Advertisement

އެމްޑީޕީއިން މި ސަރުކާރު ވައްޓާލާނަން: ޝާހިދު

24 ޖަނަވަރީ 2025 - 13:19 5

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ: އެމްޑީޕީ


އެމްޑީޕީއިން މި ސަރުކާރު ވައްޓާލާނަން: ޝާހިދު

24 ޖަނަވަރީ 2025 - 13:19 5

އިދިކޮޅު އެމްޑީޕީން މިތިބީ ސަރުކާރާ "ވިއްދާފައި" ކަމަށާއި އެދާ ގޮތަށް ގޮސް މި ސަރުކާރު ވައްޓާލާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް ޖަލްސާތަކެއް ބާއްވާ، ޖެނުއަރީ 31، ގައި މާލޭގެ މަގުތަކުގައި މުޒާރަހާކުރަން ނިންމީ އެ ޕާޓީއަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ ހަމައެކަނި އުންމީދު ކަމުގައިވާތީ ކަމަށެވެ.

އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މި ސަރުކާރަށް ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ވިއްދާފަ. ހަމަ ވިއްދި ވިއްދީނުން މި ސަރުކާރު ވައްޓާލާނީ. ވިއްދި ވިއްދީނުން ވައްޓާލާނީ،" ޝާހިދު ވިދާޅުވި އެވެ.

އޭގެ ތުރުން، މި ސަރުކާރުން އެމްޑީޕީގެ މަސައްކަތްތަކަށް ހުރަސްއަޅަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި އެ ޕާޓީން ބާއްވަން އުޅުނު ޖަލްސާއަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ހުއްދަ ނުދިނުން ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތީ ހުޅުމާލެ އެއް ނަމްބަރު ރުއްގަނޑު ސަރަހައްދުގަ އެވެ. ނަމަވެސް ހުއްދަ ނުދިނުމުން ޖަލްސާ ކެންސަލްކުރީ އެވެ.

"އެޗްޑީސީގެ ވެރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ އަނގަމަތީގަ ތިބޭފުޅުންނަށް މަލަމެއް ނޭޅުވެނެއޭ. އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާނަމޭ. އަޅުގަނޑުމެން ހުޅުމާލޭގައި ބައްދަލުވުން ބާއްވާނަމޭ،" ޝާހިދު ވިދާޅުވި އެވެ.

ސިލްސިލާ ކަންމަތީ ޖަލްސާތަކާއި ސަރުކާރުގެ އެކި ސިޔާސަތުތަކާއި ނިންމުންތަކާ ގުޅިގެން އެކި ފަހަރުމަތިން ބޭއްވި ކުދި އެއްވުންތަކަށްފަހު އެމްޑީޕީން އަންނަނީ މި މަހު 31، ގައި މާލޭ މަގުތަކުގައި ބޮޑު މުޒާހަރާއެއް ކުރަން ރާވަމުންނެވެ.