21 ޖަނަވަރީ 2025 - 21:21 0
މުހައްމަދު ޝަހްޒާން
ޑީއެންއާރުގެ މީޓިން ރޫމުގައި ޕީއެންސީއަށް ފޯމުތައް ފުރިއިރު، ހޯމް މިނިސްޓަރު، އަލީ އިހުސާންގެ އަރިހުގައި އަބްދުލްމަޖީދު (މ) އަހުމަދު އާލީ (ވ) -- ފޮޓޯ: ސޯޝަލްމީޑިއާ
21 ޖަނަވަރީ 2025 - 21:21 0
ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައުލޫމާތުތައް ބަލަހައްޓާ، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ޕީއެންސީއަށް މީހުން ވަގަށް ވެއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކަށް އައްޔަނުކޮށްފައި ތިބި ސިޔާސީ މީހުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތްތައް އެ މުވައްޒަފުން ކުރަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއެންއާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކައިލުމަށް ކަމަށް ބުނެ އެ އޮފީހަށް ނޫސްވެރިން ގެންގޮސް، ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުލްމަޖީދު ވިދާޅުވީ ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ 56 ސިޔާސީ މުވައްޒަފުން ކުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް އެ ބޭފުޅުން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މައްޗަށް ހަމަ އޮތީ ތި ދަންނަވާހެން ހަމަ ތުހުމަތުތަކެއް، އެހެންވީމާ އެކަން ކަނޑައެޅިފައި އޮންނަ ގޮތެއްގެ މަތިން ހަމަ ކުރިއަށް އޮތް ތަނުގައި ވެސް ހަމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުންވެއްޖެއްޔާމުން ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް އަދި ހަމަ އެ މަސައްކަތް ގެންދާނެ، ސިޔާސީ މީހުންނަކީ ސިޔާސީ މަސައްކަތް ކުރަން އައްޔަނު ކުރައްވާފައި ތިއްބެވި ބޭފުޅުން ހަމަ އެ ސިޔާސީ ވިސްނުމުގައި އެ ސިޔާސީ މަސައްކަތެއް ގެންދަވާނެ،" އަބްދުލްމަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުން ޕީއެންސީއަށް 1700 މީހުން ވެއްދި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓަރު، އަލީ އިހުސާން އިސްވެ ހުންނަވައި ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ.
"މިނިސްޓަރު އެކަން ގެންދެވީ ވަރަށް އިންތިޒާމު ކުރެވި ރޭވިފައި އޮތް، އެންމެންނަށް ވެސް، އެންމެން ވެސް އޭގައި ބައިވެރިވާ ގޮތަށް، ދަންނަވަން މިއުޅޭ އެއްޗަކީ މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ޓެކްނޮލޮޖީގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި މި ތިއްބެވި ހުރިހާ ފަރާތްތަކަށް ވެސް އެ ފަރާތެއް މެދުވެރިކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމަށްޓަކައި، މެންބަރުން ވެއްދުމުގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށް އެދިފައި އޮތީ، އަޅުގަނޑު ހަނދާންވާ ގޮތުން އަޅުގަނޑުގެ މައުލޫމާތު ކުށް ނޫން ކަމަށް ވަނީނަމަ 56 ބޭފުޅަކު އެބަ ސިޔާސީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރައްވާ، އެހެންވީމާ އެއިން ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކަށް ވީވަރަކުން ފޯމުތައް ގެނެސްދިނުމަށް އެދިފައި އޮތީ،" އަބްދުލްމަޖީދު ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އަބްދުލްމަޖީދުގެ އިތުރުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ޑެޕިއުޓީ މިނިސްޓަރު، އަހުމަދު އާލީ ވެސް ފަހުން ވަނީ ދެކޮޅު ހަދައި ނޫސްވެރިންނަށް ފިއްލަވައިފަ އެވެ.
Comment