Advertisement

ވައްޑެގެ އެކައުންޓުތައް ހެކުކުރަން މަސައްކަތް ކުރަނީ، އޭނާގެ ތުހުމަތު ސަރުކާރަށް

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) : އޭނާގެ އެކައުންޓުތައް ހެކުކުރަން ބަޔަކު ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ: އަދަދު


ވައްޑެގެ އެކައުންޓުތައް ހެކުކުރަން މަސައްކަތް ކުރަނީ، އޭނާގެ ތުހުމަތު ސަރުކާރަށް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ ސޯޝަލް މީޑިއާ އަދި މުވާސަލާތް ކުރުމަށް ބޭނުންކުރާ އެކައުންޓުތަކެއް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކުރަނީ ސަރުކާރުގެ ތެރެއިން ކަމަށް ތުހުމަތުކުރެވޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވަނީ އޭނާގެ ވަޓްސްއެޕް އެކައުންޓަށް އެހެން ޑިވައިސް އަކުން ވަނުމަށް މަސައްކަތްކޮށްފައިވާކަން އެނގޭ މެސެޖުތަކެއް ހިއްސާކޮށްފަ އެވެ.

މިކަމާ ގުޅިގެން މި ނޫހާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، މި ފަހަކަށް އައިސް އޭނާގެ ވަޓްސްއެޕް، ފޭސްބުކް، ޓެލެގްރާމް، އެކްސް އަދި ޖީމެއިލް އެކައުންޓުތަކަށް އެހެން ސިސްޓަމަކުން ވަންނަން އުޅެފައިވާ ކަމަށެވެ. އެކަން ހިނގާފައިވަނީ ފަތިހުގެ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު މިހާރު މި ހިނގައިގެން އުޅޭ ޑީއެންއާރުގެ ވައްކަމާ ގުޅިގެން އަޅުގަނޑަށް ވަރަށް ބޮޑަށް އެބަ ގަބޫލުކުރެވޭ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ކޮމިއުނިކޭޝަން އޮތޯރިޓީ ބަދަލުކުރައްވައިގެން އަނެއްކާ މީހުންގެ ފޯނުތަކުންނާއި މި ކުރާ ހުރިހާ އިލެކްޓްރޯނިކް މުއާމަލާތެއްގެ ތެރެއަށް އިހުސާން ވަންނަވަނީ ކަމަށް," ވައްޑެ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވީ، ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރިއިރު އެތަނުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހުންނަވާ ފޮޓޯތަކެއް ލީކުވުމަށެވެ.

އެ ފޮޓޯތަކުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވެސް ފެނެ އެވެ.

ވައްޑެ އިތުރަށް ވިދާޅުވީ، ސަރުކާރުން އާންމުންގެ އައިޑެންޓިޓީ ވަގަށް ނެގުމާއި ޒާތީ މައުލޫމާތު އާންމުވާ ފަދަ މިކަހަލަ ކަންކަން ކުރުމަކީ ފައިސާ ވަގަށް ނެގުމަށްވުރެ ވެސް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި، ވަގު ފޯމުތައް ފުރުމަށް ފޯޖަރީގެ ކުށަށް އަރައިގަނެފައިވާކަން ފޮޓޯތަކުން ފެންނަ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އިހުސާން އަޑީގަ ހުންނަވައިގެން. އިހުސާނުގެ ބެއްލެވުމުގެ ދަށުން. އިހުސާނުގެ ފެނުމުގެ ތެރޭގަ ހިނގަމުންދާ ކަމެއް މިހާތަނަށް ފެންމަތިވެގެން މިއުޅެނީ. އެކަންކަން އިހުސާނަކަށް މިނިވަންކަމާއެކު ނުބެއްލެވޭނެ،"

ފޯމުތަކުގެ މައްސަލާގައި ހޯމް މިނިސްޓަރަށް ވައްޑެ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މެންބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅިކަމަށް ޕީއެންސީއިން ވެސް މިހާރު ވަނީ އެއްބަސްވެފަ އެވެ.

މި މައްސަލަ ފަޅައިގެން ދިޔައީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ވަގު ފޯމެއް ހުށަހަޅައިގެން އެ ފޯމު ޕްރޮސެސްކޮށް އޭނާގެ ރެޖިސްޓްރީ ޕީއެންސީއަށް ބަދަލުކުރިކަން ފަޅައިއެރުމުންނެވެ. އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.