ހުލާސާކޮށް އިއްޔެ: މެންބަރު މުހައްމަދު އިސްމާއީލްގެ މައްސަލަ ގޯންޏެއް

20 ޖަނަވަރީ 2025 - 01:27 0

ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ހިންގި ހަރަކާތުގައި މެންބަރު މުހައްމަދު އިސްމާއީލް އާއި އެ ޕާޓީގެ މެންބަރުންތަކެއް. -- ފޮޓޯ: ޕީއެންސީ


ހުލާސާކޮށް އިއްޔެ: މެންބަރު މުހައްމަދު އިސްމާއީލްގެ މައްސަލަ ގޯންޏެއް

20 ޖަނަވަރީ 2025 - 01:27 0

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް ވެއްދި މީހުންގެ ފޯމުގައި ހެކިވެރިޔެއްގެ ގޮތަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއިލް ސޮއިކުރި ކޮންމެ ފޯމެއްގެ މައްސަލަ ވަކިވަކިން ބެލުމަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޕޮލިހުގައި އެދުނު ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމަކީ ޖީނާއީ ކުށަކަށްވާއިރު، އެކަމުގައި ހިމެނޭ މުހައްމަދު އިސްމާއިލް ސޮއިކުރެއްވި ކޮންމެ ފޯމެއްގެ މައްސަލަ ވަކިން ބަލައިދޭން ފުލުހުގައި އެދުނު ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ތަހުގީގު ކޮށްދޭން އަޅުގަނޑުމެން އެދުނު އެއް ބޭފުޅެއް މުހައްމަދު އިސްމާއިލް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު. އެ މެންބަރު ސޮއިކުރައްވާފައި އޮތް ކޮންމެ ފޯމެއް، ހެއްކެއްގެ ގޮތުގައި ސޮއިކުރައްވާފައި އޮތް ކޮންމެ ފޯމެއްގެ މައްސަލަ ވަކި ވަކިން ތަހުގީގު ކޮށްދެއްވުން އެއީ އަޅުގަނޑުމެން އެދޭ ކަމެއް،" މަހްފޫޒް ވިދާޅުވި އެވެ.

ހެކީގެ ގޮތުގައި ސޮއިކުރީ ޕާޓީގެ އިދާރީ ގޮތުން ފޯމުތައް ފުރިހަމަ ކުރުމަށް ކަމަށް މުހައްމަދު އިސްމާއިލް އެކަމުން ދިފާއުވާން ވިދާޅުވާއިރު، އާންމުކޮށް އަމަލު ކުރަމުންދާ ގޮތް ކަމަށް ޕީއެންސީން އެ ވިދާޅުވާ ގޮތަކީ ޖިނާއީ ކުށެއް ކަމަށް މަހްފޫޒް ފާހަގަކުރެއްވި އެވެ.

"ސޮއިކުރި ގިނަ މީހުން ތިބީ ރަށުގައި. ހެކިން އެވަގުތު ތިބީ ކޮންތާކުތޯ. މުހައްމަދު އިސްމާއިލްއަކީ ހުރިހާ ރަށެއްގައި ހުންނެވޭނޭ ބޭފުޅެއް ނޫން. ހުރިހާ މެންބަރުން ސޮއިކުރައްވާއިރުގައި ހާޒިރުގައި ހުރި ކަމަށް ވިދާޅުވާން. މުހައްމަދު އިސްމާއިލް އެ ވިދާޅުވަނީ ތިމަންނަ ސޮއިކުރީމޭ އެއީ އާންމުކޮށް އެކަން ހިނގާގޮތޭ. އާންމުކޮށް ކުރާ ގޮތް އެއީ ޖިނާއީ ކުށެކޭ،" މަހްފޫޒް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ވަގު ފޯމު ފުރައިގެން މީހުންތަކެއް ޕީއެންސީއަށް ވެއްދި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ޕީއެންސީގެ ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކެއް ހޯމް މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން ފުރިއިރު، އެތަނުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ހުންނަވަނިކޮށް ފެންނަ ފޮޓޯތަކެއް ވަނީ ލީކުވެފަ އެވެ.

އެމްޑީޕީން އެދިފައި ވަނީ އޭސީސީ އާއި ފުލުހުން ވަގު ފޯމުތަކުގެ މައްސަލަ ބަލައި ނިމެންދެން މިނިސްޓަރު އިހުސާން މަގާމުން އެކަހެރި ކުރުމަށެވެ. އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފަ އެވެ.

މީގެއިތުރުން އެމްޑީޕީން ވަނީ ވަގު ފޯމުތަކުގެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނާއި އޭސީސީގެ މައްޗަށް އަމުރު ކޮށްދިނުމަށް ޕީޖީގައި ވެސް އެދިފަ އެވެ.

މުހިއްމު ބައެއް ހަބަރު