20 ޖަނަވަރީ 2025 - 18:20 1
އަހުމަދު އާއިދު
20 ޖަނަވަރީ 2025 - 18:20 1
އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މިރޭ ހުވާކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
މަރުހަބާ ދަންނަވާ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމެރިކާގެ ވެރިކަމާ ޓްރަމްޕް ހަވާލުވެވަޑައިގެންފައި މިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އާންމުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. މި ހާލަތުން އަރައިގަތުމަށް ޓްރަމްޕަށް ހެޔޮވިސްނުން ދެއްވުމަށް އެދޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގެ އިތުރުން، ރައީސް މުއިއްޒު ޓްރަމްޕަށް މަރުހަބާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ، މި މެސެޖުގައި އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ސަރަޙައްދީ ސުލްހަ އަށް ވާސިލްވުމަށް އެމެރިކާއާއެކު ކުރެވޭ މަސައްކަތާއެކު ހިތްހަމަޖެހޭކަން ރައީސް މުއިއްޒު ފާހަގަކުރައްވާފައިވާ ކަމަށެވެ.
"ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެމަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި އެމަނިކުފާނު [ރައީސް މުއިއްޒު] ވިދާޅުވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަދި، މި އަހަރަކީ އެމެރިކާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަން ފާހަގަކުރައްވާ، މިއީ ދެ ގައުމުގެ ގުޅުމުގެ ރަމްޒެއް ކަަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން އާންމުކުރި ހަބަރުގައި ބުނެފައިވެ އެވެ.
މި ސަރުކާރަކީ މި ފަހުގެ ތާރީހުގައި އެމެރިކާއާއެކު އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ސަރުކާރެވެ. ދެ ސަރުކާރުގެ ގާތް ގުޅުމާ ގުޅިގެން އާންމުންގެ ބައެއް މީހުން ވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ދަނީ ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment