްބަތްވާ ބޭފުޅެއް