about 4 hours 0
އަހުމަދު އާއިދު
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ރައީސްގެ ދެކަނބަލުން ތާޖު މަހަލް ކައިރީގައި : ރައީސް އޮފީހުން އާރުޓީއައި އަށް ޖަވާބު ނުދޭން ބަހަނާ ދެއްކީ ސާޖިދާގެ ޓެންޒޭނިއާ ދަތުރުގެ ހަރަދުގެ ތަފުސީލަށް އެދުމުން --- ފޮޓޯ: ރައީސް އޮފީސް
about 4 hours 0
"އަދަދު" ނޫހަކީ ގާނޫނީ ޝަހުސެއްކަން ކަށަވަރުނުވާ ކަމަށް ބުނެ މައުލޫމާތު ހޯދަން މި ނޫހުން ހުށަހަޅާ އާރުޓީއައި ރިކުއެސްޓުތަކަށް ޖަވާބު ދޭން ރައީސް އޮފީހުން ދެކޮޅު ހެދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޓެންޒޭނިއާއަށް ކުރެއްވި ދަތުރުގެ ހަރަދު ހޯދަން އެދުމުންނެވެ.
ރަސްމީ ދަތުރެއްގައި ސާޖިދާ ޓެންޒޭނިއާއަށް ވަޑައިގެންނެވީ އޮކްޓޯބަރު 28، ގަ އެވެ. މި ދަތުރުގެ ހަރަދުތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ހުށަހެޅީ އޭގެ ދެ ދުވަސް ފަހުންނެވެ.
އެ ހުށަހެޅުމަށް ތިން މަސްދުވަސް ވާން ކައިރިވެފައިވީ ނަމަވެސް ރައީސް އޮފީހުން އެ ތަފުސީލުތައް ފޯރުކޮށްދީފައެއް ނުވެ އެވެ. ޖަވާބު ދޭން ގާނޫނުގައި ބުނާ މުއްދަތު ހަވަމުވުމުން އިންފޮމޭޝަން ކޮމިޝަނަށް މި ނޫހުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފަ އެވެ.
އެ އަޑުއެހުމުގައި ރައީސް އޮފީހުގެ ފަރާތުން ބައިވެރިވި، ލީގަލް އޮފިސަރު ޖުވެއިދާ ވިދާޅުވީ މިހާތަނަށް ޖަވާބު ނުދީ އޮތީ އަދަދު ނޫހުން ހުށަހަޅާ ރިކުއެސްޓުތަކަށް ޖަވާބުދިނުން ގާނޫނީ ގޮތުން ލާޒިމުނުވާތީ ކަމަށެވެ.
މައުލޫމާތަށް އެދި ހުށަހެޅޭނީ "މީހަކަށް" ކަމަށް ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މީހަކީ ތަބީއީ ޝަހުސެއް ނުވަތަ ގާނޫނީ ޝަހުސެއްކަން ގާނޫނުގައި މާނަކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އަދަދު އޮންލައިން މިއީ މި މާނައަށް ފެތޭ ނަމެއް ނޫންކަން. އެހެންވެގެން އިނގޭތޯ [ޖަވާބެއް ދީފަ ނުވަނީ]،" ޖުވެއިދާ ވިދާޅުވި އެވެ.
މިއީ މިފަދަ ބަހަނާއެއް ދައްކާ މި ނޫހުން ހުށަހެޅި އާރުޓީއައި އަކަށް ޖަވާބު ދޭން ރައީސް އޮފީހުން ދެކޮޅު ހެދި ފުރަތަމަ ފަހަރެވެ. ނަމަވެސް ޖަވާބު ނުދޭން ނޫޅޭ ކަމަށް އެ އޮފީހުގެ އޮފިޝަލުން މިއަދު ވެސް ބުންޏެވެ.
އެކަން މި ނޫހަށް އެންގިތޯ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެހުމުން، ރައީސް އޮފީހުގެ އޮފިޝަލުން ވަނީ މިހާތަނަށް އެކަން އަންގާފައިނުވާނެ ކަމަށް ބުނެފަ އެވެ.
އަޑުއެހުމުގައި މި ނޫހުން ވާނީ މީގެކުރިން ވެސް އަދި މި ހުށަހެޅުމަށްފަހު ވެސް ރައީސް އޮފީހުން މި ނޫހުގެ ނަމުގައި ހުށަހެޅި އެކި އާރުޓީއައި ތަކަށް ޖަވާބުދީފައިވާ ކަން ފާހަގަކޮށްފަ އެވެ.
އައިކޮމްގެ އަޑުއެހުން ނިންމާލީ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރައީސް އޮފީހުން މި ނޫހަށް ހުށަހެޅުމުގައި އެދިފައިވާ ޖަވާބު ދޭން އެންގުމަށްފަހުގަ އެވެ. މި ނިންމުމާ ގުޅިގެން މިހާތަނަށް ރައީސް އޮފީހުން މި ނޫހާ އެއްވެސް ވަރަކަށް މުއާމަލާތް ކޮށްފައެއް ނުވެ އެވެ.
Comment