Advertisement

ސައުދުالله ގެ ކުންފުނިން ބުނީ ކުނިއެޅީ ކައުންސިލުން އެންގި ތަނަށް ކަމަށާއި އުޅެނީ ޒާތީ ރުޅިއެއް ކަމަށް

20 ޖަނަވަރީ 2025 - 21:17 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: ސްވިފްޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ސައުދުالله --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސައުދުالله ގެ ކުންފުނިން ބުނީ ކުނިއެޅީ ކައުންސިލުން އެންގި ތަނަށް ކަމަށާއި އުޅެނީ ޒާތީ ރުޅިއެއް ކަމަށް

20 ޖަނަވަރީ 2025 - 21:17 1

ގދ. ތިނަދޫ ގޮނޑުދޮށަށް ކުނިއެޅީ ކައުންސިލުން އެކަން ކުރުމަށް އެންގުމުން ކަމަށާއި މައްސަލަ ބޮޑުކޮށްގެން އުޅެނީ ޒާތީ ރުޅިއެއްގެ ސަބަބުން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ތިނަދޫ ގޮނޑުދޮށަށް އުކާލައިފައި ވަނީ ކޮންސްޓްރަަކްޝަން ކުންޏެވެ. އެ ކުނިތައް ނެގުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އަންގާފަ އެވެ.

މިކަމާ ގުޅިގެން ސްވިފްޓުން ނެރުނު ބަޔާނެއްގައި ބުނީ އެއީ އެ ކުންފުނިން މަސައްކަތް ކުރަމުންދާ އިމާރާތެއް ތަޅާލުމުން އުކާލާފައިވާ ގައުކުނޑިތަކެއް ކަމަށެވެ. އަދި އެ ތަކެތި އުކާލީ ކައުންސިލުގައި އެކަން ކުރަން އެދުމުން މޭޔަރުގެ އެންގުމަށް ކައުންސިލްގެ ދެ މުވައްޒަފަކު ދެއްކި ތަނަށް ކަމަށެވެ.

ތިނަދޫގެ ހިއްކި ބިމުން ވަރަށް ބޮޑަށް ގިރަމުންދާ މި ސަރަހައްދަކީ އީޕީއޭ އިން އެހެން ރަށްރަށުގައި ވެސް ގައުކުނޑި އުކުމަށް ހުއްދަ ދޭ ފަދަ ސަރަހައްދެއްކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ. އަދި އީޕީއޭގެ ހުއްދައަށް ނޭދުނީ އެކަން ކުރަން ކައުންސިލުން ނޭންގުމާއި ކުނި އުކާނެ ސަރަހައްދެއް ދައްކާފައިވާތީ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ތަނަށް ކޮންމެ ދުވަހަކު ދެ ފަހަރަކުހެން ގައުކުނޑި އަޅަމުންދާތާ ދެ މަހަށްވުރެ ގިނަދުވަސްވެފައިވާ ކަމަށާއި އެއީ ގަވާއިދާ ހިލާފު ކަމެއްނަމަ އެކަން ކައުންސިލަށް ނޭނގުމަކީ ވެސް ހައިރާންވާ ކަމެއް ކަމަށް ތިނަދޫ ކައުންސިލާ ދެކޮޅަށް ނެރެފައިވާ ބަޔާނުގައި ސްވިފްޓުން ބުނެފައިވެ އެވެ.

މި މައްސަލަ ބޮޑުކުރީ ތިނަދޫއަކީ ސިޓީއެއް ކަމަށް މިދިޔަ ސަރުކާރުން ނިންމީ އާބާދީ އޮޅުވާލާ 10،000 ރައްޔިތުން ހަމަނުވަނީސް ކަމަށާއި ތިނަދޫއިން ސިޓީގެ ދަރަޖަ ނެގުމަށް ގޮވާލާ ސައުދުﷲ ކުރަމުންދާ މަސައްކަތާ ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތިނަދޫއަށް ގާނޫނަށް ހިލާފަށް ސިޓީގެ ދަރަޖަ ދީފައިވާ ކަމަށް ބުނެ ސައުދުﷲ ވަނީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހަށްވެސް މައްސަލަތަކެއް ވައްދާފަ އެވެ. ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ އޭނާ ދައްކަވަ އެވެ.

ސްވިފްޓުން ބުނީ އެ މީހުން މިހާތަނަށް އަދި ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނާއި ގަވާއިދާ ހިލާފު ވެފައިނުވާނެ ކަމަށެވެ. އަދި، އެ ކުންފުނިން މަސައްކަތް ކުރަނީ ތިނަދޫއަށް ތަރައްގީ ގެނައުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

ކައުންސިލުން ހުއްދަ ދިން ކަމަށް ސްވިފްޓު ކުންފުނިން ބުނި ނަމަވެސް އެފަދަ އެއްވެސް ހުއްދައެއް ސްވިފްޓް ކުންފުންޏަށް ދީފައި ނުވާ ކަމަށް އެ އިދާރާއިން މި ނޫހާ ވާހަކަދެއްކި އޮފިޝަލަކު ބުންޏެވެ.

ގަވާއިދާ ހިލާފަށް ކުނި އަޅަން ނުޖެހޭ ތަންތަނަށް ކުނި އަޅާނަމަ، ކުނި އަޅާ ތަނެއް ނުވަތަ މީހެއް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އީޕީއޭއަށް ލިބިގެންވެ އެވެ.