22 ޖަނަވަރީ 2025 - 12:06 3
އަހުމަދު އާއިދު
ަރައީސް ޑރ. މުހައްމަދު މުއިއްޒު ޕޯޑިއަމެއްގައި ވާހަކަދައްކަވަނީ: އާމްދަނީ އިތުރުކުރާ ސިޔާސަތުތަކުގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުން ހިމެނޭ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
22 ޖަނަވަރީ 2025 - 12:06 3
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ލިބޭ އާމްދަނީގެ ސަބަބުން ދައުލަތުގެ ޖުމްލަ އާމްދަނީ އިތުރުވާނެ ކަމަށް ބަލައިގެން މާލީ ވުޒާރާއިން ހިސާބު ނުޖަހާ ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުހައްދަވައިފި އެވެ.
ސަރުކާރުން ހުށަހަޅައިގެން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ބަދަލު ގެނައީ މިދިޔަ އަހަރެވެ. އެ ބަދަލަށް އަމަލުކުރަން ފެށީ ނޮވެމްބަރު މަހުން ފެށިގެންނެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައީސް މީގެ ކުރިން ވެސް ރައްދު ދެއްވި އެވެ.
މިހާރު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ވއެ ވާހަކަތައް ތަކުރާރުކުރައްވަމުން، ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވޭޕު މަނާކޮށް ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ވަކި ބަޔަކަށް ފައިދާ ކުރުވަން ނޫން ކަމަށެވެ. އަދި، އެ ނިންމުމާ ގުޅިގެން އާމްދަނީ އިތުރުކުރަން ބޭނުން ނުވާ ކަމަށްވެސް އެމަނިކުފާނު ރޭ ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން އެ އިތުރުވާ.. އިމްޕޯޓުކޮށްގެން އިތުރުވާ ޓެކްސް އެއަށް ބަރޯސާވެގެން ދައުލަތުގެ އާމްދަނީއެއް ކަލްކިއުލޭޓެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް، ސަރުކާރުގެ ފަރާތުން މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ބަޖެޓުގައި އާމްދަނީ އިތުރުކުރަން ހުށަހަޅާ ސިޔާސަތުތަކުގެ ތެރޭގައި ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރުވެސް އާންމުކޮށް ފެންނަން ހުރި ބަޖެޓު ފޮތުގައިވާ ގޮތުން އާމްދަނީ އިތުރުކުރަން ހުށަހަޅާ ސިޔާސަތުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގެ ލުއިފޮތުގައި އާމްދަނީ އިތުކުރަން ހުށަހެޅި ސިޔާސަތުތަކުގެ ގޮތުގައި ހިމަނާފައިވާ ކަންކަން ---
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށްގެން މި އަހަރު އިތުރަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ފިނޭންސުން ބަޖެޓު ބުކްލެޓުގައި ބުނެފައިވެ އެވެ. މި ތަފުސީލު ހިމަނާފައިވަނީ ބަޖެޓު ލުއިފޮތުގެ ހަތަރުވަނަ ސަފުހާގަ އެވެ.
އާމްދަނީ އިތުރުކުރަން ދެން ހުށަހަޅާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމުން ނަގާ ފީތަކާއި ޓެކްސްތައް ބޮޑުކުރުން އަދި ބިން ހިއްކަން ނަގާ ވެލިން ފީ ނެގުމެވެ.
ބަޖެޓު ފޮތުގައި ސަރުކާރުން މިހެން ބުނި ނަމަވެސް ސނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ހުށަހެޅީ ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރުކުރުމަށް ކަމަށް ސަރުކާރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ވެސް ބުންޏެވެ. މި އިސްލާހާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭ މީހުންގެ އުމުރުވެސް 21 އަށް އިތުރުކުރި އެވެ.
ރައީސްގެ ވާހަކައިގައި މިއީ ހެޔޮ ނިޔަތެއްގައި ސިއްހަތާ ގުޅޭ ރަނގަޅު ނަތީޖާއެއް ހާސިލުކުރަން އެޅި ފިޔަވަޅެއް ކަމަށް ދައްކަވާ ވާހަކަަތައް ވެސް ތަކުރާރުކުރެއްވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފަ ތިބި ބަޔަކަށް ވާން. އެކަމަށް ބާރުއެޅުމުގެ ގޮތުން އެ ހެޔޮ ނިޔަތުގަ އަޅުގަނޑު އެކަން ކުރަން ނިންމީ،" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
ސަރުކާރުން ނޮވެމްބަރުގައި ނިންމި ނިންމުންތަކާ އެކު ރާއްޖޭގެ ފިހާރަތަކުން މިވަގުތު ސިނގިރޭޓު ފޮށްޓެއް ލިބެން ހުރީ 250ރ. އާއި 240ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment