Advertisement

ރައީސް މުއިއްޒުގެ އާއިލާގެ ބަޔަކު ވެސް ޕީއެންސީ އަށް ވަގަށް ވައްދާފައިވާކަން ފަޅައި އަރައިފި

25 ޖަނަވަރީ 2025 - 07:59 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރައީސް މުއިއްޒުގެ އާއިލާގެ ބަޔަކު ވެސް ޕީއެންސީ އަށް ވަގަށް ވައްދާފައިވާކަން ފަޅައި އަރައިފި

25 ޖަނަވަރީ 2025 - 07:59 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ބަޔަކު ވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް ވައްދާފައިވާކަން ފަޅައި އަރައިފި އެވެ.

ރައީސް މުއިއްޒުއާ ދެބޭންގެ ދެދަރި މީހެއް ކަމުގައިވާ އަހުމަދު ގާލިބު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގާލިބު މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވަގަށް ޕީއެންސީ އަށް ވައްދާފައިވާ ކަމަށެވެ.

"މިއީ ސީދާ ޖަރީމާ އެއް. ދެ މީހުން ވެސް ރެޖިސްޓްރީ ކޮށްފައި އެ ވަނީ ވަގު ފޯމް ހުށަހަޅައިގެން،" ގާލިބު ބުނެފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކެލާ ދާއިރާއަށް ގާލިބު ވާދަކުރި އެވެ. އެހެންވެ، 2023 އިން ފެށިގެން އޭނާގެ މަންމަ އާއި ބައްޕަ އޮތީ އެމްޑީޕީގެ ދަފުތަރު އެވެ.

އެއަށް ފަހު އެ މީހުން އެހެން ޕާޓީއަކަށް ސޮއި ނުކުރާ ކަމަށާއި، އަދި މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މަންމަ އާއި ބައްޕަ އަދި ކޮއްކޮ ދިރިއުޅެނީ އިންޑިއާގެ ކޮޗިންގައި ކަމަށް ގާލިބު ބުންޏެވެ.

"ޕީއެންސީގެ ފަރާތުން އެއްވެސް މީހަކު އަޅުގަނޑުގެ މަންމަ އާއި ބައްޕަގެ ފޯމް ފުރަން ކޮޗިން އަކަށް ނުދޭ،" އޭނާ ބުންޏެވެ.

"މިއީ ދެން ފުކެއް ބޮޑުވަރު."

އޭނާގެ ކޮއްކޮގެ ނަމުގައި ފޯމު ފުރައި ޕީއެންސީ އަށް ވެއްދި އިރު، ކޮއްކޮ އޮތީ ހޮސްޕިޓަލްގައި އެޑްމިޓުކޮށްފައި ކަމަށް ވެސް ގާލިބު ބުންޏެވެ.

އާއިލާގެ މެންބަރުން ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ވެއްދި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ގާލިބު ބުންޏެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރު ޕީއެންސީ އަށް ވަގަށް ވައްދާފައިވާ މައްސަލަ އެމްޑީޕީން ޕޮލިހަށް ވަނީ ހުށަހަޅައިފަ އެވެ.

ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެފައި އޮއްވައި، މެންބަރުން އެންމެ ގިނަ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ހަދައި، އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުގެ ދަފުތަރު އިއުލާނުކޮށްފަ އެވެ.

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް މީހުން ވައްދާކަން ފަޅާއެރިފަހުން، ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ އެ ޕާޓީއަށް 39،985 މީހުން ވައްދާފައި އޮތްކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފަ އެވެ.