about 3 hours 0
ސާއިފް ޝިޔާދު
ހޯމް މިނިސްޓަރު އަލީ އިހުސާން. އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ވެސް ވަނީ ގޮވާލާފައި --- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީން ފާސްކޮށްފި އެވެ.
ލީކުވެފައިވާ ފޮޓޯތަކުން ފެންނަނީ ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް އެ ވުޒާރާގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ. އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވެސް އެ ތަނުގައި އިންނެވި އެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ މަޖިލީހުގެ 10 މެންބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ތިއްބަވަނީ 12 މެންބަރުންނެވެ.
ޕީއެންސީގެ މެންބަރަކަށް ވުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފޯމުތަކުގެ އިތުރުން، އެ ފޯމުތަކަށް ބޭނުންވާ އާންމުންގެ ޕާސްޕޯޓު ސައިޒު ފޮޓޯތަކެއް ކަފާ މަންޒަރު ވެސް އެ ފޮޓޯތަކުން ބުނެ އެވެ. މީގެ ކުރިން ހޯމް މިނިސްޓްރީ ތެރޭގައި މި މަސައްކަތް ކުރާތަން ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން އިހުސާން ވިދާޅުވީ މިއީ މިނިސްޓްރީ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ނޫން ކަމަށެވެ. އިތުރަށް ސުވާލުކުރުމުން އެއީ ވެލާނާގެ އިމާރާތް ނަމަވެސް ހޯމް މިނިސްޓްރީގެ ފްލޯ ނޫން ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ދުވަހަކު އަޅުގަނޑު އެތަނަށް ދިޔައިން. އެއީ އޮފީހުގެ ރަސްމީ ގަޑިއަކުވެސް ނޫން،" އިހުސާން ވިދާޅުވި އެވެ.
ފޯމު ފުރުމުގައި ޑީއެންއާރްއިން އާންމުންގެ މައުލޫމާތު ނަގާފައިވާނެތޯ ސުވާލު ކުރުމުން އިހުސާން ވިދާޅުވީ، ޑީއެންއާރްއިން މިހާރު މައުލޫމާތު ނުނެގޭނެ ކަމަށެވެ. ނަމަވެސް ޑީއެންއާރުގެ ޑޭޓާބޭސް ކުރިން ލީކުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބޭނުން ކުރީ ޑީއެންއާރް ޑޭޓާބޭސްގެ މައުލޫމާތުކަން އިހުސާން ދޮގެއް ނުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment