Advertisement

"އަދަދު" ނޫހަށް މައުލޫމާތު ދޭން ރައީސް އޮފީހުން ދެކޮޅު ހެދީ އައިކޮމްގެ ލަފަޔާ ހިލާފަށް

19 ޖަނަވަރީ 2025 - 14:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: އަދަދު


"އަދަދު" ނޫހަށް މައުލޫމާތު ދޭން ރައީސް އޮފީހުން ދެކޮޅު ހެދީ އައިކޮމްގެ ލަފަޔާ ހިލާފަށް

19 ޖަނަވަރީ 2025 - 14:25 0

"އަދަދު" ނޫހަކީ ގާނޫނީ ޝަހުސެއްކަން ކަށަވަރުނުވާ ކަމަށް ބުނެ މައުލޫމާތު ހޯދަން މި ނޫހުން ހުށަހަޅާ އާރުޓީއައި ރިކުއެސްޓުތަކަށް ޖަވާބު ދޭން ރައީސް އޮފީހުން ދެކޮޅު ހެދީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެންގި ގޮތާ ހިލާފަށް ކަން އެނގިއްޖެ އެވެ.

މައުލޫމާތަށް އެދި ހުށަހެޅޭނީ "މީހަކަށް" ކަމަށް ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ކަމަށާއި މީހަކީ ތަބީއީ ޝަހުސެއް ނުވަތަ ގާނޫނީ ޝަހުސެއްކަން ގާނޫނުގައި މާނަކޮށްފައިވާ ކަމަށް ބުނެ މި ނޫހަށް މައުލޫމާތު ނުދޭން ރައީސް އޮފީހުން ބަހަނާ ދެއްކީ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމެއްގަ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އަދަދު އޮންލައިން މިއީ މި މާނައަށް ފެތޭ ނަމެއް ނޫންކަން. އެހެންވެގެން އިނގޭތޯ [ޖަވާބެއް ދީފަ ނުވަނީ]،" އެ ދުވަހުގެ އަޑުއެހުމުގައި ރައީސް އޮފީހުގެ ފަރާތުން ބައިވެރިވި ލީގަލް އޮފިސަރު ޖުވެއިދާ ވިދާޅުވި އެވެ.

އަދި، މިކަމާ ގުޅިގެން ގާނޫނީ ލަފައެއް ހޯދަން އައިކޮމް އަށް ހުށަހެޅި ކަމަށްވެސް ރައީސް އޮފީހުން އެ ދުވަހު ބުންޏެވެ. އެ ހުށަހެޅުމާ ގުޅިގެން ލަފައެއް ދީފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެ ދުވަހު ވިދާޅުވި އެވެ. މި ނޫހުން އެދުމުން އައިކޮމް އިން ވަނީ އެ ލަފާ ހިއްސާކޮށްފަ އެވެ.

ލަފާގައި އައިކޮމް އިން ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި މީހަކު މާނަކޮށްފައިވަނީ އެއީ ކާކުކަން ނުވަތަ ކޮން ޝަހުސެއްކަން ޔަގީންކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި ޒާތީ މައުލޫމާތަކަށް ނޭދޭ ހާލަތެއްގައި އެ ހާލަތު ބަދަލުނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބެލި ނަމަވެސް، މައުލޫމާތަށް އެދި ހުށަހަޅާ ފަރާތްތަކަށް ވީހާ ވެސް ފަސޭހަ އަދި އިތުރު ތަކުލީފަކާ ނުލައި މައުލޫމާތަށް އެދުމުގެ ހައްގު ކަށަވަރުކޮށްދިނުމަކީ މި ހައްގުގެ އަސާސީ މަބާދިއުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" އައިކޮމް އިން ރައީސް އޮފީހަށް ދިން ލަފާގައި ބުނެފައިވެ އެވެ.

މީގެއިތުރުން، މައުލޫމާތަށް އެދޭ ފަރާތުގެ ނަމާއި ފޯނު ނަމްބަރު ހޯދަނީ ޝަހުސު ކަށަވަރުކުރުމަށް ނޫން ކަމަށާއި އެއީ ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމުގައި މުއާމަލާތް ކުރުމަށް ކުރާ ކަމެއް ކަމަށްވެސް އައިކޮމް އިން ބުނެފައިވެ އެވެ.

އައިކޮމް އިން މިފަދައިން ލަފާ ދީފައިވަނިކޮށް ޖަވާބުދޭން ދެކޮޅު ހެދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޓެންޒޭނިއާއަށް ކުރެއްވި ދަތުރުގެ ހަރަދު ހޯދަން އެދުމުންނެވެ.

ރަސްމީ ދަތުރެއްގައި ސާޖިދާ ޓެންޒޭނިއާއަށް ވަޑައިގެންނެވީ އޮކްޓޯބަރު 28، ގަ އެވެ. މި ދަތުރުގެ ހަރަދުތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ހުށަހެޅީ އޭގެ ދެ ދުވަސް ފަހުންނެވެ.