14 ޖަނަވަރީ 2025 - 06:24 0
ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު (ފިއްޓޭ)
14 ޖަނަވަރީ 2025 - 06:24 0
ވަގު ފޯމުތަކެއް ފުރައިގެން ހދ. ވައިކަރަދޫގެ ގިނަ ބަޔަކާއެކު އެމްޑީޕީއަށް ނިސްބަތްވާ އެ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް ވެރިކަން ކުރާ ޕީއެންސީއަށް ވެއްދިކަން އިއްޔެ ފަޅައި އެރި އެވެ.
އެކަން ކަށަވަރު ކޮށްދެއްވައި "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ފިއްޓޭ ވިދާޅުވީ އޭނާ ޕީއެންސީއަށް ވައްދާފައި އޮތީ މިދިޔަ ޑިސެމްބަރު 23، ގައި ކަމަށެވެ.
"ރަށުގެ ވަރަށް ގިނަ މީހުން ޕީއެންސީއަށް ވައްދާފައި އޮތީމާ ޗެކު ކޮށްލީ، ކޮށްލިއިރު ވައްދާފައި އޮތީ،" ފިއްޓޭ ވިދާޅުވި އެވެ.
ޕީއެންސީއަށް އޭނާ ވެއްދީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ގޮސް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
ފިއްޓޭގެ އިތުރުން ވެސް ގިނަ ބަޔަކު ދަނީ އެމީހުންގެ ނަމުގައި ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން ކަންބޮޑުވުން ފާޅުކޮށް ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައިވާ ފޯމެއްގައި މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ސޮއި ވެސް ކޮށްފައިވެ އެވެ.
ގއ. ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު، ސައުދު ހުސެއިން އެކްސްގައި ހިއްސާކޮށްފައިވާ ފޯމެއްގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައި އޮތީ ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ވަނީ މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނާ ހިއްސާ ވެސް ކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން ހިމެނޭހެން އެ ޕާޓީގެ ޓީމެއް އިލެކްޝަންސް ކޮމިޝަނަށް ގޮސް އެދުނީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލުމަށްފަހު ހުރިހާ ފޯމެއް އަލުން ބަލައިދިނުމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފޯމުތަކުގެ މައްސަލައިގައި އިލެކްޝަންސްއިން ވަކި ގޮތެއް ނުނިންމަ އެވެ.
Comment