Advertisement

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ފަހުން ވަގު ސިނގިރޭޓުތަކުން ބާޒާރު ފުރާލައިފި

21 ޖަނަވަރީ 2025 - 14:04 3

އަމަން ހަލީމް

އަމަން ހަލީމް


ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ފަހުން ވަގު ސިނގިރޭޓުތަކުން ބާޒާރު ފުރާލައިފި

21 ޖަނަވަރީ 2025 - 14:04 3

ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ތަންވަޅުުގެ ނާޖާއިޒު ފައިދާ ނަގައި, ޑިއުޓީ ނުދައްކައި ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކުން ބާޒާރު ފުރާލައިފި އެވެ.

ބާޒާރުގައި މި ވަގުތު ވިއްކަމުން އަންނަ ސިނގިރޭޓުތަކުގެ މައުލޫމާތު "އަދަދު" އިން ހޯދައިބެލިއިރު, ކުރިން ބާޒާރުން ލިބެން ނުހުންނަ ގިނަ މަރުކާތަކެއްގެ ސިނގިރޭޓު މި ވަގުތު ފިހާރަތަކާއި އެތަންމިތަނުގައި ވިއްކަމުން އަންނަ ކަން މި ނޫހަށް ފާހަގަކުރެވުނެވެ.

ވަގަށް އެތެރެކޮށްގެން ވިއްކަމުން އަންނަ ގިނަ ސިނގިރޭޓުތަކުގެ އަގު, ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓު މަރުކާތަކަށް ވުރެ ބޮޑުތަނުން ކުޑަ އެވެ.

ހެޔޮ އަގުގައި އެންމެ އާންމުކޮށް ވިއްކަމުން އަންނަ ސިނގިރޭޓު މަރުކާއެއްގެ ގޮތުގައި ފާހަގަކުރެވުނީ "މެންޗެސްޓާ" ނަމަކަށް ކިޔާ މަރުކާއެއްގެ ސިނގިރޭޓެކެވެ. މީގެ ސިނގިރޭޓު ފޮއްޓެއް ވިއްކަނީ 120ރ. އަށެވެ.

ބާޒާރުގައި ހެޔޮ އަގުގައި ވިއްކަމުން އަންނަ އެހެން ސިނގިރޭޓު މަރުކާތަކަކީ:

  • އެޓްލާންޓާ - ފޮއްޓެއް 120ރ.
  • އެޗްޑީ - ފޮއްޓެއް 110ރ.
  • ޑަބަލް ހެޕިނަސް - ފޮއްޓެއް 150ރ.
  • ޝަންގްސީ - ފޮއްޓެއް 120ރ.
  • މާކީޒް - ފޮއްޓެއް 80ރ.
  • ނަންޖިއާން - ފޮއްޓެއް 100ރ.
  • ނައިންޓީންސެވަންޓީ - ފޮއްޓެއް 120ރ.

މިއީ ވަގަށް އެތެރެކޮށްގެން ވިއްކާ ސިނގިރޭޓުތަކެއް ކަމަށް ބާރުދެނީ މި ސިނގިރޭޓުތައް ވިއްކާ އަގެވެ. ޑިއުޓީގެ ގޮތުގައި ކޮންމެ ސިނގިރޭޓަކުން ނަގާ 8ރ. ގެ ރޭޓުން ކޮންމެ ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި އެކަނި ވެސް 160ރ. ދައްކަން ޖެހޭނެ އެވެ.

ޑިއުޓީގެ ތެރެއަށް ސިނގިރޭޓު ގަތް އަގާއި އެތެރެކުރުމުގެ އަގު އެއްކުރުމުން, މި ސިނގިރޭޓުތައް ވިއްކަމުން އަންނަ އަގުގައި އެއްވެސް ސިނގިރޭޓެއް ވިއްކޭނެ ގޮތެއް ނޯންނާނެ އެވެ.

އޭގެ އިތުރުން މިއިން އެއްވެސް ފޮއްޓެއްގައި, ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކުރާ ދިވެހިން ލިޔެފައި އޮންނަން ޖެހޭ ސިއްހަތުގެ އިންޒާރާއި ފޮޓޯ ވެސް ނެތް ކަން ފާހަގަކުރެވެ އެވެ.