Advertisement

ފުވައްމުލަކުގައި ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހުން އަލުން ހައްޔަރުކޮށްފި

14 ޖަނަވަރީ 2025 - 10:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލަކު މަސްތުވާތަކެތީގެ ނެޓްވޯކުގެ ދެ ބޮޑުން ކަމަށް ތުހުމަތު ކުރާ އަހްމަދު ނިއުޝާދު (ކ) އަދި ހަސަން އާޒިމް (ވ) -- ފޮޓޯ: ފުލުހުން


ފުވައްމުލަކުގައި ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހުން އަލުން ހައްޔަރުކޮށްފި

14 ޖަނަވަރީ 2025 - 10:23 0

ފުވައްމުލަކުގައި ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު ހައި ކޯޓުން ދޫކޮށްލުމުން އިތުރު ކޯޓު އަމުރުތަކެއްގެ ދަށުން ފުލުހުން އަނެއްކާ ވެސް އެ ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުވައްމުލައް ސިޓީގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ޏ. ފުވައްމުލައް، ދޫނޑިގަން، ކަރަންކާ ވިލާ، އަހްމަދު ނިއުޝާދު، 34، އަދި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް، 29، އެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ހަސަން އާޒިމްގެ ބަންދަށް ހަތް ދުވަސް އަދި އަހުމަދު ނިއުޝާދުގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

"މި ދެ މީހުން ޑިސެމްބަރު 9، ގައި ވެސް މި މައްސަލައިގައި ހައްޔަރު ކޮށްފައިވޭ. އެ މީހުން ދޫކޮށްފައި ވަނީ ، ހައްޔަރު ކުރި މައްސަލަ އެމީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން،" ފުލުހުން ބުންޏެވެ.

ހައި ކޯޓުން އެ ދެ މީހުން ދޫކޮށްލީ، އެ ދެ މީހުން ބަންދު ކުރަން ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކޮށް، އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ދަށު ކޯޓުން އަމުރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ކަމަށް ކަނޑައަޅައިފަ އެވެ.

ތަހުގީގަށް ހޯދުނު ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި ނިއުޝާދުގެ ބޭންކް އެކައުންޓު މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި ހަސަން އާޒިމްގެ ބޭންކް އެކައުންޓު މެދުވެރިކޮށް ފާއިތުވި ދެ އަހަރު ތެރޭގައި ހަތް މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.