about 5 hours 3
ލީވާން އަލީ ނާސިރު
އިބްރާހިމް އިކްރާމް: އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އިކްރާމްއަށް ދެ މަހުގެ ޖަލު އަދަބަކާ އެކު 70،000ރ. ގެ ޖޫރިމަނާއެއް ވަނީ ކޮށްފައި
about 5 hours 3
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުތައް ކައިރީ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމްގެ މައްޗަށް އުފުލި ހަތަރު ދައުވާއަކަށް އޭނާ އިއުތިރާފުވުމުން، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް ދެ މަހާއި 17 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އޭގެ އިތުރުން އިކްރާމް 70،000ރ. އިން ޖޫރިމަނާ ކުރަން ވެސް ކޯޓުން ހުކުމް ކުރި އެވެ.
އެ އެކްސިޑެންޓުގައި އިކްރާމް ދުއްވަން ހުރި ސްޕޯޓްސް ކާރު ގޮސް ސައިކަލެއްގައި ޖެހި، ސައިކަލުގައި މަގުގައި މަޑުކޮށްގެން ހުރި މީހާއަށް ބޮޑެތި އަނިޔާތައްވި އެވެ. ނަމަވެސް އަނިޔާވި މީހާއަށް އެހީތެރިކަން ފޯރުކޮށްނުދީ، ކާރު ދުއްވަން ހުރި އިކްރާމް އާއި އޭނާއާ އެކު ކާރުގައި އެވަތު ތިބި ދެ މީހަކު ވަނީ އެ ސަރަހައްދުން ގޮސްފަ އެވެ.
ނަމަވެސް ސީޓީޓީވީ އާއި އެހެނިހެން ގޮތްގޮތުން އެކްސިޑެންޓުގައި އިހުމާލުވި މީހުން ފުލުހުން ވަނީ ދެނެގަނެ، އެ މީހުން ހައްޔަރުކޮށްފަ އެވެ.
މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާ ސާބިތުވި ނަމަވެސް، އިއުތިރާފު އެއްބަސްވުމުގެ ދަށުން ހަ މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކަނޑައަޅައި، އޭގެ ތެރެއިން ތިން މަސް ދުވަހަކީ އޭނާގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.
އިކްރާމް ހޭދަކުރި މުއްދަތު އުނިކުރުމުން އެ މައްސަލައިގައި އޭނާ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތަކީ ދެ މަހާއި 17 ދުވަސް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެއިތުރުން އޭނާގެ ހުކުމުގެ ބާކީ ތިން މަހާއި ހަ ދުވަހުގެ ޖަލު އަދަބު 19،200ރ. އިން ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް، އެ ފައިސާ އަށް މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމް ކޮށްފަ އެވެ.
އިކްރާމްގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާއަށް ވެސް އިއުތިރާފުވެފައިވާތީ، ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އެއް އަހަރާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކަނޑައަޅައި، އޭގެ ތެރެއިން ފަސް މަސް ދުވަހަކީ އޭނާގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ކަމަށް ވަނީ ނިންމައިފަ އެވެ.
އަދި ބާކީ ހަތް މަހާއި 12 ދުވަހުގެ ޖަލު އަދަބު ވަނީ 44،800ރ. ގެ ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް، އެ ފައިސާ އަށް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފަވެ އެވެ.
އެ ދައުވާގެ ދަށުން އިކްރާމްގެ މައްޗަށް ދައުލަތުން އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާއަށް ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް އެދިފައިވާއިރު، ކޯޓުން ކުރި ހުކުމުގައި ބުނީ އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާ އާއި ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 24،004ރ. ދައްކަން އިކުރާމް އެއްބަސްވެ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.
އެ ހުކުމުގެ ދަށުން އިކްރާމް ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން، އިކްރާމް ތަންފީޒު ކުރަން ޖެހޭ ފަސް މަސް ދުވަހުގެ ޖަލު އަދަބު ތަންފީޒުކޮށް ނިމިފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ދައުވާއަށް ވެސް އިކްރާމް އިއުތިރާފުވެފައިވާއިރު، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމުގެ ދަށުން 27 ދުވަހަށް އޭނާ ޖަލަށްލުމަށް ކަނޑައަޅައި، އެ ޖަލު އަދަބު 5،400ރ. ގެ ޖޫރިމަނާގެ އަދަބަކަށް ވަނީ ބަދަލުކޮށް އެ ފައިސާ އަށް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އަމުރު ކޮށްފަ އެވެ.
އިކްރާމްގެ މައްޗަށް އުފުލި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއަށް އިއުތިރާފުވެ، ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން ތިން ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ކަނޑައަޅައި، އެ ޖަލު އަދަބު 600ރ. ގެ ޖޫރިމަނާ އަބަދަކަށް ބަދަލުކޮށް އެ ފައިސާ އަށް މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަމުރުކޮށްފަ އެވެ.
Comment