Advertisement

ރާއްޖެ-ޗައިނާ އެފްޓީއޭގެ ދަށުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާކޮށްފި: ކަސްޓަމްސް

20 ޖަނަވަރީ 2025 - 21:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ކޮންޓެއިނަރުތަކެއް : ޗައިނާ އެފްޓީއޭގެ ދަށުން 1.9 މިލިއަން ރުފިޔާގެ މުދާ ވަނީ ކްލިއާކޮށްފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރާއްޖެ-ޗައިނާ އެފްޓީއޭގެ ދަށުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާކޮށްފި: ކަސްޓަމްސް

20 ޖަނަވަރީ 2025 - 21:36 0

މި އަހަރުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފެށި ޗައިނާ އާއި ރާއްޖެއިން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފްޓީއޭގެ ދަށުން މިހާތަނަށް ކްލިއާ ކުރެވުނީ ވައިގެ މަގުން ގެނައި ނުވަ ޝިޕްމަންޓަކާއި ކަނޑު މަގުން ގެނައި ތިން ޝިޕްމަންޓެއް ކަމަށެވެ.

އޭގެތެރެއިން ވައިގެ މަގުން ގެނައި މުދަލުގެ އަގު 882،381 ރ. އަށް އަރާއިރު ކަނޑު މަގުން ގެނައި މުދަލުގެ އަގު 1،040،875 ރ. އަށް އަރަ އެވެ. އެކު ޖުމްލަ އެއީ 1.9 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ ކޮން ބާވަތްތަކެއްގެ މުދަލެއް ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ގައުމަކާއެކު ސޮއިކުރެވުނު ފުރަތަމަ މިނިވަން ވިޔަފާރީގެ ގުޅުމުގެ އެއްބަސްވުމެވެ.

މި އެއްބަސްވުމުގެ ދަށުން ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ 70 ޕަސަންޓުގެ ތަކެތިން ޑިއުޓީ ވަނީ މައާފުވެފަ އެވެ. އެ އަދަދު 90 ޕަސެންޓަށް އަރާނެ ކަމަށް ސަރުކަރުން ބުނެ އެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން އެކްސްޕޯޓުކުރާ ތަކެތީގެ 95 ޕަސަންޓު ތަކެތި އެއްވެސް ޑިއުޓީއެއް ނުނަގައި ބޭރުކުރެވޭނެ އެވެ.

ޗައިނާއާއެކު މިހާރު ވެސް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށާއި އެކަމަކު ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެ، އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.