13 ޖަނަވަރީ 2025 - 06:00 0
އަހުމަދު އާއިދު
13 ޖަނަވަރީ 2025 - 06:00 0
އެކި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ޖަލުގައި ތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިއްސާކުރި ތަފާސްހިސާބުތަކަކުން ދައްކައިފި އެވެ.
ގައިދީންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ އެ ޖަމިއްޔާއަށް ކަރެކްޝަންސް އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކެކެވެ.
ނަމަވެސް، ވާނުވާ ބަންދުގައި ތިބި މީހުންގެ ޖުމްލަ އަދަދެއް އަދި ވަކިވަކި މުއްދަތުތަކަށް ބަންދުގައި ތިބި ގައިދީން އަދަދެއް ވެސް އެ ޖަމިއްޔާއިން އާންމެއް ނުކުރެ އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި، ނޮވެމްބަރު، 2024، ގެ ނިޔަލަށް އަހަރެއް ނުވެ ވާނުވާ ބަންދުގައި ތިބީ ވާނުވާ ބަންދު ޖަހާފައި ތިބި މީހުންގެ ތެރެއިން ޖުމްލަ 47.55 ޕަސެންޓު މީހުންނެވެ. އެއް އަހަރާއި ދެ އަހަރާއި ދެމެދަށް ބަންދުގައި ތިބި މީހުންގެ އަދަދު 21.7 ޕަސެންޓަށް އަރަ އެވެ.
ޕަސެންޓޭޖު ދަށް ނަމަވެސް، ގަބޫލުކުރަން ދަތި މުއްދަތުތަކަށް ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ޖަލުގައި ބައިތިއްބާފައި އެބަތިއްބެވެ. އެގޮތުން ވާނުވާ ބަންދުގައި ތިބި މީހުންގެ އެއް ޕަސެންޓު މީހުން ހަތް އަހަރަށްވުރެ ގިނަ މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު މި ނޫހުން ހޯދި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މާޗު، 202، އާ ހަމައަށް ވާނުވާ ބަންދުގައި 450 މީހުން ތިއްބެވެ.
އޭރު ތިބި މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން، ބަންގްލަދޭޝް، ޕާކިސްތާން، ތައިލޭންޑު، އިންޑިއާ، ބްރެޒިލް، ނޭޕާލް, އުޒުބެކިސްތާން, ތުރުކީ އަދި އިނގިރޭސިވިލާތް، ކެންޔާ, ފިލިޕީންސް, ލެޓްވިއާ, ސިންގަޕޫރު އަދި ސްވިޓްޒަލޭންޑުގެ ރައްޔިތުން ވެސް ހިމެނެ އެވެ.
މިކަން ހައްލުކޮށް، ވާނުވާ ބަންދު އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ދެވަނަ އަހަރު ގުނަމުން ދާއިރު ވެސް އެކަމަށް އެކަށޭނަ ހައްލެއް ސަރުކާރުން މިހާތަނަށް ހޯދައިދީފައެއް ނުވެ އެވެ.
ނަމަވެސް، ހުކުމެއް ކޮށް އެ ހުކުމް އިސްތިއުނާފު ކުރަން ފޮނުވާ މީހުންނަށް ކަފާލާތު ލިބޭނެހެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސް އެ ބިލު ރައީސް ވަނީ ތަސްދީގުކުރައްވައިފަ އެވެ.
ވާނުވާގެ ހައްލެއްގެ ގޮތުން ތަހުގީގު މަރުހަލާ އިތުރަށް ހަރުދަނާ ކުރަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ މިދިޔަ އަހަރުގެ މާޗު މަހު ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެ ބަދަލުތައް އައި ތަނެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment