Advertisement

އެމްއެމްޕީއާރުސީ ހިޔާނާތް: އަދީބު ހިމެނޭހެން ހަތަރު މީހުންގެ އިމިއުނިޓީ އެއްބަސްވުންތައް ޕީޖީން އުވާލައިފި

19 ޖަނަވަރީ 2025 - 20:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު (ކ) އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި (ވ). 20 އަހަރުގެ ޖަލު ހުކުމުގެ އަދަބު ކުރީ ސަރުކާރުން ލުއިކޮށްދިނުމާއެކު ދެ ބޭފުޅުން ވެސް މިނިވަންވި ---


އެމްއެމްޕީއާރުސީ ހިޔާނާތް: އަދީބު ހިމެނޭހެން ހަތަރު މީހުންގެ އިމިއުނިޓީ އެއްބަސްވުންތައް ޕީޖީން އުވާލައިފި

19 ޖަނަވަރީ 2025 - 20:18 0

ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރުކާރެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އެ މައްސަލާގައި ދައުވާ އުފުލި ހަތަރު މީހުންނާއެކު ވެފައިވާ އިމިއުނިޓީ އެއްބަސްވުންތައް ޕްރޮސެކިއުޓީ ޖެނެރަލްގެ އޮފީހުން މިއަދު އުވާލައިފި އެވެ.

އެ އޮފީހުން ހާމަކުރި ގޮތުގައި އުވާލާފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެ މައްސަލާގައި ދައުވާ އުފުލި މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އާއި ގ. އޮއިވާލި، މުހައްމަދު ހުސައިނާއި މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހު އަލީ އާއެކު ހަދާފައިވާ އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެވެ.

މިއީ ޕްރޮސެކިއުޓީ ޖެނެރަލް އައްބާސް ޝަރީފް ނިންމެވި ނިންމުމެކެވެ. މީގެ ކުރިން ޕީޖީއަކަށް ހުސައިން ޝަމީމް ހުންނަވަނިކޮށް އޮގަސްޓު 2022، ގައި އެ މައްސަލާގައި ހިމެނޭ ހ. އާހަމަ، އަބްދުالله ޒިޔާތު އާއެކު އޮތް އެއްބަސްވުން ވެސް ނިމުމަކަށް ގެނަ އެވެ.

މި މީހުންނާއެކު ޕީޖީން އޭރު އެއްބަސްވުންތައް އެކުލަވައިލީ އެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށާއި ގެއްލުވާލައި ފައިސާ އަނބުރާ ހޯދުމުގެ ބޭނުމުގަ އެވެ.

"ނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގީ އިދާރާތުން މައުލޫމާތު ދީފައި ވާތީ،" އެއްބަސްވުންތައް އުވާލި ސަބަބެއްގެ ގޮތުގައި ޕީޖީ ވިދާޅުވެފައިވެ އެވެ.

އެ އެއްބަސްވުންތަކުގެ ސަބަބުން އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވި، ކުރިއަށް ނުގެންދެވި ހުރި މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް، ވީ އެންމެ އަވަހަކަށް އެ އޮފީހަށް ހުށަހެޅުމަށް، ފުލުހުންނަށާއި އޭސީސީގައި ވެސް ޕީޖީ ވަނީ ދަންނަވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ.

އެ ހުކުމް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވުމާ އެކު އަދީބު ހުންނެވީ މިނިވަންވެފަ އެވެ.