Advertisement

ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވުމުން ރާއްޖޭގެ ހާލަތު ބެއްލެވުމަށް ޓްރަމްޕަށް ނަޝީދުގެ ދައުވަތެއް

21 ޖަނަވަރީ 2025 - 16:09 0

ހަސަން މުހައްމަދު

ހ

Advertisement

ކުރީގެ ރައީސް ނަޝީދު: މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ -- ފޮޓޯ: އަދަދު ފައިލް


ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވުމުން ރާއްޖޭގެ ހާލަތު ބެއްލެވުމަށް ޓްރަމްޕަށް ނަޝީދުގެ ދައުވަތެއް

21 ޖަނަވަރީ 2025 - 16:09 0

Advertisement

Advertisement

މޫސުމީ ބަދަލުތަކުން ރައްކާވެތިބުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެއްބަސްވެ 2015 ވަނަ އަހަރު ބޭއްވި އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސަށްފަހު ސޮއި ކުރި ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވުމުން، ރާއްޖޭގެ ހާލަތު ގާތުން ބެއްލެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.

ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ސެކްރެޓަރީ ޖެނެރަލުގެ ހައިސިއްޔަތުން މިއަދު އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރަން ލިބޭ ފުރުސަތަށް މަރުހަބާ ކިޔުއްވާ ކަމަށާއި ނަމަވެސް ތިމާވެށީގެ ގޮތުން އެމެރިކާގެ ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅަކީ ޕެރިސް އެގްރިމެންޓުން ވަކިވުން ކަމަށްވީތީ ހިތާމަ ކުރައްވާ ކަމަށެވެ.

Advertisement

"މި އެއްބަސްވުން އަބަދުވެސް ގުޅިފައި އޮތީ އިސްނެގުމާއި [ގައުމުތަކުގެ] ލީޑާޝިޕްއާ. އެގޮތުން، ބަދަލުގެ ރާޅަކަށް އެމެރިކާ ވާންޖެހޭ،" ނަޝީދު ވިދާޅުވި އެވެ. "މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް، ރާއްޖެ ހިމެނޭ ގޮތަށް އޭގެ އަސަރު ކުރާ ހިސާބުތަކަށް ވަޑައިގެން ބެއްލުމަށް އަޅުގަނޑު ރައީސް ޓްރަމްޕަށް ދައުވަތު އަރުވަން."

ޕެރިސް އެގްރިމެންޓުގައި ސޮއި ކުރީ 2016 ވަނަ އަހަރެވެ. ޖުމުލަ 196 ގައުމަކުން އެ އެއްބަސްވުމުގައި ސޮއި ކުރި އެވެ. ޕެރިސް އެގްރިމެންޓުގައި ގައުމުތަކުން އެއްބަސްވީ ދުނިޔޭގެ ހޫނުމިން މަތިވިޔަނުދީ ހިފެހެއްޓުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރަން މަސައްކަތް ކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ފައިނޭންސް ކުރުމަށެވެ.

ނަޝީދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު 2009 ވަނަ އަހަރު ބޭއްވި ކޮޕެންހޭގަން ކްލައިމެޓް ސަމިޓުގައި އިސް ރޯލެއް އަދާ ކުރެއްވި އެވެ. އެގޮތުން، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އަޅާނެ ފިޔަވަޅަކާ ގައުމުތަކުން އެއްބަސްނުވެވިގެން އުޅެނިކޮށް، ހުރިހާ ގައުމެއް އެއްގަލަކަށް އަރުވައި، ދުނިޔޭގެ ހޫނުމިން މަތިވިޔަނުދޭން މަސައްކަތް ކުރުމަށް ނަޝީދުގެ މަސައްކަތުން އެންމެން އެއްބަސްވި އެވެ.

Advertisement

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަދި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރާ އަސަރުތައް ދުނިޔެއަށް ހާމަ ކުރެއްވުމަށް ވެސް ނަޝީދު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން، އޮކްޓޯބަރު، 2009، ގައި ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއް ނަޝީދު ބޭއްވެވި އެވެ.