23 ޖަނަވަރީ 2025 - 07:41 0
އަހުމަދު އާއިދު
23 ޖަނަވަރީ 2025 - 07:41 0
ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރުގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ޓީމަކާއެކު އެފްބީއައިގެ ތަހުގީގީ އޮފިޝަލުން ވަނީ ހޮޅުދޫގައިވެސް ހަރަކާތްތެރިވެފަ އެވެ.
އެފްބީއައިގެ އެހީތެރިކަން ހޯދާތޯ ސުވާލުކުރުމުން "އަދަދު" ނޫހާ ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ތަހުގީގަށް އެމެރިކާގެ ތަހުގީގީ އިދާރާގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
ނަމަވެސް އެފްބީއައި އިން ދިވެހި ފުލުހުންނަށް އެހީތެރިކަން ދެނީ ކިހާ މުއްދަތަކާށް ކަމެއް ޝިފާން ވިދާޅެއް ނުވެ އެވެ. އަދި، މި ތަހުގީގަކީ 'ހޮމިސައިޑު އިންވެސްޓިގޭޝަން' އެއްތޯ އެހުމުން ޝިފާން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.
ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި، އޭނާގެ ކަރުގައި ފުން ފަސް ޒަހަމެއް ހުރި ނަމަވެސް، އޭނާ މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށްވެސް އެ ދުވަހު ފުލުހުން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މި ތަހުގީގުގެ ތަފުސީލުތަކެއް ފުލުހުން ދިނީ، މި މައްސަލާގައި ފުލުހުން އާއިލާއަށް މައުލޫމާތު ނުދޭ ކަމަށާއި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން އަޑުއުފުލަމުން ދަނިކޮށެވެ. އެގޮތުން ހޮޅުދޫ ރައްޔިތުން ވަނީ ނޮވެމްބަރު 25، 2024 ގައި އެ ރަށުގައި އެއްވުމެއްވެސް ބާއްވާފަ އެވެ.
މިހާތަނަށްވެސް ތަހުގީގުގެ ތަފުސީލެއް ނުލިބި، އަންނަ ހުކުރު ދުވަހުވެސް އެއްވުމެއް ބޭއްވުމަށް ހޮޅުދޫ ރައްޔިތުން ދަނީ ތައްޔާރުވަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment